ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލުކުރަން ފެށުމުން ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކޮށްފި އެވެ.

މީގެ ކުރިން އަމަލުކުރަމުން ދިޔަ ފުލުހުންގެ ގާނޫނުގައިވާ ގޮތުން، އެ މުއައްސަސާއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނީ ހޯމް މިނިސްޓަރެވެ.

ހޯމް މިނިސްޓްރީގެ ދަށުން ފުލުހުން ވަކިކޮށް، ރައީސް އޮފީހުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް މިދިޔަ އަންގާރަ ދުވަހު ފޮނުވި ސިޓީއެއްގައި ބުނެފައިވާ ގޮތުން، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް" އަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިނގަމުންދާނެ އިދާރާއެއް ކަމަށް ކަނޑައަޅައިފައެއް ނުވެ އެވެ. އެހެންވެ ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ އިދާރާ ހިނގަމުން ދާ ގޮތަށް އޮތް އޮތުން ބަދަލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ސިޓީގައި ވެ އެވެ.

"މިގޮތަށް ހަމަޖެއްސުމާ ގުޅިގެން 2021 މާރިޗް 27 ވަނަ ދުވަހުން ފެށިގެން ތިޔަ މިނިސްޓްރީ އާއި ތިޔަ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ މަސައްކަތްތައް ހަމަޖައްސަވާފައިވާ ގޮތުގެ ލިޔުން މި ސިޓީއާ އެކު ފޮނުވީމެވެ،" ޗީފް އޮފް ސްޓާފް އަލީ ޒާހިރު ފޮނުއްވި ސިޓީގައި ވެ އެވެ.

ފުލުހުންގެ ގާނޫނަށް ގެނައި ބަދަލުތަކުގެ ތެރޭގައި އެންމެ ބޮޑަށް ހިމެނޭ އެއް ކަމަކީ ވެސް އެތަން މިނިވަންކޮށް ހިނގާ ތަނެއްގެ ގޮތުގައި ހަމަޖެއްސުމެވެ. އާ ގާނޫނުގެ ދަށުން ފުލުހުންގެ އިދާރާ ހިންގުމަށް ބޯޑެއް އެކުލަވާލައިފައިވާ އިރު، ފުލުހުންގެ ހިދުމަތްތަކަށް ވެސް ވަނީ ބަދަލުތަކެއް ގެންނަން ފަށައިފަ އެވެ.

އެކަމަކު ގާނޫނުއަސާސީގެ 242 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން، ސަލާމަތީ ކޮންމެ ހިދުމަތެއް ހިންގަން ވާނީ ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ ބެލުމުގެ ދަށުންނެވެ. އެ ވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ސަލާމަތީ ހިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީ ވާން ވާނެ ކަމަށް ވެސް ގާނޫނުއަސާސީގައި ބުނެފައި ވެ އެވެ.

ފުލުހުންގެ އިދާރާގެ މަސްއޫލިއްޔަތުތައް ހޯމް މިނިސްޓްރީގެ ޒިންމާތަކުގެ ތެރެއިން ނެގުމުން، ފުލުހުންގެ ނަމުގައި ޖަވާބުދާރީ ވާނީ ކޮން ވަޒީރެއް ކަމެއް އަދި ނޭނގެ އެވެ.