08 ނޮވެމްބަރ 2021 - 12:11
ރާއްޖޭގައި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމުގެ މަޝްވަރާ އަށް އަދާލަތު ޕާޓީން ތައްޔާރު ކަމަށާއި ނަމަވެސް މި ވަގުތު އެ ޕާޓީގެ އަމާޒު ހުރީ މިހާރު އޮތް ރިޔާސީ ނިޒާމުގެ ތެރެއިން ވީހާ ވެސް ގިނަ ހިދުމަތްތަކެއް ދިނުމަށް ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެ ވިދާޅުވެއްޖެ އެވެ.
ބަރުލަމާނީ ނިޒާމަކުން ވެރިކަން ކުރުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފައްޓަވާފައިވާ މަސައްކަތްޕުޅާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން އިމްރާން ވިދާޅުވީ، ވެރިކަމުގެ ނިޒާމާ މެދު ދިވެހިން ގޮތެއް ނިންމާފައިވާ ކަމަށާއި އެ ނިންމި ގޮތުގެ ތެރެއިން ވީހާ ވެސް ފުރިހަމައަށް ހިދުމަތް ދިނުމަށް އަދާލަތު ޕާޓީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް ދެން ރިޔާސީ އިންތިހާބު އޮންނަ 2023 ވަނަ އަހަރާ ހަމައަށް ދާއިރު، ވެރިކަމުގެ ނިޒާމާ މެދު އިތުރަށް ވިސްނަން ޖެހޭ ކަމެއް އޮތް ނަމަ، ސަރުކާރުގެ ކޯލިޝަންގެ ހުރިހާ ބައިވެރިންނާއެކުގައި އަދާލަތު ޕާޓީން ވެސް މަޝްވަރާ ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އިމްރާން ވިދާޅުވި އެވެ.
"2023 އާ ހަމައަށް ދާއިރު [ބަރުލަމާނީ ނިޒާމްގެ] ވާހަކަ ދެއްކުމަކީ ކުރެވިދާނެ ކަމެއް. އެ ވާހަކަ ދައްކައިގެން ޕާޓީ އާއި ކޯލިޝަނުން ނިންމާ ގޮތެއްގެ މަތިން ރައްޔިތުންނާ ހަމަޔަށް ގެންދިޔުމަކީ ވެސް ކުރެވިދާނެ ކަމެއް. ނަމަވެސް މި ވަގުތައް އެންމެ އިސްކަމެއް ދެނީ ރައްޔިތުންނަށް ކޮށްފައިވާ ވައުދުތައް ފުއްދައި ހިދުމަތް ފޯރުކޮށް ދިނުން،" މި ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ބައިވެރިޔާ އިމްރާން ވިދާޅުވި އެވެ.
ބަރުލަމާނީ ނިޒާމް ގެންނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއްބަސްވެވަޑައިގެންފި ނަމަ އަދާލަތު ޕާޓީގެ ސްޓޭންޑަކަށް ވާނީ ކޮބައިތޯ ސުވާލު ކުރުމުން އިމްރާން ވިދާޅުވީ، ގޮތެއް ނިންމަވާނީ ޕާޓީއާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އަދި ތަކުރާރުކޮށް ވިދާޅުވީ، މި ވަގުތު އަމާޒު ހުރީ އެ ކަންކަމަކަށް ނޫން ކަމަށާއި ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތް އަދިވެސް ހުރި ކަމަށެވެ.
ބަރުލަމާނީ ނިޒާމް ގެންނަން ނަޝީދު މަސައްކަތްޕުޅު ފައްޓަވާފައިވާއިރު، އެ މަނިކުފާނުގެ އަރިސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޑީޕީގެ އާންމު މެންބަރުންތަކެއް ގުޅިގެން ވަނީ ޕެޓިޝަނެއް އެކުލަވާލައި ސޮއި ހޯދަން ފަށައިފަ އެވެ.
އެ މެންބަރުން ނިންމާފައި ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން 100،000 މީހުންގެ ސޮޔާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުމަށެވެ.
ބޮމުގެ ހަމަލައިން ލިބުނު ޒަހަމްތަަކަށް ފަރުވާ ހޯއްދަވަން ރާއްޖެ އިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރެއްވުމަށް ފަހު، ރާއްޖެ ވަޑައިގެން އެ މަނިކުފާނު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް އެ ވާހަކަ ދައްކަވައިފަ އެވެ.
އޭގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ އާއެކު ވެސް ބަރުލަމާނީ ނިޒާމު ގެންނަން ނަޝީދު ވަނީ މަޝްވަރާ ކުރައްވައިފަ އެވެ. ނަޝީދު ރަސްމީކޮށް އެކަމާ ގުޅިގެން ބައްދަލު ނުކުރައްވަނީ އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރްއެމްއާ އެކަންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާފު
09 November 2021
ނަޝީދުމީ މިހާރު ފޮރިން މިނިސްޓަރތޯ؟ ރަށު މަޑުނުވާތީ ހަމަ އަހާލީ..
ވަހީދު
09 November 2021
މިދަންނަ ބޭކަލުން ކުރިން ފަހަރު ދަރުސްދިނީ ބަރުލަމާނީ ނިޒާމަކީ އިސްލާމީ އުސޫލުތަކާއި ބީރައްޓެހި ނިޒާމެކޭ ކިޔައިގެން. މިހާރު ނިޒާމު އިސްލާހުވީބާ. ަަަުަަ
ދިލްކީ ދާސްތާން
09 November 2021
ޕެޓިޝަން ހަދައިގެން މި އުޅެނީ ބަރުލަމާނީ ގެންނަން ހުރި ދޮރުތައް ބަންދުވެފައި ވާތީ. މިއީ ބަހަނާ ހަދަން ހޯދާ ފުރުޞަތެއް. ބައެއް މީހުން ވިސްނާ ނުލާ, ގާތްމީހަކު ބުނީތީ، ނުވަތަ އަމިއްލަ ޕާރޓީ އިން ކުރާ ކަމަކަށް ވާތީ، އެ ނިޒާމަށް ތާއީދު ނުކުރާޙާލުގަ ވެސް އެބަ ސޮއިކުރޭ. އެއީ ނިޛާމު ބަދަލު ކުރަން ވެވޭ އެހީއަކަށް ނޫނީ ނުވާނެ. އޭގައި ޤައުމުގެ ބަސްކިޔާ އާބާދީގެ 40 އިންސައްތަ ސޮއިކުރިޔަސް އެއާއިމެދު ދެވަނަ ފިކުރަކަށް ދިޔުން މަޖުބޫރުކޮށް އެކަން ހިންގާނެ.
ޚުރޮޅި އާދަނު
08 November 2021
ޚުދު މުޚުތާރު ވެރިން ޕާޓީތަކުގެ ރައީސުންގެ ގޮތުގައި އޮތް ޕާޓީ އަކީ އަދާލަތު ޕާޓީ. އިމްރާނަކީ އަމިއްލަ ރައީސެއް. އިންތިޚާބީ ރައީސެއް ނޫން. ޞަރުލަމާނީ ހޯދަން އަޔަސް މީނަގެބަސް ނާހާތި. a
ބޮޑުމީހާ
08 November 2021
2018 އިން 2021 އަށް ވައުދެއް ނުފުއްދުނުތާ މަސައްކަތެއްވެސް ނުފެށުނު ބަޔަކަށް ކުރިއަށް އޮތް 2 އަހަރު ތެރޭ ފުއްދޭނެ ވައުދެއްނެތް
ގެދާނޯމޮސް
08 November 2021
ބޭނުން ގޮތަކަށް ހިތްތަކަށް ވަދެގެން ހައްދާލެވޭނީ އަޤީދާގައި ނޫޓްގެ ކުލަޖެހޭ ޝޭޙުންނެވެ.
މާކުންބޭ
08 November 2021
ބަރުލަމާނީއެއް މިތާކު ނުޖެއްސޭނެ، އިމްރާން އަކަށް ނަޝީދަކަށް ނޭގޭނެ މި ޤައުމުގައި އޮންނަންވީ ނިޒާމެއް، މަޖްލިސް ތެރެއިން ތިމަކެއް ނުކުރެވޭނެ، ހަނދާން ނައްތާލާ!
ފުށި ހޯރައިން
08 November 2021
ހުރިހާ ދިވެހިން އެއް އަޑުން ބަރުލަމާނީ އަށް ނޫނެކޭ ބުނޭ
އިމޫ
08 November 2021
އެހާ ބާރަށް އެއްކަލަ ދުވަހު ލާދީނީއޭ ގޮވި ހަނދާނެއް މަ މިހާރު ހަމަ ކުޑަކޮށްވެސް ނެތޭ.
އިސްމާލި
08 November 2021
އަދާލަތު ޕާޓީ ތައްޔާރަށް ތިބޭނީ އަމިއްލަ މުންޑު މޮހެލަން ވެސް. އިމުރާނުއަށް ދުއްތުރާއެއް ނުޖެހި މިނިސްޓަރުކަމުގައި އެ ހުރެވެނީ ކަމެއް ވެގެން ދޯ. އިމްރާނުގެ މޮޅުކަމުން ނުވަތަ ހިކުމަތްތެރި ކަމަކުން ނޫން. ކީއްވެގެން ކަން އަހަރެމެންނަށް ވަރަށް ސާފު. އެހެންވީމައި އަދާލަތު ޕާޓީ ގެ ބަސްމަގަށް މިފަދަ ބަދަލެއް އައުމަކީ އަހަރެމެން ހައިރާންވާ ކަމެއް ނޫން.