ރ. ކިނޮޅަހު ބަނދަރަށް ވެލި އަރައި ބެދިފައި ވަނިކޮށް އެތަން ވަދެނުކުމެވޭ ވަރަށް ފުންކޮށްފި އެވެ.
ކިނޮޅަހު ބަނދަރަށް ވެލި އަރައި، ނެރު ބެނދި އެ ރަށުން ލަފާނުފުރޭ ގޮތް ވުމުން މިދިޔަ ހަފްތާގެ ތެރޭގައި އެ ރަށުގެ ރައްޔިތުން ވަނީ މުޒާހަރާކޮށްފަ އެވެ. އެ ރަށުގެ ބަނދަރަކީ ވަރަށް ކުރީއްސުރެ ވެލި އަރާ ތަނެކެވެ.
އެ މައްސަލަ ހައްލު ކުރަން ބަނދަރުގެ ޑިޒައިނަށް ބަދަލު ގެންނަން ޕްލޭނިން މިނިސްޓްރީއިން ހަވާލުކުރީ އެމްޓީސީސީއާ އެވެ.
އެ ކުންފުނިން މިއަދު ބުނެފައިވާ ގޮތުގައި އެ ރަށުން ލަފާފުރޭ ވަރަށް ނެރު ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ ކޮށްފަ އެވެ. އަދިވެސް މަސައްކަތްތައް ކުރިއަށްދާ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.
ކިނޮޅަހުގެ އުތުރު ފަރާތުގައި މި ބަނދަރު ހަދާފައި ވަނީ 2010 ވަނަ އަހަރު އެވެ. ބަނދަރަށް ކޮންމެ ހުޅަނގު މޫސުމެއްގައި ވެލި އަރަން ފެށުމުން 2012 ވަނަ އަހަރުން ފެށިގެން ބަނދަރުގެ މައްސަލަ ހައްލު ކުރަން ސަރުކާރުތަކުގައި އާދޭސް ކުރިއަސް އެކަން ނުކޮށްދިން ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފަ އެވެ.
ބަނދަރު ހެދީ އެ ރަށުގެ އުތުރު ފަރާތުގައި އޮންނަ ބޮޑު ދޮންވެލިގަނޑުން ބައެއް ނަގައި، ބަނދަރާއި ދޮންވެލިގަނޑު ވަކިކުރަން ދެމެދުގައި އިންފާރެއްގެ ގޮތުގައި ހިލަ ޖެހުމަށް ފަހު އެވެ. އެކަމަކު އޭގެ އަހަރެއްހާ ދުވަސް ފަހުން އެ އިންފާރު ހަލާކުވެ، ފަޅަށް ވެލި ވަންނަން ފެށި އެވެ.