ރާއްޖޭގައި ޒަމާނުއްސުރެ އޮތް 100 ޕަސެންޓު އިސްލާމްވަންތަކަމާއި ދިވެހިންގެ ފުރިހަމަ މިނިވަންކަމާއި ދިވެހިންގެ އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް ކުޑަވެސް އުނިކަމެއް އަންނާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ދެއްވައިފި އެވެ.
އެ ޔަގީންކަން ރައީސް ދެއްވީ މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މާލޭގެ ޖުމްހޫރީ މައިދާން ސަރަހައްދުގައި ބޭއްވި ހާއްސަ ޖަލްސާގަ އެވެ.
"މި ތާރީހީ މައިދާނުގައި ހުރެ، އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވާ ފުރިހަމަ ޔަގީންކަމަކީ ދިވެހިރާއްޖޭގެ ސައްތައިން ސައްތަ އިސްލާންވަންތަކަން، ދިވެހީންގެ ފުރިހަމަ މިނިވަންކަން، ދިވެހީންގެ އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް ކުޑަވެސް އުނިކަމެއް އަންނާނެ ގޮތަކަށް އަޅުގަނޑު އެއްވެސް ކަމެއް ނުކުރާނަންކަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެ މަނިކުފާނު އަޅުއްވާ ކޮންމެ ފިޔަވަޅެއް އަދި ނިންމަވާ ކޮންމެ ނިންމުމެއް ނިންމަވާނީ ދިވެހި ގައުމީ އެންމެހައި ބަހާތަކަށް ފުރިހަމަ ދިރުމާއި އާރޯކަމާއި ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށްޓަކަ އެވެ.
"އެ މާތް މަގުސަދުގައިކަން. އެ ގޮތުން ދިވެހި ރައްޔިތުންނަށް މާ ތަރައްގީ އާ ހަޔާތެއް ހޯދައިދިނުމުގެ މަތިވެރި އުފަލާއި ޔަގީންކަމާ އެކުގައިކަން،" ދިވެހި ގައުމިއްޔަތުގެ ރުކުންތައް ފުނޑުފުނޑު ކޮށްނުލައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ނަސްރުގެ ދުވަހު ދިވެހިން ކާމިޔާބު ހޯދީ މިނިވަންކަމަށްޓަކައި ކަމަށެވެ. ރައީސް ވިދާޅުވީ ނޮވެމްބަރު 3، 1988 ގައި ޝަހީދުވީ ރާއްޖެއަށް ދެރަގޮތެއް ވާން ބޭނުން ނުވި ބައެއް ކަމަށާއި އެ މީހުންގެ ބޭނުމަކީ މި އަމާންކަމުގެ ސުވަރުގެ އަމާންކަންމަތީ ދެމެހެއްޓުން ކަމަށެވެ.
"މި ސައްތައިންސައްތަ މިނިވަން އިސްލާމީ ވަތަންގެ އެ މަތިވެރި ޝަރަފަށް ކުޑަވެސް ލޮޅުމެއް އަރަން ހިތް ނޭދޭތީ. ނަސްރުގެ ދުވަހުގެ ކޮންމެ މުޖާހިދަކީ ހާއްސަކޮށް، ކޮންމެ ޝަހީދަކީ އަޅުގަނޑުމެންނަށް އެތައް ވާހަކަތަކެއް ދޫކުރެއްވި ބޭފުޅެއް. ބައެއް ބޭފުޅުންގެ ކުރިފުޅުމަތީގައި ވަނީ ލޯބިވާ އަނބިދަރީންނާއި ލޯބިވާ ގައުމު. އާއިލާގެ އުފާވެރި މުސްތަގުބަލާއި ގައުމުގެ ސަލާމަތްތެރި މާދަމާ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ބައެއް ޝަހީދުންގެ ކުރިމަތީގައި ވަނީ ލޯބިވާ މައިންބަފައިންނާއި ލޯބިވާ ގައުމެވެ. އެ މައިންބަފައިންގެ އުފާވެރިކަމާއި ތިމާ ފަށަން އޮތް ބާއްޖަވެރި ޒަވާޖީ ހަޔާތާއި އަމިއްލަ ވަތަންގެ ކީރިތި ވެލިފުއްތައް ކަމަށް ވިދާޅުވި އެވެ.
"ހުރިހާ ޝަހީދުން ވެސް ހިޔާރު ކުރެއްވީ ދިވެހި ވަތަން. ދިވެހި ގައުމު. އިސްކަން ދެއްވީ ގައުމާއި ވަތަނުގެ މިނިވަންކަމަށް. ހަމަޖެހުމާއި އަމާންކަމަށް. މުސްތަގުބަލުގެ ތަރައްގީ އާއި ކުރިއެރުމަށް،" ނޮވެމްބަރު 3 ގައި ޝަހީދުވި މީހުންގެ ހަނދާން އާކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އޭގެ ނަތީޖާއަކީ މިއަދު ދިވެހިންނަށް ޝަރަފުވެރި ދިވެހި ދިދައިގެ ހިޔަލުގައި މިނިވަންކަމުގެ އުފަލުގައި ހިނިތުންވުމާ އެކު ކުދިންނާއި އާއިލާއާ އެކު ތިބެވުމެވެ. އެ މަތިވެރި ނިއުމަތުގެ ފުރުސަތު ލިބުނީ އެ ޝަހީދުންގެ އެ އިހުލާސްތެރި ގުރުބާނީގެ ސަބަބުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެހެންވީމާ ގައުމަށް ވަފާތެރިވުމުގެ ނަތީޖާއަކީ އަބަދުވެސް ބާއްޖަވެރިކަން. ގައުމަށް ޣައްދާރުވުމުގެ ނަތީޖާ އަކީ އަބަދުވެސް އަބާއްޖަވެރިކަން. މި ޝަރަފުވެރި މައިދާން ދިވެހި އުންމަތަށް ހަނދާން ކޮށްދެމުން އެ ދަނީ މި ސާފު ހަގީގަތް،" ޖުމްހޫރީ މައިދާން ސަރަހައްދުގައި އެކި ޒަމާންތަކުގައި ގައުމުގެ މިނިވަންކަމާ ދެކޮޅަށް ހިންގި ހާދިސާތަކަށް ވެސް އަލިއަޅުއްވައިލައްވަމުން ރައީސް ވިދާޅުވި އެވެ.