މިދިޔަ ހަފްތާގައި އިސްލާހުކުރި ގަވައިދުގައި ހިމަނަފާއި ވަނީ މީގެ ހަ އަހަރު ކުރިން ގާނޫނަށް ގެނައި އިސްލާހެއްގައި ސިވިލް ސާވަންޓުންނަށް މަނާވި ކަންކަން
މީހަކު ސިޔާސީ އެއްވުމެއްގައި ގައުމީ ދިދައެއް ހިފައިގެން. ސިވިލް ސާވިސްގެ ގަވައިދުގައި ބުނާ ގޮތުން ސިވިލް ސާވަންޓުންނަށް ސިޔާސީ ކަންކަމުގައި ބައިވެރި ނުވެވޭނީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރާއިރު. -- ފޮޓޯ: ނިޝާން އަލީ/މިހާރު
07 ނޮވެމްބަރ 2021 - 08:21
ދިވެހި ސިވިލް ސާވިސްގެ ގަވައިދަށް ބަދަލު ގެނެސް އަލުން ގެޒެޓްކުރުމާ އެކު ފެނުނީ މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ މަސައްކަތެއްގައި އުޅޭ އެއްވެސް ވަގުތެއްގައި ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމަކީ ވަޒީފާއިން ވަކިކުރެވޭނެ ކުށެއް ކަމަށް ބަޔާންކޮށްފައި އޮތް ތަނެވެ. - ބައެއް މީހުންނަށް މިއީ މުޅިން އާ ވާހަކައެކެވެ.
ސިޔާސީ ކަންކަމުގައި ބައިވެރިވާ ނަމަ ސިވިލް ސާވިސް މުވައްޒަފުން ވަޒީފާ އިން ވަކިކުރާ ގޮތަށް ގަވައިދު އިސްލާހުކޮށްފި ކަމަށް، މި ވީ ކީއްކަން ނޭނގި ތިބެ، ބައެއް ނޫސްތަކުން ރިޕޯޓްކުރުމާ އެކު ދެން ފެނުނީ ސިވިލް ސާވިސް ގާނޫނަށް އެކިފަހަރު އެކި އިސްލާހު ގެންނަން 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވޯޓު ދެއްވި ބައެއް މެންބަރުން ވެސް އާ ގަވައިދާ މެދު ވަރަށް ކަންބޮޑުވެ ވަޑައިގެން ސިވިލް ސާވަންޓުންގެ "ހައްގުގައި" ނުކުންނެވި ތަނެވެ.
ސިވިލް ސާވަންޓުންގެ ހައްގު ނިގުޅައިގެންފި ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވި "ގާނޫނު ހެއްދެވި" ބައެއް ބޭފުޅުންނަށް ވެސް އެ ބޭފުޅުންނަށް ސިވިލް ސާވިސް ގާނޫނަށް ގެނެވުނީ ކޮން ބަދަލެއްކަން ހަނދާނެއް ނެތެވެ. އެހެންވެ ގަވައިދަށް ގެނައި އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލައި ސިވިލް ސާވަންޓުންގެ ގެއްލުނު ހައްގު ދޭން އަޑު އުފުއްލަން ފެއްޓެވީ އެވެ.
ސިވިލް ސާވިސް ގާނޫނު 2007 ވަނަ އަހަރު ވުޖޫދުވި އިރު އޮތް ގޮތުން ސިވިލް ސާވަންޓުންނަށް ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިއެއް ނުވެވޭނެ އެވެ. އެކަމަކު ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި، ގާނޫނުގައި މިކަމާ ބެހޭ ގޮތުން އޮތް މާއްދާ ސުޕްރީމް ކޯޓުން ބާތިލްކޮށް އެ މާއްދާ އިސްލާހުކުރަން އަމުރުކުރި އެވެ. އެއީ ގާނޫނުގެ 53 ވަަނަ މާއްދާ އެވެ. އެ މާއްދާގައި އޮންނަނީ "ދިވެހި ސިވިލް ސަވިސްގައި ހިމެނޭ އެއްވެސް މުވައްޒަފަކަށް ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިއެއް ނުވެވޭނެ" ކަމަށެވެ.
މި މާއްދާ ބާތިލްކޮށް، އިސްލާހުކުރުމަށް ހުކުމްކުރުމާ އެކު ސަރުކާރުގެ ފަރާތުން އޭރުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ހުށަހެޅުއްވި ބިލަކުން އެ މާއްދާ އިސްލާހުކުރި އެވެ. އެއީ މިހާތަނަށް މި ގާނޫނަށް ގެނައި ހަ އިސްލާހުގެ ތެރެއިން ތިން ވަނަ އިސްލާހެވެ. މިހާރު ގަވައިދަށް އިތުރުކުރި ބައިތަަކަކީ 2015 ވަނަ އަހަރު ސިވިލް ސާވިސް ގާނޫނުގެ 53 ވަނަ މާއްދާ އިސްލާހުކޮށް ހިމެނި "ސިވިލް ސަވިސްގެ އެއްވެސް މުވައްޒަފަކު ކޮށްގެން ނުވާނެ" ކަންތައްތަކެވެ. އެއީ؛
- އޭނާގެ މަގާމުގެ ހައިސިއްޔަތުން ލިބޭ ބާރެއް، ސީދާގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ބޭނުންކޮށްގެން، އެއްވެސް ފަރާތެއްގެ ސިޔާސީ ހަރަކާތަކަށް ބާރު ފޯރުވުން ނުވަތަ ނުފޫޒު ފޯރުވުން.
- މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުންވެސް، ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން.
- އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަކަށް ޖެހިފައިވާކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން.
- އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ މަގާމުގެ ހައިސިއްޔަތުން ހިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތައައްސުބެއް ގެންގުޅުން.
- ސިވިލް ސަވިސްގައި ދެމިހުރިހާ ހިނދަކު، ސިޔާސީ ޕާޓީއެއްގެ މަގާމުތަކުގެ ތެރެއިން ގާނޫނަކުން ނުވަތަ ސިވިލް ސަވިސްގެ ގަވާއިދުގައި ހުއްދަނުކުރާ މަގާމެއް ފުރުން.
ސަރުކާރުގެ ގިނަ އޮފީސްތައް ހުންނަ ވެލާނާގެއަށް ބަޔަކު ވަންނަނީ. ސިވިލް ސާވިސް ގަވައިދަށް އައި ބަދަލާ މެދު މެދު ވަނީ ބޮޑު އޮޅުމެއް އަރާފައި. -- ފޮޓޯ: ނިޝާން އަލީ/މިހާރު
މިދިޔަ ހަފްތާގައި އިސްލާހުކުރި ގަވައިދުގައި ހިމެނީ މާޗް 31، 2015 ގައި އޭރުގެ ރައީސް އަބްދުﷲ ޔާމީން ތަސްދީގުކުރެއްވި މި އިސްލާހުގައި ހުރި ކަންކަމެވެ. މި އިސްލާހުތަކަކީ "ސިޔާސީ ހަރަކާތް" މާނަކޮށްދީ އެކަމުގައި އިމެއް ކަނޑައެޅޭ ގޮތަށް އޮތް އިސްލާހެކެވެ. ސިވިލް ސާވަންޓުންނަށް ސިޔާސީ ކަންކަން މަނައެއް ނުކުރެ އެވެ. މަނާ ވަނީ އޭނާގެ ވަޒީފާގެ ވަގުތު ނުވަތަ ވަޒީފާގެ ޒިންމާ އަދާކުރަން ޖެހޭ ވަގުތަކު ސިޔާސީ ކަންކަމުގައި އުޅުމެވެ. އަދި މިކަމުގައި ގާނޫނުން އިމެއް ވެސް ކަނޑައެޅީ އެވެ.
ކުރިން އޮންނަނީ ސިވިލް ސާވިސް ގަވައިދުގައި ކަނޑައަޅާފައިވާ ތިން ވަނަ ދަރަޖައިގެ ކުށެއް ކޮށްފި ނަމަ ވަގުތުން ވަޒީފާއިން ވަކިކުރެވޭނެ ކަމަށެވެ. ތިން ވަނަ ދަރަޖައިގެ ކުށްތަކުގެ ތެރޭގައި "މި ގަވައިދާ ހިލާފަށް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން" އޮވެ އެވެ. މިއީ މަސައްކަތުގެ ވަގުތުގައި ސިޔާސީ ހަރަކާތެއް ހިންގުން ނުވަތަ ބައިވެރިވުން ކަމަށް ބަޔާންކޮށްފައި އޮންނަނީ ފުޅާ މާނައެއްގަ އެވެ. އިސްލާހުކުރި ގަވައިދުގައި މަސައްކަތުގައި އުޅޭއިރު ސިޔާސީ ވާހަކަ ދެއްކުން އޮތީ ތިން ވަނަ ދަރަޖައިގެ ކުށްތަކުގެ ތެރެއިން އުނިކޮށްފަ އެވެ. އެކަމަކު ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ޓެރަރިޒަމަށް ހިތްވަރު ދިނުމާއި ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކުރާކަން ދޭހަވާ ފަދަ އެއްވެސް އަމަލެއް ކުރުން އެއީ ތިން ވަނަ ދަރައިގެ ކުށްތަކުގެ ތެރެއަށް އިތުރުކޮށްފައިވާ ކަމެކެވެ.
ކުށްތައް ދަރަޖަކޮށް ތިން ބަޔަކަށް ބަހާފައި ވާއިރު މިހާރު އެއިން އެއްވެސް ކުށަކީ ވަގުތުން ވަޒީފާއިން ވަކިކުރެވޭ ކުށްތަކެއް ނޫނެވެ. އެއީ އަޅާނެ ފިޔަވަޅު ކަނޑައެޅުމުގައި ބަލާނެ މިންގަނޑެވެ.
މިހާރު އޮތީ "ސިވިލް ސާވަންޓުން ކޮށްގެން ނުވާނެ ކަންކަން" ގާނޫނުގައި އޮތް ގޮތަށް ބަޔާންކޮށް އެއީ ވަޒީފާއިން ވަކިކުރެވިދާނެ އަމަލުތައް ކަމަށް ބަޔާންކޮށްފަ އެވެ.
ގަވައިދު އޮތް ގޮތުން 1 ވަނަ ދަރަޖައިގެ ކުށަކީ އެންމެ ކުދި ކުށެވެ. ތިން ވަނަ ދަރަޖަ އަކީ އެންމެ ބޮޑެތި ކުށެވެ. އެހެންވެ، ސިޔާސީ ކަންކަމުގައި ސިވިލް ސާވަންޓުން ބައިވެރިވުން "އެއް ވަނަ ދަރަޖައިގެ" ބޮޑު ކުށަކަށް ހެދީއޭ ބުނެ ކަންބޮޑުވެގެން ވާހަކަ ދައްކަނާ ނަމަ އެ ބުނެވެނީ ވެސް ދިމާ އިދިކޮޅަށެވެ. ގަވައިދު އޮތް ގޮތުން ތިން ވަނަ ދަރަޖައިން އެއް ވަނަ ދަރަޖައަށް ބަދަލުވާ ނަމަ ކުށުގެ ދަރަޖަ އެ ވަނީ ކުޑަ އެވެ.
ގާނޫނާ ފުށުއަރާ ގަވައިދަކީ ބާތިލް އެއްޗަކަށް ވުން އެއްކިބާގައި އޮއްވައި އެކަން ވެސް ހަނދާން ނެތި، މީޑިއާގައި ނުބައިކޮށް ކުރި ރިޕޯޓަކާ އެކު އުޅެގަތް ގޮތުން ހާމަވީ ސިވިލް ސާވަންޓުންނާ މެދު ވެފައި އޮތް އިހުމާލެވެ. ސިވިލް ސާވިސް ގާނޫނުގައި އޮތް އެއްޗެއް އަދި ގަވައިދުގައި އޮތީ ކޯއްޗެއްކަން ވެސް ނޭނގެ އެވެ. ގަވައިދަށް އެ ގެނައީ މީގެ ހަ އަަހަރު ކުރިން ގާނޫނަށް އިތުރުކުރި ބައިތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާނުވާއިއްޒަތް
08 November 2021
85000 ނަގައިގެން ކުރެވޭނުކުރެވޭއެއް، ވާއެއްނުވާއެއް އިގެނީއެއްނޫން. މިތަނަށް ތަންކޮޅެއް ތަންދޮރުދަންނަ މީހުން ދިވެހިން ހޮވަންވެއްޖެދޯ. އިއްޒަތާއިގެން ނޫޅެ ރައްޔިތުންގެ މަސްލަހަތު އިސްކުރާނެ. ޕާޓީއިންދެއްކީމާ ގާބުރިޔެއްވެސް ހޮވަންވާނެވިއްޔަ
ދަތްދޮޅިބެ
07 November 2021
ވެރިކަމާހެދި ހެއިދެބައިވީމަ ވާނެތިހުރިހާގޮތެއްވެސް.
ޑޭވިޑް
07 November 2021
އޭރަކު ރަސްކަމުގެ ތަހުތު ގައި ރެދަލި ކުރައްވާ ރަސްކަލެއްގެ މުންޑުދަށު ގެންގުޅޭ ތާވަޅު ތަކަކަށް މަދަނީ މަސައްކަތްތެރިން ވުމަކީ ވ ދެރަވަރު އަދަބެއް. މިހެނީ ހިތާއި ސިކުޑި ގުޅި ލިބޭ ފްރިކުއެންސީ ސިގްނަލް ނުލިބޭހާ ގަމާރު މަރުމޯލުން ތަކަކަށް މަދަނީ ނޯކިރީން ހެދިގެން ނުވާނެ.
ދާވަނި
07 November 2021
ދެން ކީއްވެބާ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން ޔާމީނު ހަދާފައި ހުރި ރައްޔިތުންނަށް ގެއްލުންވާ ގާނޫނުތައް ތިޔަ ރައްޔިތުންދެކެ "ލޯބިން" ހަލާކުވާ ސަރުކާރުން ރައްޔިތުންގެ 32 ދަތް އަބަދު ފެންނަން ހުންނަގޮތަށް ހެވިފައި ތިބޭގޮތަށް ބަދަލު ނުކުރަނީ؟ ގައިމު ޔާމީނު ވެރިކަމުގައި ހުރިއިރު އޮތް މަޖްލިސްގެ މެޖޯރިޓީއަށް ވުރެ މިހާރުގެ މެޖޯރިޓީ ސުޕަރ! މީ ހުރިހާ ކަމެއްވެސް ކުރީސަރުކާރުގެ ބޮލުގާއަޅުވާފައި ބޯ ދަމައިގަންނަން އުޅޭ މަކަރުވެރި ސަރުކާރެއް!
މުޝްތަރީ
07 November 2021
މިސަރުކާރުގެ ބޭނުމަށް މިގާނޫނު އިސްލާހުކޮށްދިން ކުރީގެ ސަރުކާރަށް ވަރަށްބޮޑަށް ޝުކުރިއްޔާ.
އޮޅުވާނުލާ
07 November 2021
ޤާނޫނެއް ހަދާފައި އޮތީ. ޤާނޫނު ފުރިހަމަ ވަނީ ގަވައިދު ހަދައިގެން. ކޮންހާ އޮޅުވާލުމެއް. ކުރީ ސަރުކާރުން ހެދި ގާނޫނަށް އަމަލުކުރަން މިސަރުކާރުން ގަވައިދު އެހެދީ. ހުރިހާ އެންމެންނަށް ވާނުވާ ނޭނގި ނުދާނެ. އެކަމަކު ވަޒީފާގެ ބިރަށްޓަކައި ހަނު ތިބެންޖެހެނީ.
އަޖައިބެއްފަދަ ކުރީސަރުކާރު
07 November 2021
ކުރީސަރުކާރުގެ ކޮށްފައި ހުރިކަންތައް ރަނގަޅުކަމުން 6 އަހަރު ފަހުންވެސް ގެޒެޓް މިކުރެވެނީ ކުރީސަރުކާރުގެ ކަންތައްތައްތަކާއި ގާނޫނު ތަކާއި ގަވާއިދު ތަކެވެ. ދެން ކުރީސަރުކާރު ގޯހޭ ކިޔައިގެން ވެރިކަން ބަދަލުކުރަން މުޅި ރާއްޖޭގައި މިދެމީ ކޮންބަނދިވަރެއްބާއެވެ. ތިމާވެއްޓާ ރައްޓެހިކޮށް ޖަޒީރާ ވަންތަގޮތަކަށް ފަރުތައް ހިއްކައި ފަސްއަޅާ ފޮރުވާލަނީވެސް މިބީދައިންނެވެ.
ފޮނިފޮނިޓައްޕު ކުމާރު
07 November 2021
ސިވިލްސާވެންޓުން ކުރާ އަނިޔާ ވަޤްތުން ވަޤްތަށް ހުއްޓާލާ!
ދަރިންނޭ
07 November 2021
ސިވިލް ސާވަންޓުން . ގޮނޑިކޮށްކޮ ހަދަާފައި.. ފައިދާއެއް ކޮށްދޭނަމޭ ބުނާނެ ވޯޓުގައި . 5 އަހަރު ވާއިރުވެސް ހަމަ އެކަހަލަ ލަވައެއް ކިޔާލަކިޔާލައި. ހައްޤު އަދާނުކުރޭ
ބުޅި
07 November 2021
ޔާމީނުގެ ވެރިކަމުގަ ގާނޫނުތައް އެފުށް މިފުށަށް ޖަހަމުން އެންމެސް ކަސްތޮޅުއަޅުވަމުން ދިޔައިރު ކޮށްފައިއޮތްކަމެއް މިއީވެސް. ދެން އަދުރޭމެން ނުކުމެ ކީކޭ މިކިޔަނީ.