ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ނަރުހުންގެ ކޮންފަރެންސް ނިންމާލައިފި އެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ނަރުހުން އަދި ކޮމިއުނިޓީ ނާސް ވޮލަންޓިއާސް ގުޅިގެން 'ބޮޑުތިލަދުންމަތި ނާސިންގް ކޮންފަރެންސް' ނަމުގައި ބުރާސްފަތިދުވަހު ކުރިޔަށް ގެންދިޔަ އެ ކޮންފަރެންސްގައި 58 ނަރުހުން ބައިވެރިވި އެވެ.
އެ ކޮންފަރެންސްގެ މަގްސަދަކީ ނާސިން ޕްރޮފެޝަނަށް އަދި ދުނިޔޭގައި އެ ހިދުމަތަށް އަންނަ ބަދަލުތަކަށް ނަރުހުން ހޭލުންތެރިކޮށް، އެފަދަ ޕްލެޓްފޯމެއްގެ ތެރެއިން ހިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ މަޝްވަރާކުރުމެވެ.
"ޓްރެންޑްސް އިން ނާސިން ޕްރޮފެޝަން: ޗެލެންޖަސް، އިނޮވޭޝަން އެންޑް އެޑިއުކޭޝަން" ތީމެއްގެ ގޮތުގައި ކަނޑައަޅައިގެން ކުރިޔަށްގެންދިޔަ އެ ކޮންފަރެންސްގައި ނަރުހުންގެ ހިދުމަތާއި ގުޅުންހުރި ދިރާސީ ކަރުދާސްތައް ހުށައެޅުމާއި ހުޅުވާލެވިފައިވާ މާހައުލެއްގައި މަޝްވަރާކުރުމަށް ހުޅުވާލަދިނުން ހިމެނެ އެވެ.
އެ ކޮންފަރެންސްގައި ފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވެފައި ވަނީ، ނެދަލެންޑްސްގެ އެމްސްޓާޑަމް ޔުނިވާސިޓީގެ ސާޖަރީ ޑިޕާޓްމަންޓްގެ ޕްރޮފެސާ ޑާކް އުބިންކް އާއި ވިލާ ކޮލެޖްގެ ނާސިންގް ފެކަލްޓީގެ ޑީން، ޑރ. އަސްމާ އިބްރާހިމް އާއި ކޮމިއުނިޓީ ނަސް ވޮލަންޓިއާސްގެ (ސީއެންވީ) ބޭފުޅުންނެވެ.
ބޮޑުތިލަދުންމަތީ ނާސިންގ ކޮންފަރެންސްގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކްޓިވް އޮފިސަރު އަހުމަދު ދާއޫދު (ޑޭވިޑް) އެވެ.
ދާއޫދު ވިދާޅުވީ ހޮސްޕިޓަލުގައި ހޭދަވި ތިން އަހަރާއި 11 މަސްދުވަހުގެ ދަތުރުގައި، އަތޮޅު ތެރޭގެ ސިއްހީ ހިދުމަތަށް އައިސްފައިވާ ކުރިއެރުން ފާހަގަވި ކަމަށެވެ.
ތަނުގެ އިމާރާތަށާއި މުވައްޒަފުންގެ އަދަދަށް އަދި ހިދުމަތަށް ގެނެވުނު ބޮޑެތި ކުރިއެރުންތައް ފާހަގަކުރެއްވިއިރު، ސަރުކާރުގެ ލާމަރުކަޒީ ސިއްހީ ސިޔާސަތު ފައްކާކުރުމުގައި އެންމެ މުހިންމު އަދި ބުރަ މަސައްކަތެއް ކުރެއްވީ ހޮސްޕިޓަލުގެ މުވައްޒަފުން ކަމަށް އޭނާ ވިދާޅުވި އެވެ.