މީގެ ކުރިން ކުޅުނު ދެ މެޗުގައި ރޮނާލްޑޯ އަށް ޔުނައިޓެޑް ސަލާމަތްކޮށް ދެވުނަސް މިރޭ ސިޓީ ކައިރީގައި އެހީއެއް ނުވެދެވުނު
06 ނޮވެމްބަރ 2021 - 20:37
މެންޗެސްޓާ (ނޮވެމްބަރު 6) - އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ކުޅުނު މެންޗެސްޓާ ޑާބީ 2-0 އިން މެންޗެސްޓާ ސިޓީ ކާމިޔާބު ކޮށްފި އެވެ.
މި ނަތީޖާއާއެކު ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ޕެޕް ގާޑިއޯލާގެ ސިޓީ ވަނީ 11 މެޗު ކުޅެގެން 23 ޕޮއިންޓާ އެކު ވަގުތީ ގޮތުން ތާވަލުގެ ދެވަނަ އަށް ޖެހިލައިފަ އެވެ. ޔުނައިޓެޑަށް މޮޅު ނުވެވުނުއިރު، އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އަށް ވަނީ އަނެއްކާ ވެސް ޕްރެޝަރު ބޮޑު ވެފަ އެވެ.
ލީގުގައި ލިވަޕޫލް އަތުން 5-0 އިން އަމިއްލަ ދަނޑުގައި ބަލިވި މެޗަށް ފަހު، ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ކުޅުނު މެޗާއި ޗެމްޕިއަންސް ލީގުގައި އިޓަލީގެ އެޓަލާންޓާއާ ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑާއި ކޯޗު ސަލާމަތް ކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެެވެ. ނަމަވެސް މިރޭގެ މެޗުގައި ޔުނައިޓެޑް ސަލާމަތްކޮށްދޭކަށް ރޮނާލްޑޯ އަށް އެހީއެއް ނުވެވުނެވެ.
މި ފަހުން ޔުނައިޓެޑުން ނެރެމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން އެ ޓީމުގެ ސަޕޯޓަރުން ދަނީ ސޯޝަލް މީޑިއާގައި ކސޯލްޝެއާ އާދެކޮޅަށް ވަރަށް ގަދައަށް އަޑު އުފުލަމުންނެވެ.
ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ފަސް ޑިފެންޑަރުންނާ އެކު ފެށި މިއަދުގެ މެޗުގައި ސިޓީ އިން ލީޑު ނެގީ މެޗުގެ ހަތް ވަނަ މިނިޓުގައި، ޔުނައިޓެޑުގެ އެރިކް ބެއިލީ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. މިއީ ސިޓީގެ ޔާއޯ ކަންސެލޯ ނަގައިދިން ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އޭނާގެ ފައިގައި ޖެހިފައި ގޯލަށް ވަން ލަނޑެކެވެ. އަދި މިއީ ލީގުގައި ކުޅުނު މެންޗެސްޓާ ޑާބީ އެއްގައި ޔުނައިޓެޑުގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ފުރަތަމަ ލަނޑެވެ.
ސިޓީގެ ދެވަނަ ލަނޑު ފުރަތަމަ ހާފު ނިމުމުގެ ކުރިން، ކަންސެލޯ ނަގައިދިން ހުރަހަކުން ޖަހައިދިނީ ބެނާޑޯ ސިލްވާ އެވެ. ބެނާޑޯ މި ލަނޑު ޖެހީ ކަންސެލޯގެ ހުރަސް، ޔުނައިޓެޑުގެ ލޫކް ޝޯ ދިފާއުކުރަން އުޅެނިކޮށް، އޭނާގެ ފަހަތުގައި ހުރެ، ހަނި އޭންގަލުން ގޯލަށް ބޯޅަ ފޮނުވާލައިގެންނެވެ. މިއީ ބެނާޑޯ ޔުނައިޓެޑް ކޮޅަށް ޖެހި ތިންވަނަ ލަނޑެވެ. މި ތިން ލަނޑު ވެސް ޖަހާފައި ވަނީ ޔުނައިޓެޑުގެ އޯލްޑް ޓްރަފޯޑް ސްޓޭޑިއަމްގަ އެވެ.
މީގެ އިތުރުން ވެސް މި ހާާފުގައި ސިޓީން ވަނީ ޔުނައިޓެޑުގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. ކަންސެލޯ އާއި ގެބްރިއެލް ޖީސަސްގެ ހަމަލާތައް ޔުނައިޓެޑުގެ ކީޕަރު ޑޭވިޑް ޑެހެއާ ދިފާއުކުރިއިރު، ކެވިން ޑިބްރޭނާ ފޮނުވާލި ބޯޅަ ބްލޮކް ކުރީ ލޫކް ޝޯ އެވެ.
ޔުނައިޓެޑުގެ ބްރޫނޯ ފެނާންޑޭޒް އަށް ވަނީ މި ހާފުގައި ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބި، ބޭކާރު ވެފަ އެވެ. ލޫކް ޝޯ ނަގައިދިން ހުރަހެއް ރޮނާލްޑޯ އެއްފަހަރުން ފޮނުވައިލި ބޯޅަ ސިޓީގެ ކީޕަރު އެޑަސަން ދިފާއު ކުރުމުން އަލުން ކުޅުމުގެ ތެރެއަށް އައި އިރު، ކައިރީގައި ހުރި ފެނާންޑޭޒް އަށް އެ ބޯޅަ މާރަނގަޅަށް ފޮނުވާލެވޭ ގޮތެއް ނުވި އެވެ.
ދެވަނަ ހާފް ޔުނައިޓެޑުން ފެށީ ޑިފެންޑަރު ބެއިލީގެ ބަދަލުގައި، މި ސީޒަނުގައި ޖަރުމަންގެ ބޮރޫޝިއާ ޑޯޓަމްންޑުން 100 މިލިއަން ޑޮލަރަށް ގެނައި ޖޯޑަން ސަންޗޯ ކުޅެން އަރުވައިގެންނެވެ. އަދި ވަކި ހިސާބަކުން މާކަސް ރަޝްފޯޑާއި އެލެކްސް ޓެލޭސް އަދި ޑޮނީ ވެން ޑި ބީކް ކުޅެން އަރުވައި ކުޅުން ރަނގަޅު ކުރި އެެވެ. ނަމަވެސް ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވިފައެއް ނުވެ އެވެ.
ސިޓީން ދެވަނަ ހާފުގައި އެންމެ ނުރައްކާތެރި ހަމަލާ ފޮނުވައިލީ ފުރިހަމަ ވަގުތު ހަމަވާން 10 މިނިޓަށް ވެފައި ވަނިކޮށް މިޑްފީލްޑަރު ފިލް ފޯޑެން އެވެ. އޭރިއާ ރޮނގު މަތީގައި ހުރެ ލިބުނު ބޯޅަ ކޮންޓްރޯލް ކޮށްލާފައި ފޮނުވާލުމުން އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
މެޗުގެ 90 ވަނަ މިނިޓްގައި ޑިބްރޭނާ އަތުން ބޯޅަ ހޯދަން ޔުނައިޓެޑުގެ ފެނާންޑޭޒް ފައުލް ކުރިއިރު، ޑިބްރޭނާ ވެއްޓޭން ދަނިކޮށް ރޮނާލްޑޯ ޖެހި ޓެކްލަކަށް، ރެފްރީ ވަނީ ރޮނާލްޑޯ އަށް ރީނދޫ ކާޑެއް ދައްކައިފަ އެވެ.
ސިޓީން މެޗު ނިންމާލީ އެއްވެސް ކުޅުންތެރިއަކު ބަދަލު ނުކޮށެވެ. މުޅި މެޗުގައި ވެސް ކޯޗްގާޑިއޯލާ ބޭނުން ކުރީ ފުރަތަމަ 11 ގެ ކުޅުނު ކުޅުންތެރިން އެކަންޏެވެ.
މި މެޗާއެކު ސިޓީ ވެފައި ވަނީ ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް ޔުނައިޓެޑުގެ ދަނޑުގައި އެ ޓީމު އެންމެ ގިނަ ފަހަރު ބަލިކުރި ޓީމަށެވެ. ސިޓީން ވަނީ ޔުނައިޓެޑުގެ ދަނޑުގައި އެ ޓީމު އަށް ފަހަރު ބަލި ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
07 November 2021
މަރުހަބާ އެކުވެރި @ލެއގިކޮމިޝަނަރ
ލިވަޕޫލްފޭންސް
07 November 2021
ރޭގަ ބޮޑާލްޑޯ ކުޅުނުތަ؟ ޓޭޕާލްޑޯ ކުޅުނުތަ؟
ޖުޕިޓާ
06 November 2021
ހެހެހެ. ސީއާރަކީ އިންސާނެއް ކަން ޔަގީން ވީތަ؟