މަޖިލީހުގެ ކޮމިޓީއެއްގައި ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފު (މ) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފައިލް ފޮޓޯ: މިހާރު
13 ނޮވެމްބަރ 2021 - 18:16
އުތުރު ތިލަފަޅު (ޔޫޓީއެފް) ގައި ސިފައިންގެ ޑޮކްޔާޑަކާއި ބަނދަރެއް ހެދުމަށް އިންޑިއާއާ އެކު ރާއްޖެއިން ހަދާފައިވާ އެއްބަސްވުމުގައި ހިމެނޭ ކަންކަމުގެ މައުލޫމާތު އާއްމުންނަށް ސާފުކޮށްދިނުމަކީ ބޭނުންތެރި ކަމެއް ކަމަށް، ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މެމްބަރުކަން ވެސް ކުރައްވާ ހަސަން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޔޫޓީއެފް އެއްބަސްވުމުގައިވާ ކަންކަން ފޮރުވައިގެން، ސިއްރު ކުރަން ނޫޅޭ ކަމާއި އިންޑިއާގެ އެހީތެރިކަން ސަރުކާރުން ހޯދާ ގޮތްތަކުގެ މައުލޫމާތު އާއްމުންނަށް ސާފުކޮށްދިނުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.
ކޯސްޓް ގާޑަށް ހާއްސަ ބަނދަރެއް ހަދަން އިންޑިއާ ސަރުކާރާ އެކު ރާއްޖެއިން ސޮއިކުރީ މިދިއަ ފެބްރުއަރީ 21 ގަ އެވެ. ނަމަވެސް، އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް ނުރައްކާ ވެގެންދާނެ ކަމަށް ބުނެ، ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
އެކަމަށް ރައްދު ދެމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ރައްޔިތުން ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ޔޫޓީއެފް އެއްބަސްވުމުގައި ނޯންނާނެ ކަމަށެވެ.
"އާއްމު ރައްޔިތުންނަށް ވެސް ދޭން ބޭނުންވާ މެސެޖަކީ ރައްޔިތުން ކަންބޮޑުވާންޖެހޭ އެއްވެސް ކްލޯސެއް، އެއްވެސް އާޓިކަލެއް، އެއްވެސް މާއްދާއެއް މި އެގްރިމެންޓުގައި ނޯންނާނެކަން،" މިދިޔަ މާޗު މަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ޝަމާލް ވިދާޅުވި އެވެ.
UTF Ebbasvumugaiva kankamuge mauloomath Sarukarun Rayyithunnah saafu kohdhinumakee beynun theri kameh. Foruvaigen sirrun kankan kuran noolhey kamaa, India ge eheethrikan Sarukarun hoadhaa goiy thakuge mauloomath Rayyithunnah saafu kohdhevumakee beynun theri kameh.
— Hassan Latheef🎈 (@HassanLatheef) November 13, 2021
ޑިފެންސް މިނިސްޓްރީން ވަނީ ޔޫޓީއެފް އެގްރިމެންޓުގެ ކޮޕީއެއް ވެސް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް މިދިޔަ މަހު ދައްކާލައިފަ އެވެ. އެ އެއްބަސްވުމުގެ ކޮޕީއެއް ހޯދަން މަޖިލީހުގައި އެދިވަޑައިގަތީ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފެވެ. އާއްމުކޮށް ހުޅުވާލައިގެން 241 ކޮމިޓީން މިދިޔަ މަހުގެ 24 ގައި ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ޔޫޓީއެފް އެއްބަސްްވުމާ ބެހޭ މައުލޫމާތުގެ ޕްރެޒެންޓޭޝަނެއް ދެއްކި ނަމަވެސް މުޅި އެއްބަސްވުމެއް ނުދައްކަ އެވެ. އެއަށްފަހު އެ ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްްމަދު އަސްލަމް "މިހާރު" އަށް ވިދާޅުވީ އެ އެއްބަސްވުުމުގައި ގައުމީ ސަލާމަތަށް ނުރައްކާވާ އެއްވެސް ކަމެއް ނެތް ކަމަށާއި އެއްބަސްވުން އޮތީ ރާއްޖެއަށް ފައިދާވާ ގޮތަށް ކަމަށެވެ.
"މައްސަލަ ހުށަހަޅާފައި އޮތީ، ގައިމީ ސަލާމަތަށް ނުރައްކާވާފަދަ ކަންތައްތަކެއް އެ އެއްބަސްވުމުގައި ހުރި ކަމަށް ތުހުމަތު ކުރެވިގެން. އެފަދަ އެއްވެސްް ކަމެއް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް ކަމެއް އެއްބަސްވުމަކު ނެތް،" އަސްލަމް ވިދާޅުވި އެވެ.
ޔޫޓީއެފް އެއްބަސްވުމުގެ އަސްލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2016 ގައި ސޮއިކުރި އެކްޝަން ޕްލޭން ކަމަށް ވިޔަސް، އެއްބަސްވުމުގެ ޝަރުތުތައް އޮތީ އެ ސަރުކާރުން ކަނޑައެޅި ގޮތަކަށް ނޫނެވެ. އެ މަޝްރޫއު ކުރިއަށް ގެންދަން، ޓާމްސް އޮފް ރިފަރެންސް ހޯދަން އިންޑިއާއިން އެދުމުން، 2017 ވަނަ އަަހަރު ރާއްޖޭން ހުށަހެޅި ޓާމްސް އޮފް ރިފަރެންސް 2019 ވަނަ އަހަރު އަލުން މުރާޖައާ ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޑްގް
14 November 2021
ހަގީގަތަކީ އެމްޑީޕީ ވެރިކަމަށް އައީ އިންޑިޔާގެ ފަންޑިންގަ ޖެހިގެން. ވީމާ އެމީހުން ބުނާގޮތް ނޫންގޮތެއް ހެދޭކަށްނެތް.އިންޑިއާ ސިފައިން ގައުމަށް އަރުވާށޭ ބުނީމަވެސް އެކަން ކުރަން ޖެހުނު. މިސަރުކާރު ވެރިކަމަށް އައިދުވަހު އޮތީ ވެރިކަން އިންޑިއާ ދަށުގަ.
ކުބުސްތެޅިގެ ރަހާ
14 November 2021
މިރާއްޖޭގައި އިންޑިޔާ ގެ ސިފައިން ނެތްކަމަށް ސަރުކާރުން ރައްޔިތުން ނަށް ވިސްނާދިނުމަށް ކުރަމުން ދިޔަ މަސައްކަތް ފެއިލްވެ މިހާރު ބުޅާ ވަނީ ގޯނިން ނިކުމެފަ! މިހާރު ބުޅާ ގޯނިން ނިކުމެ ސިފައިން ތިބިކަމާއި އެކަމުގެ ފޮރުވިފައިވާ މަގުސަދު އެގެންފެށުމުން މިހާރު ތިޔާ ދައްކަވަނީ ކުބުސްތެޅިގެ އަށިމަތީގައި ދައްކާ ބާވަތުގެ ލަދުވެތި ވާހަކަތައް. ޝުކުރިއްޔާ ޖަޒީރާ ރާއްޖެ.
ޗާލު
13 November 2021
މުޅި އެއްބަސްވުން ކަނޑައެޅިގެން ނުދައްކާއިރުވެސް އެ އެއްބަސްވުމުގައި ކަންބޮޑުވާންވީ އެއްވެސް ކަމެއް ނެތްކަމަށް ބުނާ މެމްބަރުންނަށް ވެފަ ތިބެނީ ކިހިނެތްބާ؟ ވެރިކަމުގަ ނުތިބޭއިރު އެހެން ގައުމަކުން އަރާ މިގައުމު ހިފަން ބުނާ ފިކުރުގެ މީހުންނަށް ގައުމީ ސަލާމަތުގެ ޑެފިނިޝަން މާބޮޑަށްވެސް ތަފާތުވާނެ.
މަންޑޭލާ
13 November 2021
މިގައުމުގައި ކޮއްމެސަރުކާރެއް އޮތަސް އިންޑިޔާގެ އެހީތެރިކަމާއި އެކު އެވެރިކަން މިގައުމުގައި އޮއްނާނީ. އަދި ދިވެހިންނަށް ސަލާމާތާއި ރައްކާތެރިކަން ކަށަވަރުވާނީވެސް އިންދިޔާގެ އެހީތެރިކަމާއިއެކު. އިންޑިޔާއާއި އެކު ދިވެިހސަރުކާރުން ކުރާ އެއްބަސްވުންތައް އާއްމުކުރާކަށް ނުފެނޭ.
ފޭކްމަންޑޭލާއަށް
13 November 2021
އިންޑިއާގެ އެހީތެރިކަން އެވެރިކަމަށް އޮތްނަމަ މިއަދު ޔާމީން ހުންނާނީ ވެރިކަމުގަ. އިންޑިއާގެ އެހީތެރިކަމާއެކު އޮތް ވެރިކަމެއްވީމަ މިވެރިކަން ފެންނަން މިއޮތީ.
މުލޭ
13 November 2021
މަންޑޭލާގެ ވިސްްނުމަކީ ހަގީގަތެއްނަމަ ސިއްރުކުރުމުގެ ބޭނުމެއް ނެތް.