އޮސްޓްރޭލިޔާ އާއި ރާއްޖޭގެ ސިޔާސީ ގުޅުމަށް 50 އަހަރުވުން ފާހަގަ ކުރުމަށް ބޭއްވި ހަފުލާގައި ހައިކޮމިޝަނަރާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ކޭކު ފަޅުއްވަނީ
22 މެއި 2024 - 12:20
މިއަދު މި ފާހަގަކުރަނީ އޮސްޓްރޭލިއާގެ ހައި ކޮމިޝަން ރާއްޖޭގައި ހުޅުވިތާ އެއްއަހަރު ފުރޭ އަހަރީ ދުވަހެވެ. ދިވެހިރާއްޖެއަށް ހާއްސަކޮށް އޮސްޓްރޭލިއާ އިން ކަނޑައެޅި ފުރަތަމަ "ރެޒިޑެންޓް" ސަފީރުގެ ހައިސިއްޔަތުން، އަޅުގަނޑަށާއި ހައި ކޮމިޝަންގެ މުވައްޒަފުންނަށް ކިޔާފައިވާ މަރުހަބާއަކީ ދުވަހަކު ވެސް ހިތުން ފިލައިގެންނުދާނެ ފަދަ ހޫނު މަރުހަބާއެކެވެ.
މިހާރު ދާއިމީ ގޮތެއްގައި އޮސްޓްރޭލިއާ އިން ރާއްޖޭގައި ހަރަކާތްތެރިވުމުގެ ފުރުސަތު ލިބިފައިވުމުން، އަޅުގަނޑުގެ އަޒުމަކީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި މިއޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ދެ ސަރުކާރުގެ މެދުގައި ގިނަ ދާއިރާތަކުން ދެމުންދާ އެއްބާރުލުން އިތުރަށް ފުޅާކުރުމެވެ.
މިއަހަރު އަޅުގަނޑުމެންގެ ދެ ގައުމުގެ ހާރިޖީ ގުޅުމަށް ބައި ގަރުނު ފުރުނަސް، ދެ ގައުމުގެ މެދުގައި އޮތް ގުޅުމަކީ އެއަށް ވުރެން ވެސް މާ ޒަމާންވީ ގުޅުމެކެވެ. އޮސްޓްރޭލިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުންތަކުގެ ބިންގާ އެޅިގެން ދިޔައީ އިންޑިއާ ކަނޑުގެ އަވައްޓެރިންގެ ގޮތުގައި ކަމީ މާބޮޑަށް ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. ދިވެހި ދަތުރުވެރިން ބެހިގެން އޮސްޓްރޭލިއާއަށް ލެއްގުމުން، ރާއްޖެއަށް އަނބުރާ ގެނައުމުގެ ކުރިން އޮސްޓްރޭލިއާ ދައްކާލަން ގެންދިޔުމާއި، ރާއްޖޭގެ ފަރަށް ބޯޓު އެރުމުން އަނބުރާ އަވަހަށް ދިޔުމުގެ ބަދަލުގައި ރާޅާ އަޅައިލަން އޮސްޓްރޭލިއާގެ ދަތުރުވެރިން މަޑުކުރާ ވާހަކަތައް އަޑުއިވިފައި އެބަހުއްޓެވެ. އިންޑިއާ ކަނޑުން އުފެދުނު، އަޅުގަނޑުމެންގެ ދެ ގައުމުގެ ގުޅުންތައް މިއަދާ ހަމައަށް ވެސް އެ ގާތްކަމާއި ވަރުގަދަކަން މަތީގައި ދެމި އެބައޮތެވެ.
އަޅުގަނޑުމެން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ބިންވަޅު ނެގިފައި އޮތް ގުޅުމަކީ ދެ ގައުމުގެ ގުޅުމުގެ ބިންގަލެވެ. ރާއްޖެ އާއި އޮސްޓްރޭލިއާގެ އެކުވެރިކަން ބިނާވެފައިވާ އެއް އަސާސަކީ، ދެ ގައުމުން ވެސް ގަބޫލުކުރާ ތައުލީމުގެ މުހިންމުކަމެވެ. ދިވެހި ދަރިވަރުން އޮސްޓްރޭލިއާ އަށް ގޮސް، ތައުލީމާއި އަގުހުރި ހުނަރު ދަސްކޮށްގެން އެނބުރި އައިސް، އެ ތައުލީމާއި، ހުނަރާއި ތަޖުރިބާގެ އަލީގައި ގައުމު ތަރައްގީ ކުރަމުން އަންނަތާ 60 އަށް ވުރެ ގިނަ އަހަރު ވެއްޖެ އެވެ.
އޮސްޓްރޭލިއާ އެވޯޑްސް ފަދަ ޕްރޮގްރާމްތަކުގެ ތެރެއިން 700 އަށް ވުރެ ގިނަ ދިވެހި ދަރިވަރުން ވަނީ އޮސްޓްރޭލިއާގައި ތައުލީމު ހާސިލުކޮށްފަ އެވެ. އޭގެ އިތުރުން ވެސް، ދިވެހި ސަރުކާރުގެ ސްކޮލާޝިޕްތަކާއި އަމިއްލަ ހަރަދުގައި ވެސް އެތަކެއް ދިވެހިންނެއް ވަނީ އޮސްޓްރޭލިއާގައި ތައުލީމު ހާސިލުކޮށްފަ އެވެ.
އާއިލާއާއި ރަހުމަތްތެރިންނާ އެހާ ދުރުގައިތިބެ، އޮސްޓްރޭލިއާ އިން ކިޔެވި ހުރިހާ ދިވެހިން ވަނީ އަޅުގަނޑުގެ ގަދަރާ އެކު ހިތުގެ އެންމެ ގާތުން ޖާގަ ހޯދައިފަ އެވެ. އަޅުގަނޑު ދާ ކޮންމެ ތަނަކުން ވެސް އޮސްޓްރޭލިއާ އިން ތައުލީމު ހާސިލުކޮށްފައިވާ ދަރިވަރުންނާ ބައްދަލުވުމުން، އެ ގުރުބާނީތަކާއި ކުރި އިންވެސްޓްމަންޓްތަކުގެ މުހިންމުކަމުގެ އަގުވަޒަން ކުރެވެ އެވެ. ރާއްޖެ އާއި އޮސްޓްރޭލިއާ އާއި ދެމެދު އޮންނަ ގާތް ބަދަހި ގުޅުން ފެށިގެން އަންނަނީ އެފަދަ ދަރިވަރުންގެ ކިބައިންނެވެ.
This week, we visited K. Gulhi with @AusAmbClimate H.E. Kristin Tilley, @ClimateEnvoyMV H.E. Ali Shareef and staff from @MoEnvmv.
— Australian High Commission, Republic of Maldives (@AusHCMV) March 28, 2024
Hear from Ambassador Tilley on what Australia is doing together with Maldives to amplify the voices of countries most vulnerable to #ClimateChange. pic.twitter.com/33Uo8h4g85
އެ ވަރުގަދަ ގުޅުންތަކުން ހިތްވަރު ލިބިގަނެގެން، ދެ ގައުމުން ވެސް ހިއްސާކުރާ ޑިމޮކްރެޓިކް ހަމަތަކާއި އެއްބަޔަކު އަނެއް ބަޔަކަށްކުރާ އިހުތިރާމާއި، އިތުބާރުގެ މައްޗަށް ބިނާވެފައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމުގައި ދެމިތިބެވޭނެ އެވެ.
ދުނިޔެއާއި އަދި ސަރަހައްދީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަންނަން ރާއްޖެ އާއި އޮސްޓްރޭލިއާ ގުޅިގެން މަސައްކަތް ކުރެވިދާނެ އެވެ. މޫސުމަށް އަންނަ ބަދަލުތަކަކީ މުޅި ދުނިޔެއަށް ވެސް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަށް ވާއިރު، ރާއްޖެއަކީ ކަނޑުގެ ލޮނުގަނޑު އުފުލުމާއި ރަށް ގިރުމުގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް ގައުމެވެ. ރާއްޖެއެކޭ އެއް ފަދައިން، އޮސްޓްރޭލިއާ އަށް ވެސް ރަށް ގިރުމާއި ކަނޑުގެ ހޫނުމިން މައްޗަށް ގޮސް، ގާ ހުދުވުމާއި ކަނޑުގެ ދިރުންތަކަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތައް ލިބުމުގެ ނުރައްކަލާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. އޮސްޓްރޭލިއާގެ ކްލައިމެޓް ޗޭންޖް އެމްބެސެޑަރު ދާދި ފަހުން މާލެއަށް ވަޑައިގެންނެވީ، އެ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖޭން ކުރަމުންދާ މަސައްކަތްތައް ދެނެގަތުމަށާއި، ހާއްސަކޮށް ބައިނަލްއަގުވާމީ މައިދާނުގައި އެ މައްސަލަތަކަށް ހައްލު ހޯދުމަށް އެކުގައި މަސައްކަތް ކުރުމުގެ ފުރުސަތުތައް ބެއްލެވުމަށެވެ.
މީގެ އިތުރުން ވެސް، އިގުތިސޯދީ ގޮތުންނާއި އަދި އިސްތިރާޖީ ބޮޑެތި ޓްރެންޑްތަކުން މި ސަރަހައްދު ދަނީ ބައްޓަންވަމުންނެވެ. ބޮޑެތި ބާރުތަކުގެ ވާދަވެރިކަމުގެ ތެރެއިން، އިންޑިއާ ކަނޑުގެ އޮއިވަރު ދަނީ ވަރަށް ހަލުވި މިނެއްގައި ބަދަލުވަމުންނެވެ. މި ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށްޓަކައި އިންޑިއާ ކަނޑުގައި ތިބި އަވައްޓެރި ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުމަށް އޮސްޓްރޭލިއާއަށް މިއަށްވުރެ މުހިންމު ދަނޑިވަޅެއް ދުވަހަކުވެސް ނާދެ އެވެ. މިއީ އަޅުގަނޑުމެންގެ ސަރަހައްދު ކަމުން، މި ސަރަހައްދުގެ ސިފަ އަޅުގަނޑުމެންނަށް ގުޅިގެން ބައްޓަންކުރެވޭނެ އެވެ.
އޮސްޓްރޭލިއާގެ އަބަދުވެސް އަމާޒަކީ، މިނިވަންކަމާއި އިސްތިގުލާލަށް އިހުތިރާމު ކުރާ، އެންމެންނަށް ހަމަހަމަކޮށް ހުޅުވާލެވިފައިވާ އަމާން އަދި ފާގަތި ސަރަހައްދެއްގައި، އިތުބާރު ކުރެވޭ ބައިވެރިއަކަށް ވުމެވެ. އިންޑިއާ ކަނޑުގެ މި ސަރަހައްދަކީ، އެއްބަސްވެފައިވާ ގަވާއިދުތަކާއި މިންގަނޑުތަކާއި ބައިނަލްއަގުވާމީ ގާނޫނު ހިނގާ ސަރަހައްދަކަށް ހެދުމަށެވެ. މި ވިސްނުމުގައި އޮސްޓްރޭލިއާ އިން ވަނީ މިއަހަރުގެ ކުރީކޮޅު، އޮސްޓްރޭލިއާގެ "އިންޑިއަން އޯޝަން ގޭޓްވޭ" ކަމުގައިވާ ޕާތުގައި، އިންޑިއަން އޯޝަން ކޮންފަރެންސް ބާއްވައި، އިންޑިއާ ކަނޑުގެ ސަރަހައްދަކީ އަޅުގަނޑުމެންނަށް އަމާންކަމާއި، ހަމަޖެހުމާ އެކު ދިރިއުޅެވޭނެ ސަރަހައްދަކަށް ހެދުމާއި ބެހޭގޮތުން މަޝްވަރާތައް ކުރެވިފަ އެވެ.
އަޅުގަނޑުގެ އުއްމީދަކީ މުސްތަގުބަލުގައި ވެސް، އޮސްޓްރޭލިއާ އާއި ރާއްޖެ ހިއްސާކުރާ މަސްލަހަތުތައް ކުރިއަރުވައި، ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުންތައް އިތުރަށް ބަދަހިވެ، ވަރުގަދަވެގެން ދިޔުމެވެ.
އެޑިޓަރުގެ ނޯޓް: މިއީ އޮސްޓްރޭލިއާގެ ހައި ކޮމިޝަން ރާއްޖޭގައި ހުޅުވިތާ އެއްއަހަރު ފުރޭ އަހަރީ ދުވަހާ ގުޅިގެން، އޮސްޓްރޭލިއާއިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް ލިޔުއްވާފައިވާ ލިޔުއްވުމެއްގެ ތަރުޖަމާ އެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy