އިޓަލީގެ މަޝްހޫރު އައިނު ބްރޭންޑް ރޭ-ބެންއާ ގުޅިގެން ފޭސްބުކުން ބުރާސްފަތު ދުވަހު ނެރުނު ސްމާޓް އައިނުގެ ޕްރައިވެސީއާ މެދު ސުވާލު އުފައްދައި، އެއާ ގުޅޭ ކަންބޮޑުވުންތަކަށް ޖަވާބު ދޭން އިޓަލީގެ ޑޭޓާ ޕްރޮޓެކްޝަން އޮތޯރިޓީ، ގަރެންޓޭ އިން އެދިއްޖެ އެވެ.
އެތަނުން ބުނީ ފޭސްބުކާ ގުޅުން ހުރި އެފަދަ ކަންކަން ޔޫރަޕްގައި ބަލަނީ އަޔަލެންޑްގައި ހުންނަ ޑޭޓާ ޕްރޮޓެކްޝަން ކޮމިޝަނާ (ޑީޕީސީ) އިން ކަމަށްވާތީ އައިނާ ގުޅުން ހުރި ކަންބޮޑުވުންތައް އެތަނާ ހުކުރު ދުވަހު ހިއްސާކޮށްފައިވާ ކަމަށެވެ.
ރޭ-ބެން ބްރޭންޑްގެ މައި ކުންފުނި، ލަގްޒިޓިކާ ގްރޫޕާއި މާކް ޒަކަބާކްގެ ފޭސްބުކް ގުޅިގެން ނެރުނު ސްމާޓް އައިނަށް ދީފައިވާ ނަމަކީ "ރޭ-ބެން ސްޓޯރީޒް" އެވެ. މިއީ ފޮޓޯ އާއި ވީޑިއޯ ރެކޯޑްކޮށް، ފޭސްބުކްގައި އެޕެއް މެދުވެރިކޮށް އެ އެއްޗެހި އެޑިޓްކޮށް، އެހެން ޕްލެޓްފޯމްތަކަށް ޝެއާ ވެސް ކުރެވޭ ގޮތަށް އުފައްދާފައިވާ އެއްޗެކެވެ.
އިޓަލީން އެއާ ބެހޭ ގޮތުން ބުނީ ކަށަވަރުކުރަން ބޭނުންވާ މުހިއްމު ކަންކަމަކީ އެ ޑިވައިސްގެ ސަބަބުން އާންމުންނާއި ކުޑަކުދިންނަށް ހިމާޔަތާއި ރައްކާތެރިކަން ލިއްބައިދޭތޯ އާއި އެ ޑިވައިސްގެ ސަބަބުން މީހުންގެ ޒާތީ މައުލޫމާތަށް އަސަރުކުރަން މަގުފަހިވޭތޯ އެވެ.
ފޭސްބުކުން ބުނީ ސާފުކޮށްދޭން އެދޭ ހުރިހާ މައުލޫމާތެއް ފޯރުކޮށްދޭނެ ކަމަށެވެ.
އެ ކުންފުނީގެ ތަރުޖަމާނު ވިދާޅުވީ އާ ޓެކްނޮލޮޖީއާ ގުޅޭ ޝައްކުތައް ހުރުމަކީ މައްސަލައެއް ނޫން ކަމަށެވެ.
"އެެހެންވީމާ އަހަރެމެން ކަށަވަރުކޮދޭނަން ރޭ-ބެން ސްޓޯރީޒް ބޭނުންކުރާ ކުރާ މީހުންނާއި އެ މީހުންގެ ވަށައިގެން ތިބޭ މީހުންގެ ޕްރައިވެސީ އަށް މީގެ ސަބަނުން އެއްވެސް ނޭދެވޭ އަސަރެއް ނުުކުރާނެކަން،" އޭނާ ވިދާޅުވި އެވެ.
ދެހާސް ނަވާރައިގައި ފޭސްބުކާއި ރޭ-ބެން ގުޅިގެން، އުފެއްދި ސްމާޓް އައިނު ވިއްކަނީ 299 ޑޮލަރު (4,619ރ.) އަށެވެ.