އެފްއޭއެމް އާއި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އަދި ސްޕެޝިއަލް އޮލިމްޕިކްސް މޯލްޑިވްސް ގުޅިގެން ބްލައިންޑް ފުޓްބޯޅަ ރާއްޖެ އަށް ތައާރަކޮށްފި އެވެ.
ބްލައިންޑް ފުޓްބޯޅަ ތައާރަފްކުރުމަށް އިއްޔެ އެފްއޭއެމް ހައުސްގައި ބޭއްވި ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް އަދި ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަދި ކުރީގެ ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) ބައިވެރިވެވަޑައިގެންނެވި އެވެ.
ފެނުމުން މަހުރޫމުވެފައިވާ ނޫނީ ފެނުމުގައި އުނިކަމެއް ހުންނަ ފަރާތްތަކަށް އަމާޒުކޮށް ދުނިޔޭގައި ކުޅެވޭ މި ފުޓްބޯޅަ އަށް ބޭނުންވާ ހާއްސަ ބޯޅަ ވެސް ވަނީ ރާއްޖެ އަށް ގެނެސްފަ އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ ފީފާ އާއި އޭއެފްސީން ވެސް ވަރަށް ބޮޑަށް އިސްކަންދީގެން ބްލައިންޑް ފުޓްބޯޅަ ކުރިއަރުވަން މަސައްކަތްކުރާކަމަށާއި ރާއްޖޭގައި މިކަން ފެށިގެންދިއުމަކީ ފުޓްބޯޅަ އާއިލާ އަށް ވެސް ލިބިގެންދާ ކުރިއެރުމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
"އެފްއޭއެމުން އިރާދަކުރެއްވިއްޔާ ބްލައިންޑް ފުޓްބޯޅަ ކުރިއެރުވުމަށް ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދޭނަން. ޓެކްނިކަލީ މިކަން ބޭނުންވާ ގޮތް ކޯޗުންނާއި ކުޅުންތެރިން ތަމްރީންކުރުމަށްޓަކައި ނޫނީ ރެފްރީން ތަމްރީން ކުރުމަށް ވެސް އަޅުގަނޑުމެންގެ އެއްބާރުލުން ލިބިގެންދާނެ. މިއީ ފީފާ އާއި އޭއެފްސީން ވެސް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރާ މަސައްކަތެއް،" ބައްސާމް ވިދާޅުވި އެވެ.
ޕެރަލިމްޕިކް ކޮމިޓީ އާއި ސްޕެޝިއަލް އޮލިމްޕިކް ކޮމިޓީގެ ފަރާތުން ބްލައިންޑް ފުޓްބޯޅަ ރާއްޖޭގައި ފަށަން ކުރާ މަސައްކަތުގައި ކޯޗުންގެ ގޮތުގައި މަސައްކަތްކުރާނީ ކުރީގެ ދެ ގޯލްކީޕަރުން ކަމަށްވާ މުހައްމަދު ޝިނާން (ނާނީ) އާއި ހުސެއިން ހަބީބު (ހަބީ) އެވެ. މި ދެ ކޯޗުން އަންނަ މަހު އިންޑިއާގައި ބްލައިންޑް ފުޓްބޯޅައިގެ ކޯސްތަކެއް ފުރިހަމަކުރާނެ އެވެ.
ޕެރަލިމްޕިކް ކޮމިޓީން މިހާތަަނަށް ވަނީ ރާއްޖޭގެ ބައެއް ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ގުޅި ބައިނަލްއަގުވާމީ މުބާރާތްތަކުގައި މެޑަލް ވެސް ގެނެސްފަ އެވެ. އެ ގޮތުން މިހާތަނަށް ވަނީ އެތުލެޓިކްސް އާއި ބެޑްމިންޓަނުން މެޑަލް ގެނެސްފަ އެވެ. ބްލައިންޑް ފުޓްބޯޅަ ތައާރަފްކޮށް އެފްއޭއެމާއި ގުޅުން ބަދަހިކޮށްފައިވާއިރު، ސްވިމިން އެސޯސިއޭޝަނާ އެކު ވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށް ޕެރަލިމްޕިކް ކޮމިޓީން ބުނެ އެވެ.