ނޮވެމްބަރު ތިނެއްގައި ދުޝްމަނުން އުޅޭ ގޮތް ބަލަން ސިފައިންގެ ހެޑްކުއާޓަރުން ބޭރަށް (ރެކީ ޕެޓްރޯލަށް) ނުކުތް ސިފައިންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވި ފަސް ބޭފުޅަކަށް މިރޭ ޝަރަފުގެ އައްޑަނަ ދެއްވައިފި އެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަން ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަރަފުގެ އައްޑަނަ ދެއްވީ ރެކީ ޕެޓްރޯލަށް ނުކުތް ނުވަ ސިފައިންގެ ތެރެއިން ދުނިޔޭގައި މިހާތަނަށް ޝަރަފުގެ އައްޑަނަ ނުދެއްވައި ތިއްބެވި ފަސް ބޭފުުންނަށެވެ.

ރެކީ ޕެޓްރޯލަށް ނުކުތް ނުވަ ބޭފުޅުންގެ ތެރެއިން ތިން ބޭފުޅަކު ދުޝްމަނުންގެ ހަމަލާތަކުގައި ޝަހީދުވެފައި ވާތީ އެ ބޭފުޅުންގެ ހަނދާނަށް މީގެ ކުރިން ވަނީ ޝަރަފުގެ އައްޑަނަ ދެއްވައިފަ އެވެ. އަނެއް ހަ ބޭފުޅުންގެ ތެރެއިން، އެ ލަޝްކަރުގެ ކޮމާންޑަރު މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލަށް ރައީސް ވަނީ 2024 ވަނަ އަހަރު "ނިޝާން އަސްކަރީ"ގެ އިއްޒަތުގެ ވެރިކަން ދެއްވި އެވެ.

މޫސާ އަލީ ޖަލީލް ވަނީ ފަހުން ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމާއި ޑިފެންސް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

މިރޭ ޝަރަފުގެ އައްޑަނަ ލިބިވަޑައިގެންނެވި ބޭފުޅުން:

  1. ސާޖަންޓް ފަސްޓްކްލާސް ރިޓަޔާޑް އިބްރާހީމް ޝަރީފް، ހ. އޮނުތޫރިގެ
  2. ސްޓާފް ސާޖަންޓް ރިޓަޔާޑް ހުސައިން އަލީ (ފުއްކަފަ ދޮންތުއްތު)، ހ. ނަރިދޫގެ.
  3. ސާޖަންޓް ރިޓަޔާޑް ހުސައިން މަނިކު، ގދ.ފަރެސްމާތޮޑާ، މުޝްތަރީގެ
  4. ކޯޕްރަލް ރިޓަޔާޑް އަބްދުﷲ ނަސީމް، ގދ.ތިނަދޫ، އަނބުމާގެ. 
  5. ލާންސްކޯޕްރަލް ރިޓަޔާޑްް އަބްދުﷲ މުފީދު، ށ.ޅައިމަގު، އަސްކަރީ

ކޮންމެ އަހަރެއްގެ ނޮވެމްބަރު ތިން ވަނަ ދުވަސް ނަސްރުުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ފެށީ 1989 ވަނަ އަހަރު އެވެ. އެއީ 1988 ވަނަ އަހަރު ލަންކާގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕްލޯޓް ޖަމާއަތުގެ ހަނގުރާމަވެރިންނާ އެކު ދިވެހިންގެ ބަޔަކު އިސްވެ ތިބެ މާލެއަށް ދިން ހަމަލާ ނާކާމިޔާބުކޮށްލުމުގައި ލިބުނު ނަސްރުގެ އުފާ ފާޅުކުރުމުގެ ގޮތުން ފާހަގަކުރަން ފެށި ދުވަހެކެވެ.

އެ ހަމަލާގައި ސިފައިންގެ އަށްބޭކަލަކު ހިމެނޭ ގޮތުން 19 ދިވެހިން ޝަހީދުވި އެވެ.