ވިދިވިދިގެން ތިންވަނަ ފަހަރަށް ބޫޓާންގެ ޕަރޯ އެފްސީ، އޭއެފްސީ ޗެލެންޖް ލީގުގެ ގުރޫޕް ސްޓޭޖުން ޖާގަ ހޯދައިފި އެވެ. 

މުބާރާތުގެ ޕްރިލިމިނަރީ ބުރުގައި އަމިއްލަ ގައުމުގައި ކުޅެ ޕަރޯއިން، މިފަހަރުގެ ޗެލެންޖް ލީގުން ޖާގަ ހޯދީ އަފްޣާނިސްތާނުގެ އަބޫ މުސްލިމް އެފްސީގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައިގެންނެވެ. 

މިދިޔަ އަހަރު ވެސް ތިމްޕޫގް ކްލަބުން، މުބާރާތުގެ ގުރޫޕް ސްޓޭޖުން ޖާގަ ހޯދީ އަފްޣާނިސްތާނުގެ ޗެމްޕިއަން ބަލިކުރުމަށް ފަހު އެވެ. އަފްޣާންގެ އެއްވެސް ކްލަބަކަށް އަދި މިހާތަނަށް އޭއެފްސީ މުބާރާތުގެ ގުރޫޕް ސްޓޭޖުން ޖާގަ ލިބިފައެއް ނުވެ އެވެ. 

އިއްޔެ ކުޅުނު މެޗުގައި ޕަރޯގެ ލަނޑުތައް ޖެހީ ޖަޕާނުގެ މިޑްފީލްޑަރު ޔޫޓާ މިޝިމާ އާއި ގެމްބިއާގެ އަބްދުﷲ ބަލްޑޭ އެވެ. 

މެޗުގެ ފުރަތަމަ މިނިޓުން ފެށިގެން ވެސް އަބޫ މުސްލިމުން ވަނީ ޕެރޯ ފަހަތަށް ބާރުބޮޑުކޮށްފަ އެވެ. އެ ޓީމުގެ ޑިފެންޑަރު މޮސްތަފާ ޖަވަދިއަންކައުތެނާއީ ކުރި މަސައްކަތްތައް ޕެރޯގެ ޑިފެންޑަރުން ހުރަސް އެޅުމުން، އޭނާ އަށް ފުރުސަތުގެ ބޭނުމެއް ނުކުރެވުނެވެ.

މިޝިމާ، ލަނޑު ޖެހުމަށް އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްސީ
މިޝިމާ، ލަނޑު ޖެހުމަށް އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްސީ

މެޗުގެ 13 ވަނަ މިނެޓުގައި މިޝިމާއަށް ލީޑު ނަގައިދޭން ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް ނިމާ ވަންގްޑީ ނަގައިދިން ހުރަސް ގޯލާ އަމާޒުކޮށްލެވޭ ގޮތެއްނުވި އެވެ.

އޭގެ ފަސް މިނެޓު ފަހުން މިޝިމާ ވަނީ އަބޫ މުސްލިމްގެ ޑިފެންޑަރުންނަށް ދިފާއު ކުރުމުގައި ފަރުވާކުޑަކޮށްލެވުނު ބޯޅަ އެއް ހޯދައި ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ. އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. 

މެޗުގެ 33 ވަނަ މިނެޓުގައި އަބޫ މުސްލިމްގެ އަލީ ރިޒާ އަށް ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ޕަރޯގެ ގޯލުކީޕަރު ލަމިން ސައިޑީ ކައިރިން ނައްޓާލުމަށްފަހު އޭނާ ހުރަސްކޮށްލި ބޯޅައަށް އަރާނެ އިތުރު އެއްވެސް ކުޅުންތެރިއަކު ނުވުމުން އެ ފުރުސަތު ވެސް ބޭކާރުވި އެވެ.

އަބޫ މުސްލިމް އެފްސީ އާއި ޕަރޯ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭއެފްސީ
އަބޫ މުސްލިމް އެފްސީ އާއި ޕަރޯ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭއެފްސީ

މެޗުގެ 83 ވަނަ މިނެޓުގައި އަބޫ މުސްލިމްގެ ޑީގޯ ރޮޑްރިގޭޒަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްލަން ހުސް ފުރުސަތެއް ލިބުނު ނަމަވެސް، ކީޕަރު ސައިޑީ  ނެތް ވަގުތު އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ.

ޕަރޯގެ ދެވަނަ ލަނޑު 84 ވަނަ މިނެޓުގައި ބަލްޑޭ ޖެހީ ސަގްނާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.  ބަލްޑޭ ނީ ކީޕަރު ކައިރިން ނައްޓާލުމަށްފަހު ހުސް ގޯލަކަށް ބޯޅަ އަމާޒުކޮށްލާފަ އެވެ.

މެޗުގެ ފަހު ވަގުތުކޮޅުގައި އަބޫ މުސްލިމަށް އިތުރު މައްސަލަތަކާ ކުރިމަތިލާންޖެހުނެވެ. ފަހު ވަގުތުގެ އެ ޓީމުން މެޗު ނިންމާލީ ދެ ކުޅުންތެރިން މަދުކޮށެވެ. އެއީ  89 ވަނަ މިނެޓާއި 91 ވަނަ މިނެޓުގައި އެ ޓީމުގެ މަހްބޫބް ހަނިފީ އަދި އަޒާދު ޖަފަރުޒާދޭއަށް ދެވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ.