ފުވައްމުލަކަށް ހައި ވޮލްޓޭޖުގައި ކަރަންޓު ދިނުމަށް ބޭނުންކުރާ ޓްރާސްފޯމަރު ހަލާކުވުމުން، އެ ރަށުގެ ކަރަންޓަށް ދިމާވި މައްސަލަ ހައްލުކޮށް ކުރިއެކޭ އެއްގޮތަށް މިއަދު ކަރަންޓު ދޭން ފަށައިފި އެވެ.
ފެނަކައިން ބުނީ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް އައްޑޫން 4،500 ކިލޯވޮޓުގެ ޓްރާންސްފޯމަރެއް ގެންގޮސް އިންސްޓޯލްކޮށްފައިވާ ކަމަށެވެ. މިއާއެކު ފުވައްމުލަކުގެ ކަރަންޓުގެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ފުވައްމުލަކުން ކަރަންޓު ކެނޑުނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ފަތިހު 4:00 ހާއިރުގަ އެވެ. ހިދުމަތް މެދުކެނޑުނީ އެ ސިޓީގައި ބޭނުންކުރަމުންދިޔަ 2،500 ކިލޯވޮޓުގެ ޓްރާންސްފޯމަރު ހަލާކުވެގެންނެވެ.
މައްސަލަ އެއްކޮށް ހައްލު ވަންދެން ވެސް ފެނަކަ އިން އައީ ވަގުތީ ހައްލެއް ހޯދައިގެން މިދިޔަ ތިން ދުވަހު ވެސް ފުވައްމުލަކަށް ކަރަންޓު ދެމުންނެވެ.
އެ ކުންފުނިން ވަނީ އެ ތިން ދުވަހު ފުވައްމުލަކު ރައްޔިތުން އެ ކުންފުންޏަށް ދިން އެއްބާރުލުމާއި ކެތްތެރިކަމަށް ޝުކުރު އަދާކޮށްފަ އެވެ.