އޮޕަރޭޝަން ތިއޭޓަރުތައް ތަރައްގީ ކުރުމަކީ ހަރަދު ބޮޑުކަމަށް ވިޔަސް ސަރުކާރުން އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް އޯތޮޕެޑިކް އެސޯސިއޭޝަނުން ބާއްވާ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި، މިނިސްޓަރު އަމީން ވިދާޅުވީ، މާލެއެކޭ އެއް ފެންވަރަށް ކަށީގެ އޮޕަރޭޝަންތައް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ ސަރުކާރުން ކުރަމުން އަންނަ ކަމެއް ކަމަށެވެ. އެކަން ވާނީ ކަށީގެ އޮޕަރޭޝަންތަކަށް މާލެ އައުމަށް އުފުލަންޖެހޭ ތަކުލީފުތަކަށް ލުޔެއް ލިބުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭރުން އައިޖީއެމްއެޗާއި އަމިއްލަ ހޮސްޕިޓަލްތަކަށް ރިފާ ކުރެވޭ މީހުންގެ އަދަދު މަދުވާނެ ކަމަށް ގަބޫލުކުރަން. ކަށީގެ ތަފާތު އޮޕަރޭޝަންތަކާއި އެކި އުމުރުފުރައިގެ އަދި އެކި ހާލަތުގައި ތިބި މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ސާމާނުތަކާއި އާލާތްތަކާއި އެހެނިހެން ވަސީލަތްތައް އިތުރަށް ހޯދަން ޖެހިފައިވާ ކަމީ ހަގީގަތެއް،" ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެ އާލާތްތައް ހޯދުމަކީ ޑޮކްޓަރުުންގެ މަސައްކަތުގެ ފެންވަރާއި އޮޕަރޭޝަންތަކުގެ ކާމިޔާބު އެތައް ގުނައެއް އިތުރު ވުމެވެ.
ސިއްހީ ދާއިރާ އަށް އައި ހަލުވި ސްޕީޑުގެ ފުރިހަމަ ފައިދާ ރައްޔިތުންނަށް ކުރަމުން އަންނަ ކަމަށް ވިދާޅުވެ، މިނިސްޓަރު ވިދާޅުވީ ކުދިކުދި އޮޕަރޭޝަންތައް ކުރުމަށް ވެސް ރާއްޖެ އިން ބޭރަށް ދާން ޖެހުމަކީ މާޒީ ކަމަށެވެ. އަދި ވަކި ޑޮކްޓަރަކަށް ދެއްކުމަށް ބޮޑު ކިއު އަކާއި އެކަށީގެންވާ ވަސީލަތްތައް ނެތުމަކީ ވެސް މާޒީ ކަމަށް އޭނާ ވިދާޅުވި އެވެ.
އަމީން ވިދާޅުވި ގޮތުގައި، އައިޖީއެމްއެޗުގައި ކަށީގެ އޮޕަރޭޝަންތައް ކުރުމަށް ބޮޑު ކިއުއެއް އޮތުމުން، އަމިއްލަ ހޮސްޕިޓަލްތަކުގެ އޮޕަރޭޝަން ތިއޭޓަރުތައް ބޭނުންކުރަން ފެށުމަކީ ލިބުނު ފަސޭހަ އެކެވެ. އަދި މިނިސްޓަރު ވަނީ، ރަނގަޅަށް ފަރުވާ ދިނުމަށް ކުރާ ކޮންމެ ކަމަކަށް ވެސް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ ކަށީގެ ޑޮކްޓަރު މުހައްމަދު ހަބީބް ވަނީ ކަށީގެ ބަލިތަކަށް ފުރަތަމަ ފަރުވާ ދެއްވަން ފެއްޓެވި އިރުގެ ތަޖުރިބާ ހިއްސާ ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ކަށީގެ އޮޕަރޭޝަން ކުރަން މީގެ ކުރިން ޖެހެނީ މީހުން ކައިރީގައި ބުނަން ކަމަށެވެ. އެކަމަކު، ވަސީލަތްތަކާއި މީހުންގެ ވިސްނުމަށް އައިސްފައިވާ ބަދަލަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، ކަށީގެ ޑޮކްޓަރުންނަށް ދައްކަން މިއަދު ދިގު ކިއޫއެއް އޮންނަ ކަމަށެވެ.
އެއް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ކޮންފަރެންސްގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ 50 ތަޖުރިބާކާރުން ބައިވެރިވެ އެވެ.