ކޮލަމް ފަސް މިނިޓް: އަސްލު ސައިޒް ފެންނަން އަދި ގާތް ވެސް ނުވޭ!

މިދިޔަ ހުކުރު ދުވަހުގެ ރޭ ރައީސް ޔާމީންގެ ޕީޕީއެމް ފެކްޝަނުން، ބޭއްވި ޖަލްސާ އަށް އެތައް ފާޑުކިޔުމެއް އަމާޒުވި އެވެ. އެންމެ ފުރަތަމަ، ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން އެ ޖަލްސާ އަށް ދާން އެންގުމުންނެވެ. އަދި ދެ ވަނަ ކަމެއްގެ ގޮތުން އެ ޖަލްސާ އަށް އެކި ރަށްރަށުން ގެނައި މީހުންނަށް ފައިސާގެ އެކި އިނާޔަތްތައް ދިނުމުންނެވެ.


މި ޖަލްސާއާ ހަމައަށް ދާން ޖެހުނީ، ޕީޕީއެމް ދެ ބައިވެ، ކޯޓުތައް މެދުވެރިކޮށް ޕާޓީގެ މުސްތަޝާރު ޔާމީންގެ ކޮންޓްރޯލްގެ ދަށަށް ޕާޓީ ގެނައި ނަމަވެސް، ޕާޓީގެ އާންމު މެންބަރުން ތިބީ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ އެކުގައި ކަމަށް މައުމޫންގެ ފެކްޝަނުން ބުނަން ފެށުމުންނެވެ. އެހެންކަމުން މެންބަރުން ތިބީ ތިމަންނާމެންނާ އެކުގައި ކަން ދައްކަން ރައީސް ޔާމީންގެ ފެކްޝަނުން ކޮންމެހެން ވެސް ބޭނުންވީ އެވެ.

ނަމަވެސް މީގައި ރައީސް ޔާމީންގެ ސަރުކާރުން ކުރި ކަމަކީ ކޮބައި ހެއްޔެވެ؟ ނުވަތަ އޭގެ ތެރޭގައި ރައީސް ޔާމީންގެ ފެކްޝަނުން ކުރި އައު ކަމަކީ ކޮބައި ހެއްޔެވެ؟ ޕާޓީ ނިޒާމަށް އަޅުގަނޑުމެން ހޭލައިގަތްތާ ކުރީ ކޮޅުން ފެށިގެން އަޅުގަނޑުމެންނަށް ވަނީ އެ ކަންތައް ދަސްކޮށްދީފަ އެވެ. އެންމެ ފުރަތަމަ ޕާޓީތައް އުފެދި ހިނގައިގަތް އިރު، ވެރިކަމުގައި ހުންނެވީ މިހާރުގެ ރައީސްގެ ލޯބިވާ ބޭބޭފުޅެވެ. ވެރިކަމުގައި ތިއްބެވި ބޭފުޅުން އުފެއްދެވީ ޑީއާރްޕީ ކިޔާ ޕާޓީއެކެވެ.

ޑިސެމްބަރު 23، 2011 ގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާ ލޮނުޒިޔާރަތްކޮޅުގައި ކުރިއަށް ދަނީ. --ފޮޓޯ ދި އިސްލާމް

އޭރު ޑީއާރްޕީން މާލޭގައި ބޮޑު ޖަލްސާއެއް ބާއްވާ ނަމަ، ސަރުކާރުގެ ތެރެއިން ކަންތައް ހިނގާފައި ހުރި ގޮތް، މިހާރު ޕީޕީއެމާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގައި އެންމެ އިސް ބައެއް ބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ. ދެކޮޅު ޓިކެޓާއި ކެއުމާއި ހުރުމާއި ފައިސާ ދީގެން ޑީއާރްޕީގެ ޖަލްސާތަކަށް ރަށްރަށުން މީހުން ގެނައީ ކިހާ ވަރަކަށް ކަން އެނގިވަޑައިގަންނަވާނެ އެވެ. އޭގެ ފަހުން ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި، އެމްޑީޕީގެ ޖަލްސާތަކަށް މީހުން ގެނައުމުގައި ސަރުކާރުގެ ތެރެއިން ކުރި މަސައްކަތް އެމްޑީޕީގެ އިސް ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެވެ. ސަރުކާރު މުވައްޒަފުންނަށް މަޖުބޫރު ކުރުވި ވަރާއި ސަރުކާރު ކުންފުނިތަކުގެ މީހުންނަށް މަޖުބޫރު ކުރި ވަރު އެނގިވަޑައިގަންނަވާނެ އެވެ. ގައިމު ވެސް އެ މުވައްޒަފުން އޭރު އެ ވާހަކަތައް ދެއްކި އެވެ.

އެހެންކަމުން، ރައްޔިތުންގެ ތާއީދު އޮތީ ތިމަންނާމެންނަށް ކަން ދެއްކުމަކީ ކޮންމެ ބަޔަކު ވެސް ކުރި އަދި ކުރާނެ ވެސް ކަމެކެވެ. ޑީއާރްޕީއެއް އެމްޑީޕީއެއް އަދި ޕީޕީއެމްގެ ވަކި ތަފާތެއް ނެތެވެ. ކޮންމެ ބަޔަކު ވެސް ބަލަނީ، ޖާއިޒު ގޮތުގައި ވިޔަސް ނާޖާއިޒު ގޮތުގައި ވިޔަސް، އެ ބަޔަކު ބޭނުން ކަމެއް ކޮށް ނިންމައިލެވޭތޯ އެވެ. ވީއިރު، ރައީސް ޔާމީންގެ ފަޅިން ބޭއްވި "އަސްލު" ޖަލްސާގެ ބޯ ގިނަ ކުރަން އެ ކުރި ކަންތަކަކީ، އަޅުގަނޑުމެންގެ އާދަކާދައިގެ ހަމަތަކުން ބަލާއިރު މައްސަލައެއް ނޫނެވެ.

ނަމަވެސް ސުވާލަކީ، އެ ހުރިހާ ކަމެއް ކޮށްގެން ވެސް ދައްކަން ބޭނުންވި ބޮޑު މަންޒަރު ދެއްކުނު ހެއްޔެވެ؟ އެ ސުވާލަށް ޖަވާބެއް ހޯދާއިރު، "އިސްލާމްދީނުގެ ޙިމާޔަތުގައި ދިވެހިން" މި ޝިއާރުގެ ދަށުން ޑިސެމްބަރު 23، 2011ގައި މާލޭގައި ބޭއްވި މުޒާހަރާ ހަނދާނަށް ގެންނަވާށެވެ! އެ މުޒާހަރާ ބޭއްވީ ރައީސް ނަޝީދުގެ ވެރިކަމުގެ އެންމެ ޗާލާކީ ދުވަސްވަރެވެ. މުޒާހަރާގައި އެމްޑީޕީ ފިޔަވައި އޭރު އޮތް ހަ ސިޔާސީ ޕާޓީއަކާއި 127 މަދަނީ ޖަމިއްޔާ ބައިވެރިވި އެވެ. ރައީސް ނަޝީދު ބޭނުންފުޅުވި ނަމަ، އެ މުޒާހަރާ އަށް މީހުން ނުކުތުމުގެ މާ ކުރިން، އިންތިޒާމު ކުރި ފަރާތްތައް ހިފައި ހައްޔަރުކޮށް ޓެރަރިޒަމްގެ ގޮޅި އަށް ފެއްތުނީހެވެ.

ފެބްރުއަރީ 24، 2012 ގައި "ބޮޑު މަހާސިންތާ"ގެ ނަމުގައި ބޭއްވި ބޮޑު އެއްވުން އާޓިފިޝަލް ބީޗް ސަރަހައްދުގައި ކުރިއަށް ދަނީ. --ފޮޓޯ ދި އިސްލާމް

ނަމަވެސް ޑިމޮކްރެސީގެ ހަމަތަކުގެ މަތިން އިދިކޮޅު ޚިޔާލާއި ފިކުރަށް އެމަނިކުފާނު ޖާގަ ދެއްވުމުން، އޭރުގެ ބޮޑު ފަޅި ފިސާރި ރީއްޗަށް ރައީސް ނަޝީދަށް ދައްކައިލި އެވެ. ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ރައްޔިތުން ދެކޮޅުހެދި ކަންތަކަށް ފާޅުގައި ނޫނެކޭ ބުންޏެވެ. ރައީސް ނަޝީދު އެ އަޑުތަކަށް ބީރު ކަންފަތެއް ދެއްވުމުން ދެން ވެސް ރައްޔިތުން ނުކުމެ އަޑު އިއްވި އެވެ. ނަތީޖާ ފެނުނީ އޭގެ ދޮޅު މަސް ފަހުން ފެބްރުއަރީ 7، 2012ގަ އެވެ.

ފެބްރުއަރީ 8 ގައި އަނެއްކާ އެމްޑީޕީން ބޮޑު މަންޒަރު ދައްކާލި އެވެ. "ބަގާވާތެއް" ގެނައީ ކަމަށް ބުނެ ނުކުތް މީހުންތަކުން އަމީނީ މަގާއި ބޮޑުތަކުރުފާނު މަގު ފުރާލި އެވެ.

އޭގެ ފަހުން ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ފެބްރުއަރީ 24، 2012 ގައި "ބޮޑު މަހާސިންތާ"ގެ ނަމުގައި އެމްޑީޕީ ނޫން އެހެން ހުރިހާ ޕާޓީތައް އެކުވެގެން ބޭއްވި ބިޔަ އެއްވުމެވެ. އެތައް ހާސް ބަޔަކު ބައިވެރިވި މި އެއްވުމުގައި ސަރުކާރު ވެސް ބައިވެރިވި އެވެ. މުޅި އާޓިފިޝަލް ބީޗް ސަރަހައްދު ފުރައިލި އެ އެއްވުމަކީ އޭރުގެ ވެރިކަމަށް ތާއީދުކޮށް، ޖީއެމްއާރް އަތުން ހުޅުލޭ އެއާޕޯޓް އަތުލުމަށް ގޮވާލައި ބޭއްވި އެއްވުމެކެވެ.

އެންމެ ފަހުން އެހާ ގިނަ މީހުން ބައިވެރިވި އެއްވުމަކީ ރައީސް ޔާމީންގެ ވެރިކަމުގައި މެއި 1، 2015 ގައި ބޭއްވި މޭޑޭގެ މުޒާހަރާ އެވެ. އަދާލަތު ޕާޓީ އާއި އެމްޑީޕީ ގުޅިގެން އިންތިޒާމުކުރި އެ މުޒާހަރާގެ ބައިވެރިން މާލޭގެ މަޖީދީ މަގު ފުރައިލި އެވެ. އެ މުޒާހަރާ އަށް ރައީސް ޔާމީންގެ ސަރުކާރުން ހުރަސް ނާޅައި ދޫކޮށްލުމުން އިދިކޮޅު ފަރާތްތައް ނުކުމެ އަސްލު ސައިޒް ދައްކާލައި އެ މީހުންގެ އަޑު ސަރުކާރަށް އިއްވި އެވެ.

މެއި 1، 2015 ގައި ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް އަދާލަތު ޕާޓީ އާއި އެމްޑީޕީ ގުޅިގެން ބޭއްވި ބޮޑު މުޒާހަރާގެ ތެރެއިން. --ފޮޓޯ އެމްޑީޕީ

އެ މުޒާހަރާ އިން ސަރުކާރަށް އިވުނީ އިދިކޮޅު ފަރާތްތަކުގެ އަޑު އެކަންޏެއް ނޫނެވެ. އިދިކޮޅު ފަރާތްތަކުގެ އަސްލު ސައިޒް ވެސް ސަރުކާރަށް ވަޒަން ކޮށްލެވުނީ އެވެ. އެހެންކަމުން އެ މަންޒަރު ތަކުރާރު ނުވާނޭ ގޮތެއް ހަދަން ސަރުކާރުން ވިސްނައި، އެއްވެ އުޅުމުގެ ގާނޫނަށް ގެނައި ބޮޑެތި ބަދަލުތަކާ އެކު މުޒާހަރާ ކުރުމުގެ ހައްގު ފިއްތައިލި އެވެ. އަދި އެންމެ ފަހުން މުޅި މާލޭގައި ވެސް މުޒާހަރާއެއް ކުރެވޭނެ ތަންކޮޅެއް ވެސް ނޯންނަ ގޮތް ހެދި އެވެ.

އެހެންކަމުން މިއަދު މާލޭގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާއެއް ކުރެވޭނެ ގޮތެއް ނެތެވެ. އިދިކޮޅު ފަރާތްތަކުގެ ޖަލްސާއެއް ނުވަތަ އެއްވުމެއް ބާއްވަން ދައުލަތުގެ އެއްވެސް ތަނެއް ސަރުކާރުން ނުދެ އެވެ. ހުސް ބިމެއްގައި ވެސް އަދި ޖަލްސާކުރާ މާލަމެއްގައި ވިޔަސް އިދިކޮޅު ޕާޓީތަކުގެ ހަރަކާތެއް ބާއްވާނެ ފުރުސަތެއް ނުދެ އެވެ. އަސްލަކީ މި އެވެ.

އެހެންކަމުން މިއަދު "އަސްލު"ގެ ގޮތުގައި ފެންނާނީ ސަރުކާރުން ދެއްކި އެއްޗެކެވެ. މުޒާހަރާއެއް ކުރިޔަސް ކުރެވޭނީ ސަރުކާރަށެވެ. އެހެން ވިއްޔާ އެއީ އަސްލު މުޒާހަރާ ހެއްޔެވެ؟ ބޮޑު ޖަލްސާއެއް ބޭއްވިޔަސް ބޭއްވޭނީ ސަރުކާރަށެވެ. އެހެން ވިއްޔާ އެއީ އަސްލު ޖަލްސާ ހެއްޔެވެ؟ ނަމަވެސް އަސްލަކީ ބޭރު ފުށުގެ މަންޒަރެއް ނޫން ކަން މިއަދު ގަބޫލު ކުރަން ވެއްޖެ އެވެ. އަސްލު އޮތީ ރައްޔިތުންގެ ހިތްތަކުގަ އެވެ. މިއަދު ހޯދައި ބަލަންވީ އެ ހިތްތަކުގައި އޮތް އެއްޗެކެވެ. އެއީ ކޮން އެއްޗެއް ކަމެއް އަދި ނޭނގޭތާ އެވެ! އެ ހިތްތަކުގައި އޮތް "އަސްލު" ފެންނާނީ ސަރުކާރުން އެ ފުރުސަތު ދިނިއްޔާ އެވެ. ހަމަ ގައިމު ވެސް މުސްތަޝާރުގެ ފަޅިން މިހާރު އެ އޮތީ އަސްލު ސައިޒް ދައްކާލައިފަ އެވެ. އަނެއް ފަޅީގެ އަސްލު ސައިޒް ވެސް ފެންނާނީ އެފަދަ ފުރުސަތެއް ދިނިއްޔާތާ އެވެ!

މެއި 1، 2015 ގައި ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް އަދާލަތު ޕާޓީ އާއި އެމްޑީޕީ ގުޅިގެން ބޭއްވި ބޮޑު މުޒާހަރާގެ ތެރެއިން. --ފޮޓޯ އެމްޑީޕީ

ރައީސް ޔާމީންގެ ފަޅިން ބުނާ ގޮތުގައި "އަސްލު" ޖަލްސާ ގައި 12،000 މީހުން ބައިވެރިވި އެވެ. އެ އަދަދަށް ބައިވެރި ނުވާނެއެކޭ ނޫނެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އެ އަދަދު އެއަށް ވުރެ ވެސް މާ މައްޗެވެ. ނަމަވެސް ގަލޮޅު ބޯޅަދަނޑުގެ ހަތަރު ފަރާތުގައި ވަށައިގެން ހުރި ސިޑިބަރިތަކުގައި އެންމެ ގިނައިން ތިބެވެނީ 11،000 މީހުންނަށެވެ. ދެން ކާނިވާ ސަރަހައްދުގައި މިހާރު ގޮނޑި ޖަހަން އޮތް ހުސް ބިމުގެ ޖާގަ ބަލައިލީމާ، އެ ތަނުގައި ތިބެވޭނީ ކިތައް މީހުންނަށްތޯ ވެސް ބައެއް މީހުން ސުވާލު އުފައްދަ އެވެ.

މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތަށް ބަލާއިރު، އަދި ގާނޫނީ އިމުގެ ތެރޭގައި ސިޔާސީ ހަރަކާތްތައް ހިފަހައްޓާފައި އޮތް މިންވަރަށް ބަލާއިރު، އަސްލު ސައިޒް ފެންނަން އަދި ގާތް ވެސް ނުވެ އެވެ. އަސްލު ސައިޒް ހޯދަން ބޭނުމިއްޔާ ފުރަތަމަ ކުރަންވީ ކަމަކީ ސިޔާސީ ކޮށި ހުޅުވައިލަންވީ އެވެ. ސިޔާސީ މަސްރަހުގެ ވަށައިގެން ޖަހާފައި ހުރި ގާނޫނީ ހުރަސްތައް ނައްތާލައި، ގާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ ސިޔާސީ މިނިވަންކަން ކުރިން އޮތް ގޮތަށް ދޫކޮށްލަންވީ އެވެ. އޭރުން، ބާރު ހުރީ ސިޔާސީ ޕާޓީތަކުގެ ވަނާޖުބޭސާގައި ކަން ނޫނީ ފައިސާގައި ކަން އެނގިގެން ދާނެ އެވެ.