ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ރޭ ނޭޕާލް އަތުން ބަލިވުމާ އެކު، ޓީމު ޕްރެޝަރަށް ވެއްޓިއްޖެ ކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
ނޭޕާލް އަތުން ރާއްޖެ ބަލިވީ 1-0 އިން ކަމަށް ވާއިރު، މިއީ ސާފް ޗެމްޕިއަންޝިޕްގައި އެ ގައުމުން ރާއްޖެ ބަލިކުރި ފުރަތަމަ ފަހަރެވެ. މުބާރާތުގައި ފޯމެޓް އޮތް ގޮތުން މެޗުން ބަލިވުމަކީ ރާއްޖެ އަށް އިތުރަށް އުނދަގޫވި ސަބަބެކެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ގައުމީ ކޯޗު ސުޒޭން ބުނީ، މެޗުގެ ކުރިން އޮތް ހާލަތަށް ވުރެ މިހާރު ރާއްޖެ އަށް އޮތް ހާލަތު އުނދަގޫ ވެއްޖެ ކަމަށެވެ. ދެން ޖެހޭނީ އަލުން މަސައްކަތް ފަށަން ކަމަށް އޭނާ ބުންޏެވެ.
"ފުރަތަމަ ތިން ޕޮއިންޓް ގެއްލިގެން ދިއުން އެއީ ހަމަ ވަރަށް ބޮޑަށް ޕްރެޝަރަށް ވެއްޓިގެންދާނެ ސަބަބެއް. އެއީ ޝައްކެއް ވެސް އޮތް ކަމެއް ނޫން. އެހެންވީމާ މިހާރު މި އޮތީ އަލުން ފަށައިގަނެ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައި،" މެޗަށް ފަހު ވާހަކަ ދައްކަމުން ސުޒޭން ބުންޏެވެ.
"މެޗު ފެށިއިރު އޮތް ހާލަތަށް ވުރެ އުނދަގޫ ހާލަތަކަށް ގޮސްފައި މި އޮތީ. އެ އަށް ދެން ވިސްނުމެއް ގެންގުޅެގެން ބަދަލުތަކެއް ގެނައުން އޮތީ. އެހެންވީމާ އެ ޕްރެޝާ ކުޅުންތެރިން ވެސް ކޮންމެވެސް ވަރަކަށް ނަގަން ޖެހޭނެ. އެކަމަކު އެ ޕްރެޝަރަށް ގޮސްގެން ކުޅުންތެރިންގެ ކުޅުމަށް އަސަރުކުރާ ވަރު ހާލަތެއް އިރާދަކުރެއްވިއްޔާ ނާންނާނެ."
ސުޒޭން ބުނިގޮތުގައި، ރާއްޖެ އިން އަދި ވަރަށް ގިނަ ކަންކަން ރަނގަޅު ކުރަން ޖެހޭނެ އެވެ. އެކަންކަން ރަނގަޅު ކުރެވޭނެ ކަމުގެ ޔަގީންކަން އޭނާ އަށް އެބައޮތެވެ. ސުޒޭން ބުނީ މެޗުން ގިނަ ޕޮޒިޓިވް ކަންތައްތަކެއް ފާހަގަ ކުރެވުނު ކަމަށާއި ކުޅުންތެރިން ވެސް އެ ކުޅުންތެރިންގެ އިންޑަވިޖުއަލް މަސައްކަތް އެއްކޮށްލައިގެން މުބާރާތުގައި ކުރިއަށް ދެވޭނެ ކަމަށެވެ.
ދެ ވަނަ ހާފުގައި ނާޕާލުން ރާއްޖޭގެ ގޯލަށް ބާރު ބޮޑު ކުރި އެވެ. ރާއްޖެއަށް މަޑުމަޑުން މެޗުގެ ތެރެއަށް ވަދެވުނީ ބަދަލުތައް ގެންނާން ފެށި ހިސާބުންނެވެ. ނާއިޒު ހަސަން (ދާދު) ކުޅެން ނެރުނު ހިސާބުން ރާއްޖޭގެ އެޓޭކަށް އިތުރު ދިރުމެއް ލިބުނެވެ. ގެނައި ބަދަލުތަކުން ޓީމަށް އައި ކުރި އެރުން ފެނުމުން ދެން ރާއްޖެ ކުޅޭ މެޗުގެ ފުރަތަމަ 11 އަށް ބަދަލު ގެނައުމުގެ ވިސްނުން ގެންގުޅެންތޯ ސުވާލު ކުރުމުން ސުޒޭން ބުނީ، މާބޮޑު ބަދަލެއް ފުރަތަމަ 11 އަށް އަންނާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
"އަޅުގަނޑުމެން އަދި ޓްރޭނިންގައި ދެތިން ހަތަރު ދުވަސް ހޭދަ ކުރާނަން. ދެތިން ދުވަހަކަށް ފަހު އެކަމަށް [ފުރަތަމަ 11 އަށް] ބަދަލު ގެނައުމާމެދު ވިސްނަމުން ދާނަން."
ސުޒޭން ވަނީ ފުރަތަމަ 11 އިން ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ގައުމީ ޓީމަށް އެނބުރި އައި އަސްހަދު އަލީ (އަޑޭ) އަށް ފުރަތަމަ 11 އިން ފުރުސަތު ދީފަ އެވެ.
އަޑޭ ގައުމީ ޓީމަށް މީގެ ކުރިން މެޗެއް ކުޅެފައި ވަނީ މާޗް 2018 ގައި ސިންގަޕޫރް އާ ދެކޮޅަށް ކުޅުނު އިންޓަނޭޝަނަލް ފްރެންޑްލީ މެޗުގަ އެވެ. އޭގެ ތިން އަހަރާއި ހަތް މަސް ފަހުން ގައުމީ ޓީމަށް އެނބުރި އައިސް މުހިންމު މުބާރާތެއްގެ ފުރަތަމަ މެޗުގައި ފުރަތަމަ 11 އިން ފުރުސަތު ދީފައި ވުމަކީ ޓެކްނިކަލީ މައްސަލަ އުފެއްދުމަށް ޖާގަ ލިބޭ ކަމެކެވެ. އަދި ކްލަބު ފުޓްބޯޅައިގައި މިދިޔަ ސީޒަންގައި އަޑޭ ކުޅެފައި ވަނީ ހަތަރު މެެޗެވެ.
އަޑޭގެ ނަން ނުބުނެ ސުޒޭން ބުނީ މިޑްފީލްޑްގައި އެންމެ ރަނގަޅަށް ޕާސް ފޯރުކޮށް ނުދެވި ހުރި ކަމަށެވެ.
"ފުރަތަމަ ހާފުގައި ވެސް ގިނަ ކަންކަން ޓާގެޓަށް ދެވުނު. އެހެން ނަމަވެސް މިޑްފީލްޑް ތެރެއިން އެބަހުރި ބައެއް ޕާސްތައް ކޮންމެވެސް ވަރަކަށް ޑިލޭ ވެފައި. އެކަމަކު ދެ ވަނަ ހާފުގައި ފެނުނީ ރަނގަޅަށް. ތި ފާހަގަ ކުރިހެން ބަދަލުތަކާއެކު މިޑްފީލްޑުން ވެސް ކްރިއޭޓިވްކޮށް ކުޅުނުތަން ފެނިގެން ދިޔަ."
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ދެން ކުޅެން ޖެހޭ މެޗުގައި ނުކުންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބަންގްލަދޭޝްއާ ދެކޮޅަށެވެ. މުބާރާތުގައި ދެން މެޗެއް ކުޅޭނީ ހޯމަ ދުވަހު އެވެ. އެ ދުވަހު ހަވީރު ކުޅޭ މެޗުގައި ނުކުންނާނީ ބަންގްލަދޭޝް އާއި އިންޑިއާ އެވެ. އެރޭ ކުޅޭ މެޗުގައި ނުކުންނާނީ ސްރީ ލަންކާ އާއި ނޭޕާލް އެވެ.