އިންސާނުން ބޭނުންކުރާ ލަފުޒުތައް ނަކަލުކުރާ ގުރައެއް ގެންގުޅުމަކީ ބައެއް ހާލަތްތަކުގައި ބޮލުގެ ރިހުމަކަށް ވެސް ވެދާނެ އެވެ.

ރޮކޯގެ ނަން ދީފައިވާ އެފްރިކަން ޕެރޮޓެއް އޭގެ ވެރިމީހާ ވަޒީފާ އަށް ދިޔަ ވަގުތާ ދިމާކޮށްފައި ވަރުގަދަ އަށް ވިޔަފާރިކޮށްފަ އެވެ.

ބީބީސީން ބުނި ގޮތުގައި އެމެޒޯންގެ އެލެކްސާ ޑިވައިސް ބޭނުންކޮށްގެން ރޮކޯ ވަނީ އެމެޒޯންގެ އޮންލައިން ފިހާރަ އަށް ދިގު ލިސްޓަކަށް އޯޑަރުކޮށްފަ އެވެ. ލިސްޓްގައި ހިމެނެނީ ކަރަ އާއި ލުއިކާނާ އާއި ހިކި މޭބިސްކަދުރާއި ބްރޮކޮލީ އާއި އައިސް ކްރީމާއި ބޮތްކަކާއި ގުޑިއެކެވެ.

ރޮކޯގެ ވެރިމީހާ މެރިއޯން ވިޝްނިއުސްކީ ޑެއިލީ މެއިލް އަށް ކިޔައި ދިން ގޮތުގައި އޭނާ މަސައްކަތް ކުރާ ބާކްޝަޔާގެ ނެޝަނަލް އެނިމަލް ވެލްފެއާ ޓްރަސްޓް ސެންކްޗުއަރީން ގެއަށް ގެނައި "ލާނެތް" ގުރާ އެމެޒޯން އިން ވިޔަފާރި ކުރިކަން އެނގުނީ ގެއަށް އައިސް ޝޮޕިން ލިސްޓް ޗެކްކުރުމުންނެވެ. އަދި އޯޑަރުކުރި ތަކެތި ކެންސަލް ކުރަން އެންގި ކަމަށް ބުންޏެވެ.

"އަހަރެން އަބަދު ވެސް މަސައްކަތުން ގެއަށް އައިސްފައި ޝޮޕިން ލިސްޓް ޗެކްކޮށްލަން. އެހެންވެ ރޮކޯ މި ވަރުގެ ކަމެއްކޮށްލިކަން އެނގުނީ،" މެރިއޯން ބުންޏެވެ.

މީގެ ކުރިން ވެސް ރޮކޯ އުނދަގޫ ބޮޑުވެފައިވެ އެވެ. އެ ފަހަރު މައްސަލައަކަށްވީ އޭތި ބަހައްޓާފައި ހުންނަ ނެޝަނަލް އެނިމަލް ވެލްފެއާ ޓްރަސްޓް ސެންކްޗުއަރީ އަށް ޒިޔާރަތް ކުރާ މީހުންނާ ދިމާ އަށް ލަދުވެތި ބަސްތައް ރައްދު ކުރުމެވެ.

"މިއީ ވަރެއްގެ ގުރައެއް. އަހަރެން ގެއަށް އައިސް ވަންނަ އިރެއް ލޯބީގެ ލަވަތައް ކިޔައި ނަށަން ވެސް ފަށާނެ،" މެރިއޯން ބުންޏެވެ. "އަހަރެން ރޮކޯ ގެއަށް ގެންނަން ބޭނުންވީ ވެސް މީގެ ލާނެއްކަމާ ހެދި."