ބަނދަރަށް ވެލި ވަންނަ މައްސަލަ ހައްލުކޮށްދޭން ރ. ކިނޮޅަހުގެ ރައްޔިތުން ސަރުކާރުގައި އާދޭސް ކުރަމުން އަންނަތާ ނުވަ އަހަރު ވެއްޖެ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް އަހްމަދު ހުސެއިން މިއަދު ވިދާޅުވި އެވެ. މި މައްސަލަ ހައްލުވާނެ ކަމުގެ އުއްމީދު ގެއްލި އެންމެފަހުން މިއަދު އެ ރަށު ރައްޔިތުން ވަނީ މަގުމައްޗަށް ނުކުމެ ހިތްމަނުޖެހުން ފާޅުކޮށްފަ އެވެ.
ރ. ކިނޮޅަހުގެ ބަނދަރުގެ ބޮޑު ބަޔަކަށް މިއަދު ވެލި އަރައި، އުޅަނދު ފަހަރަށް ވެސް ނުވަދެވޭ ވަރު ވަނީ ވެފަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ރަށު ބަނދުރު ތެރެ އަށް ވަރަށް ބޮޑަށް ވެލި ވަދެ، ނެރު މައްޗާ ހަމައަށް ހިނގާލާފައި ވެސް ދެވެ އެވެ.
"ރައްޔިތުން ވަރަށް ބޮޑުވަރުން ވެގެން، ކެތްނުވެގެން މިއަދު އެ ނުކުތީ،" ހުސެއިން ވިދާޅުވި އެވެ.
ކިނޮޅަހުގެ އުތުރު ފަރާތުގައި މި ބަނދަރު ހަދާފައި ވަނީ 2010 ވަނަ އަހަރެވެ. މި ބަނދަރު ހެދީ އެ ރަށުގެ އުތުރު ފަރާތުގައި އޮންނަ ބޮޑު ދޮންވެލިގަނޑުން ބައެއް ނެގުމަށް ފަހު، ބަނދަރާއި ދޮންވެލިގަނޑު ވަކިކުރަން ދެމެދުގައި އިންފާރެއްގެ ގޮތުގައި ހިލަ ޖެހުމަށް ފަހު އެވެ. އެކަމަކު އޭގެ އަހަރެއްހާ ދުވަސް ފަހުން އެ އިންފާރު ހަލާކުވެ، ފަޅަށް ވެލި ވަންނަން ފެށި އެވެ.
އޭގެ ފަހުން ކޮންމެ ހުޅަނގު މޫސުމެއްގައި އެ ބަނދަރަށް ވަރަށް ގިނައިން ވެލި އަރަ އެވެ.
ހުސެއިން ބުނީ 2012 ވަނަ އަހަރު ފެށިގެން މި މައްސަލަ ހައްލުކޮށްދޭން އެ ރަށުގެ ކައުންސިލުން ސަރުކާރުގައި އެދެމުން އަންނަ ކަމަށެވެ.
މި ސަރުކާރުން އެ ބަނދަރުގެ މައްސަލަ ހައްލުކޮށްދޭނެ ކަމަށް ބުނެފައިވާ ކަމަށާ އަދި އެ މަސައްކަތް ކުރަން ބަޔަކާ ހަވާލުކުރަން ދެ ފަހަރެއްގެ މަތިން އިއުލާން ވެސް ކުރި ކަމަށެވެ. އެ މަސައްކަތް ކުރަން އޮތީ ޑިޒައިން ވެސް ފައިނަލްކޮށްފަ އެވެ.
"އެކަމަކު ޕްލޭނިން މިނިސްޓްރީން ބުނީ ދެ ފަހަރު އިއުލާންކޮށްގެން ވެސް އެ މަސައްކަތް ކުރާނެ ވަރަށް ޕޮއިންޓް ލިބޭ ބަޔަކު ނުވެގެންނޭ މިއުޅެނީ،" ހުސެއިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރާނެ ކަމަށް މިއަދު މިނިސްޓްރީން ފޯނުން އަންގާފައިވީ ނަމަވެސް، ރަސްމީ ސިފައެއްގައި އެކަން އަދި އަންގާފައިނުވާ ކަމަށެވެ.
"މިއަދު މި ރަށަށް އައި އެމްޓީސީސީ ފެރީ އަށް ވެސް ބަނދަރަށް ކައިރި ނުކުރެވުނު. އެއީ މި ރަށުގައި ދަނޑުވެރިކަން ކުރާ މީހުނަށް ލިބުނު ބޮޑު ގެއްލުމެއް. މި ރަށު މީހުން ފެރީ މެދުވެރިކޮށް އަތޮޅުގެ އެހެން ރަށްރަށް ކާބޯތަކެތި ވިއްކަން ފޮނުވަނީ،" އޭނާ ވިދާޅުވި އެވެ.
މި މައްސަލަ ހައްލުކުރަން ކަމަށް ބުނެ 2017 ވަނަ އަހަރު ކުރީގެ ސަރުކާރުން ވެސް ބާޖަކާއި އެކްސްކަވޭޓަރެއް އެ ރަށަށް ފޮނުވި ކަމަށާއި އެމީހުން ކުރި ހަމައެކަނި ކަމަކީ ފަޅު ތެރޭގައި އޮތް ވެލިތައް ނަގައި އެތަން ފުން ކުރުން ކަމަށާއި ދާއިމީ ހައްލެއް ހޯދައިނުދެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.