މުނިފޫހިފިލުވުން / ހޮލީވުޑް

"ފާސްޓް އެންޑް ފިއުރިއަސް" ގައި އަލުން ބައިވެރިވާން ރޮކަށް ދައުވަތު ދީފި

"ފާސްޓް" ސީރީޒްގެ ހަތަރު ފިލްމެއްގައި ރޮކް ކުރިން މަސައްކަތްކުރި

09 ނޮވެމްބަރ 2021 - 06:20

ހޮލީވުޑްގެ މަޝްހޫރު "ފާސްޓް އެންޑް ފިއުރިއަސް" ފްރެންޗައިޒްގެ ބައެއް ފިލްމުތަކުގައި ކުރިން ވެސް މަސައްކަތް ކޮށްފައިވާ އެކްޓަރު ޑްވޭން ޖޯންސަން (ރޮކް) އަށް އޭގެ 10 ވަނަ ފިލްމުގައި ބައިވެރިވާން އެކްޓަރު/ޕްރޮޑިއުސަަރު ވިން ޑީޒެލް ދައުވަތު ދީފި އެވެ.

ފިލްމެއްގެ މަންޒަރެއްގައި ދެ މީހުން އެކީގައި ފެންނަ ފޮޓޯއެއްގެ ސްކްރީން ޝޮޓަކާ އެކު އިންސްޓަގްރާމް މެދުވެރިކޮށް ދައުވަތު ފޮނުވަމުން ޑީޒެލް ބުނީ ކޮއްކޮ އަށް "ފާސްޓް 10" ގައި ބައިވެރިވާން ފުރުސަތު ދޭ ކަމަށާއި އެ ފުރުސަތު ދޫ ނުކުރަން ވެސް ވަރަށް އެދޭ ކަމަށެވެ. އަދި މިއީ ކުރިން ވެސް ވެފައިވާ ވައުދެއް ކަން ހަނދާން ވެސްކޮށްދީ، އޭނާ ބުނީ އާ ބައިގައި ރޮކް ކުޅެން އޮތީ ވަރަށް ވަރުގަދަ ރޯލެއް ކަމަށެވެ.

އޭނާގެ ޕޯސްޓްގައި ރޮކާ އޮތީ ވަރަށް ގާތް ގުޅުމެއް ކަން ހާމަކޮށް ދިނުމުގެ ގޮތުން އޭނާގެ ދަރިން ރޮކް އަށް މުހާތަބުކޮށް އުޅެނީ ވެސް "އަންކަލް" ކަން ޑީޒެލް ފާހަގަކުރި އެވެ. އަދި ހޮބްސްގެ ކެރެކްޓާ ރޮކް ނޫން މީހަކަށް ނުކުޅެވޭނެ ކަމަށާއި "ފާސްޓް އެންޑް ފިއުރިއަސް" ފިނާލޭގެ ފިލްމަކުން ދައުވަތު ދެނީ ލޯތްބާ އެކީގައި ކަމަށް ވެސް ޑީޒެލް ބުންޏެވެ. މި ދައުވަތާ ގުޅިގެން ރޮކްގެ ފަރާތުން އަދި އިޝާރާތެއް ނާދެ އެވެ.

"ފާސްޓް" ސީރީޒްގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ މެއިގައި ރިލީޒްކުރި "އެފް 9" އެވެ. ރޮކް މި ސީރީޒްގައި ކުޅެމުން އައި އޭޖެންޓް ލޫކަސް ހޮބްސްގެ ކެރެކްޓާ ކުރިން އެ ފިލްމުގައި ވެސް ހިމަނަން ނިންނި ނަމަވެސް، "އެފް 9" އޮން ރޮކް ނުފެނުނީ އޭނާ އާއި ޑީޒެލްއާ ދެމެދު ކުނި ޖެހި، އެއްގަލަކަށް ނޭރި އޮތުމުން ކަމަށް 2016 ގައި ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ. އަދި މައްސަލައިގެ އަސްލަކަށްވީ ފިލްމުގެ ޑީޒެލް އަށް އިޝާރާކޮށް "އަންޕްރޮފެޝަނަލް" ކަންތައްތަކެއް ތަޖުރިބާ ކުރަން ޖެހުނު ކަމަށް ބުނެ ރޮކް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކުމުން ކަމަށް ވެސް މީޑިއާތަކުން އޭރު ބުނެފައިވެ އެވެ.

މި ސަބަބާ ހެދި ގުޅުން ހީނަރުވެ، ރޮކް "އެފް 9" އިން ފެއަށް ޖައްސާލައި، އެ ފިލްމުން ދެން ފުރުސަތު ދިނީ އޭނާ ކަހަލަ ވަރުގަދަ އެހެން އެކްޓަރަކަށެވެ. އެއީ ޖެކޮބް ޓޮރެޓޯގެ ކެރެކްޓާ ކުޅުނު ކުރީގެ ރެސްލިން ތަރި ޖޯން ސީނާ އެވެ.

"ފާސްޓް 10" ގައި ބައިވެރިވާން ރޮކް އަށް ދައުވަތު ދިން އިރު، މިއީ "ފާސްޓް އެންޑް ފިއުރިއަސް" ނިންމައިލަން ހަމަޖެހިފައިވާ ދެ ފިލްމުގެ ތެރެއިން ފުރަތަމަ ފިލްމެވެ. އެ ދެ ބައި ވެސް ޑައިރެކްޓް ކުރާނީ "އެފް 9" ހެދި ޖަސްޓިން ލިން އެވެ.

ރޮކް، 49، ކުރިން މަސައްކަތްކޮށްފައިވާ މި ސީރީޒްގެ ފިލްމުތަކަކީ ފާސްޓް ފައިވް (2011)، ފާސްޓް އެންޑް ފިއުރިއަސް 6 (2013)، ފިއުރިއަސް 7 (2015) އަދި ފޭޓް އޮފް ދަ ފިއުރިސް (2017) އެވެ. "ފާސްޓް 9" އިން ރޮކް ނުފެނުނު ނަމަވެސް މި ސީރީޒްގެ ސްޕިން-އޮޕެއްގެ ގޮތުގައި 2019 ގައި ގެނެސްދިން "ހޮބްސް އެންޑް ޝޯ" ގައި ޓައިޓްލް ކެރެކްޓާތައް ކުޅުނީ ރޮކް އާއި ޖޭޒަން ސްޓެތަމް އެވެ.

"ފާސްޓް އެންޑް ފިއުރިއަސް" ގެ ކުރިއަށް އޮތް ފިލްމު ތާވަލު ކޮށްފައި އޮތީ އެޕްރީލް 7، 2023 އަށެވެ.

ރޮކްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި "ރެޑް ނޯޓިސް" އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454