ރާއްޖެއަށް މިހާރު ގެންނަމުންދާ ތަރައްްގީގެ ނަތީޖާއަަކީ "ތަހުޒީބު ރާއްޖެއަކަށް" ވުން ކަމަށާއި ތަސައްވުރަކީ އެއީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ. 

އެ މަނިކުފާނު އެހެން ވިދާޅުވީ، މި އަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރަން ބޭއްވި ހާއްސަ ޖަލްސާގަ އެވެ. 

މާލޭގެ ޖުމްހޫރީ މައިދާން ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، ތަހުޒީބު ރާއްޖެއަކަށް ހެދުމަކީ ކޮންމެ ދިވެއްސެއްގެ ވެސް ތަސައްވުރެއް ކަމަށާއި ތަރައްގީއަކީ ވެސް ކޮންމެ ދިވެއްސެއްގެ ހައްގެއް ކަމަށެވެ.

"ކުރިއަރައި ދިއުމަކީ ދިވެހި ގައުމުގެ އިއްޒަތާއި ކަރާމާތު އުފުލިގެންދާނެ ކަމެއް. އެއީ ގައުމަށް ހެޔޮއެދޭ ކޮންމެ ދިވެއްސެެއްގެ އުންމީދު. ކޮންމެ ދިވެއްސެއްގެ ހިތުގެ ދުއާ،" ރައީސް ވިދާޅުވި އެވެ. 

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ނޮވެމްބަރު 17، 2023 ގައި އެ މަނިކުފާނު ޖުމްހޫރީ މައިދާނުގެ ބޮޑު ދިދަ ކައިރީގައި ހުންނަވައިގެން ކުރެއްވި ހުވައަށް ފަހު، ފުރަތަމަ ފަހަރަށް ގައުމާ މުހާތަބު ކުރައްވައި އެ ދުވަހު ދެއްކެވި ވާހަކަފުޅު އަދިވެސް ހަނދުމަފުޅު އެބަހުއްޓެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއްކަމަކީ ރާއްޖޭގެ އިގުތިސާދީ ހާލަތުގެ ވާހަކަ ކަމަށް އެ ދުވަހުގެ ހަނދާން އާކުރައްވަމުން ރައީސް ވިދާޅުވި އެވެ.

މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒުގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ.
މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒުގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ.

ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގެ އިގުތިސާދު ފުން އަނދަވަޅެއްގައި އޮތް ވާހަކަ އާއި އިގުތިސާދު އަލުން ކޮޅަށް ޖަހައި، ދަރަނީގެ ދަންތުރައިން ސަލާމަތް ކުރައްވާނެ ވާހަކަ މަގާމުގެ ހުވާކުރެއްވި ދުވަހު އެ މަނިކުފާނު ރައްޔިތުންނަށް ދެންނެވި ކަމަށެވެ. ދެވަނަ ކަމަކީ ދިވެހި ގައުމީ ދިދައަށް އިހުތިރާމް ކުރުމާއި ދިވެހި ގައުމިއްޔަތުގެ ބަހާތަކާއި ގައުމިއްޔަތަށް އިސްކަންދިނުމުގެ ވާހަކަތަކެވެ. 

ރައީސް ވިދާޅުވީ، އެ ކަންކަން ހަގީގަތަކަށް ހެދުމަށްޓަކައި ފަހުރުވެރިކަމާ އެކު އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. 

"ރާއްޖެ ބަނގުރޫޓު ވެދާނެ ކަމަށް އެކި ފަރާތްތަކުން ދެމުން އައި އިންޒާރުތަކުން، މާތް ﷲ ގެ އިރާދަފުޅާއި މިންވަރުފުޅުން ގައުމު ސަލާމަތް ކޮށްފިން. ޒިންމާދާރުކަމެއް ނެތި ދަރަނި ނަގަމުން ފައިސާ ޗާޕްކުރަމުން ދިޔަ ސަގާފަތް ނިމުމަކަށް ގެނެސް، ނަގާފައި ހުރި ދަރަނިތައް މިދަނީ ދައްކައި ހަލާސް ކުރަމުން. އޭގެ ސަބަބުން ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ދުވަހެއް ދުވަހަށް މި ލޮބުވެތި ގައުމާ މެދު އެދަނީ އިތުރުވަމުން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ދިވެހި ވަތަނީ ހިދުމަތުގެ ނަމުގައި ގައުމީ އަދި ވަތަނީ ޒުވާނުންތަކެއް ނެރުމުގެ ވިސްނުމުގައި ފެށި ޕްރޮގްރާމް ވެސް ދަނީ ކުރިއަށެވެ. އެގޮތުން އެ ޕްރޮގްރާމުން މިހާތަނަށް ހާހަކަށް ވުރެ ގިނަ ޒުވާނުން ދަސްވެނިވެފައިވާއިރު އެތައް ސަތޭކަ ޒުވާނުން މިހާރު ވެސް ޕްރޮގްރާމް ފުރިހަމަ ކުރަމުން އަންނަ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާއަށް ހާޒިރުވި ބައެއް ސިފައިންގެ އޮފިސަރުން.
މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާއަށް ހާޒިރުވި ބައެއް ސިފައިންގެ އޮފިސަރުން.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލައި، ރާއްޖޭގެ މަސްލަހަތު ކުރިއަށް ނެރޭ ހާރިޖީ ސިޔާސަތެއް މިހާރު ވަނީ ގާއިމްކޮށްފަ އެވެ.

"މި ގައުމުގެ ފުރިހަމަ ސިޔާދަތީ ބާރުގެ ތެރޭގައި އޮތް މާސިންގާ ބިޔަ ބޮޑު ކަނޑުގެ ސަރަހައްދެއް ދޫކޮށްލުމަށް ފޮނުވި ސިޓީ އަނބުރާ ގެނެސް، ދޫކޮށްލި ސަރަހައްދާ ގުޅޭ ގޮތުން ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއިން ކުރަންޖެހޭ މަސައްކަތް މިހާރު ވަނީ ފެށިފައި. އަސްކަރީ ގޮތުން ގައުމީ ދިފާއީ ބާރުގެ ގާބިލްކަން ހުރިހާ ގޮތަކުން މިދަނީ އިތުރު ކުރަމުން،" ރައީސް މުއިއްޒު ވިދާޅުވި އެވެ. 

އެ މަނިކުފާނު ވިދާޅުވީ، އޭގެ ބޭނުމަކީ ގައުމުގެ އިސްތިގުލާލް ސަލާމަތްކުރުން ކަމަށެވެ. ފިކުރީ ގޮތުންނާއި މާލީ ގޮތުން ކަމަށް ވިޔަސް ބޭނުމަކީ އެ ގައުމެއްގައި އޮންނަންޖެހޭ އަމިއްލަ ގާބިލްކަން އިތުރުކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

"... އަމިއްލަ ގައުމީ ޝަހުސިއްޔަތު ސާބިތުކުރުން. އޭގެ ބޭނުމަކީ ރައްޔިތުންނަށް ހަމަޖެހުމާއި ރައްކާތެރިކަން ކަށަވަރުކުރުން. ފުދުންތެރި، ބާއްޖަވެރި، އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުން."

މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒުގެ ދެކަނބަލުންނާއި ޑިފެންސް މިނިސްޓަރު ހަސަން ދުވަހާ ގުޅޭ ހާއްސަ ދުއާގައި ބައިވެރިވެވަޑައިގަންނަވަނީ.
މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒުގެ ދެކަނބަލުންނާއި ޑިފެންސް މިނިސްޓަރު ހަސަން ދުވަހާ ގުޅޭ ހާއްސަ ދުއާގައި ބައިވެރިވެވަޑައިގަންނަވަނީ.

ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި ފުދުންތެރި، ބާއްޖަވެރި އަދި އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމުގެ އެންމެ އަސާސީ ބިންގަލަކީ އިގުތިސާދީ މިނިވަންކަމެވެ. ގައުމެއް، ޖަމާއަތެއް އަދި ވަކި ފަރުދަކަށް ވިޔަސް މިނިވަންކަމާ އެކު، ނުފޫޒެއްގެ ދަށުނުވެ ބަސް ބުނެވޭނީ އަމިއްލަ އަތުގައި މިނިވަންކަން އޮވެގެން ކަމަށް ވިދާޅުވި އެވެ.

"އެހެން ކަމުން، މިއަދު، ދިވެހިރާއްޖޭގެ ފަހުރުވެރި ނަސްރުގެ ދުވަހު އަޅުގަނޑުމެން ރާއްޖޭގެ މިނިވަންކަމާ ބެހޭ މި ފަދަ ހާއްސަ ރަސްމިއްޔާތެއްގައި ގައުމާ މެދު ފިކުރު ހިންގާ އިރު، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ނުކުތާތަކާ މެދު ފުންކޮށް ވިސްނަންޖެހޭ. ހަތިޔާރުގެ އަޅުވެތިކަމުން އެ ދުވަހު އަޅުގަނޑުމެން ދިވެހީން މި ގައުމު މިނިވަންކުރި ފަދައިން، ދަރަނީގެ އަޅުވެތިކަމުން ވެސް ދިވެހި ގައުމު މިނިވަންކުރަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

"ތައައްސުބާއި ފިތުނަ ފަސާދައިގެ އަލިފާންތައް ގައުމީ މަސްލަހަތުގެ ކުރިމަތީގައި ނިއްވަން ޖެހޭ. ގައުމަށް އެންމެ ހެޔޮ ގޮތް ދަސްކޮށް ދެނެގަންނަން ޖެހޭ. އަދި އެ ފަދަ ފުރުސަތުތައް ހޯދައި ފަހިކޮށްގެން، ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލުގެ ރަތް ރޮނގަށް ކުޑަވެސް ފަނޑުވުމެއް ނާންނާނޭ މިންވަރަށް ގައުމުގެ އިމަށް ގެނަން ޖެހޭ."