އެޕަލް ފޯނުގެތަކުގެ އަހަރީ އޮޕަރޭޓިން ސިސްޓަމްގެ ބޮޑު އަޕްޑޭޓް މިއޮތީ އަނެއްކާ ވެސް ރަސްމީވެފަ އެވެ. މިފަހަރުގެ އައިއޯއެސް 15 އާ އެކު ވަނީ ތަފާތު އާ ފީޗާތައް އާންމުކޮށްފަ އެވެ. އޭގެތެރެއިން ވެސް އެންމެ ފާހަގަކޮށްލެވުނު އެއް ފީޗާ އަކީ "ފޯކަސް މޯޑް" އެވެ. ދުވަހުގެ ކޮންމެ ހާލަތަކަށް ފައްތާލެވޭ ޕްރޮފައިލްތަކާ އެކު ފޯކަސް މޯޑަކީ އެކި އެޕްލިކޭޝަން ވެސް ފުރާނާލެވޭނެ ފީޗާއެކެވެ.

އެތައް މަހެއްގެ ބީޓާ ޓެސްޓިން އަށް ފަހު އެޕަލް އިން ވަނީ ދާދި ފަހުން އައިއޯއެސް 15 އާ އެކު ފޯކަސް މޯޑު އާންމުކޮށްފަ އެވެ. މިއާ އެކު ފޯނަށް ވަކި ވަގުތެއްގައި ގުޅާ މީހުންނާއި ބޭނުންކުރާ އެޕްލިކޭޝަންތައް ވަކި ވަގުތަކަށް ސެޓުކޮށްލެވޭނެ އެވެ.

މިއީ އޮފީސްތަކާއި ސްކޫލުތަކުގައި އުޅޭއިރު އެކި ކަހަލަ އެޕްލިކޭޝަންތައް ބޭނުންކުރާ މީހުންނަށް އެ ކަންތައް ލިމިޓުކޮށްލަން ވަރަށް ސަޅި ފީޗާއެކެވެ. މިސާލަކަށް އޮފީހަށް އަންނަ އިރު ފޯކަސް މޯޑުގެ ވޯކް ނަގާފައި ބޭންދުމުން ފޯނަށް އަންނާނީ މަސައްކަތާ ގުޅޭ ކޯލްތަކާއި އެޕްލިކޭޝަންތަކެވެ. އަދި މިގޮތަށް ޕްރޮފައިލް ސެޓު ކުރާއިރު މަސައްކަތާ ގުޅުންހުރި އެޕްލިކޭޝަންތަކާއި ކޮންޓެކްޓުތައް ކަނޑައަޅާފައި ބަހައްޓާށެވެ. ދެން އެ ޕްރޮފައިލް ނެގުމުން އިތުރު އެހެން ކޯލެއް ނާންނާނެ އެވެ. އަދި އެހެން ސޯޝަލް މީޑިއާއެއް ވެސް ދެން ބޭނުމެއް ނުކުރެވޭނެ އެވެ.

ގެއަށް ދާއިރު ހޯމް ޕްރޮފައިލް ސެޓުކޮށްލައިފި ނަމަ އޮފީހާ ގުޅޭ ހުރިހާ ކޯލްތަކާއި މެސެޖުތައް އައުން ހުއްޓާލެވޭނެ އެވެ. ޕާސަނަލް ލައިފާއި ޕްރޮފެޝަނަލް ލައިފް ވަކިކޮށްލަން ބޭނުންވާ މީހުންނަށް ފޯކަސް މޯޑަކީ ވަރަށް މޮޅު ފީޗާއަކަށް ވާނެ އެވެ. ގެއަށް ދެވުމުން ސޯޝަލް މީޑިއާތައް ބޭނުންކުރެވޭގޮތަށް ޕްރޮފައިލް ހަމަޖައްސައިފި ނަމަ އެ އެޕްލިކޭޝަންތައް އޮފީސް ވަގުތު ބޭނުން ނުކުރެވޭ ގޮތަށް ހުންނާނެ އެވެ.

ފޯކަސް މޯޑާ އެކު ވަކި ކަންތައްތަކަށް ވަގުތު ސެޓުކޮށް "ޑިސްޓްރެކްޝަން" ކުޑަކޮށްލެވޭނެ އެވެ.

މިއީ އައިއޯއެސް 15 އާ އެކު އައިފޯން ބޭނުންކުރާ މީހުންނަށް މިހާރު ލިބޭނެ ފީޗާއެކެވެ.