ރޯމް (އޮގަސްޓް 29) – ޔުވެންޓަސް އަށް ބަދަލުވާން ހަމަޖެހިފައިވަނިކޮށް ހިތުގެ މައްސަލައެއް ހުރިކަން އެނގުމުން އެ ކްލަބުން ދޫކޮށްލި ސަމްޑޯރިއާގެ އުއްމީދީ ފޯވާޑް ޕެޓްރިކް ޝިކް ރޯމާ އަށް ބަދަލުވެއްޖެ އެވެ.
ޗެކް ރިޕަބްލިކުގެ އުމުރުން 21 އަހަރުގެ ފޯވާޑް މިދިޔަ ސީޒަނުގައި 35 މެޗުން 13 ގޯލް ޖެހިއިރު އޭނާ އަކީ އާ ޒަލަޓާން އިބްރަހިމޮވިޗް ކަމަށް ގިނަ ބަޔަކު ފާހަގަކުރެ އެވެ.
މިދިޔަ ސީޒަން ނިމުމާ އެކު ޔުވެންޓަސް އިން އޭނާ ގެންދަން ނިންމައި 30 މިލިއަން ޔޫރޯގެ އަގަކަށް އެއްބަސްވި އެވެ. އެކަމަކު މެޑިކަލް ޓެސްޓް ހެދިއިރު އޭނާގެ ހިތުގެ މައްސަލައެއް ފާހަގަވުމުން ޔުވެންޓަސް އިން ފަހަތަށް ޖެހުނީ އެވެ. އެކަމަކު މިހާރު އެ މައްސަލަ ވަނީ ހައްލުވެފަ އެވެ.
އޭނާ ގެންދަން ފަހުން ވެސް ޔުވެންޓަސް އިން އަދި އިންޓަ އާއި ޗެލްސީ އަދި ޓޮޓެންހަމް ހޮޓްސްޕާސް އިން ވެސް މަސައްކަތްކުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު ރޯމާ އިން މިހާރު ވަނީ ސަމްޕްޑޮރިއާއާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ. ބެލެވޭ ގޮތުގައި އެއީ އެއް ސީޒަނުގެ ލޯން އެއްބަސްވުމެއްގެ ދަށުން ދޫކޮށްލުމަށް ފަހު އަންނަ ސީޒަނުގައި 38 މިލިއަން ޔޫރޯ އަށް ގަތުމަށެވެ.
އޭނާ ރޭ ރޯމް އަށް ގޮސްފައިވާއިރު މިއަދު މެޑިކަލް ޓެސްޓް ހެދުމަށް ފަހު ކޮންޓްރެކްޓުގައި ސޮއިކުރާނެ އެވެ.