ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ 76 ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އަރުވައިފި އެވެ.
ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ލަގަބަކީ ގައުމީ އަދި ބައިނަލްއަގްވާމީ ހިދުމަތްތައް ފާހަގަކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން އަރުވާ މަތީ އިއްޒަތެކެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެ އަށް ރަސްމީ ދަތުރެއްގައި މިއަދު ވަޑައިގެންނެވި ޝާހިދަށް ދައުލަތުގެ އިއްޒަތް އެރުވީ މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިހާރު ކުރިއަށް ގެންދާ ހާއްސަ ޖަލްސާގަ އެވެ.
ޝާހިދަށް އިއްޒަތުގެ ލަގަބު އަރުވަން ރައީސް ނިންމެވީ، ބައިނަލްއަގްވާމީ ދުނިޔޭގައި ރާއްޖެ އަށް ހޯދައި ދެއްވި ފަހުރާއި ހާރިޖީ ދާއިރާގެ ކުރިއެރުމަށްޓަކަ އެވެ. އަދި ބޭރު ދުނިޔޭގައި ރާއްޖޭގެ ނަން ރީތިކޮށް ރާއްޖެ އަށް ކުރާ އިތުބާރު ރަނގަޅު ކުރުމަށް ޝާހިދު ދެއްވާ ހާއްސަ އަހަންމިއްޔަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށް ރައީސްގެ ގަރާރުގައި ވެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޝާހިދުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ޝުކުރު އަދާ ކުރައްވައިފަ އެވެ.
ބައިނަލްއަގްވާމީ މުޖުތަމައުއާ މުޅިން އެކަހެރިވެފައި އޮތުމަށް ފަހު މިއަދު މުޅި ދުނިޔޭގެ އިތުބާރާއި ލޯބި ލިބި އަދި އިސްވެ ބަސް ބުނުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާ ކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.