20 ނޮވެމްބަރ 2021 - 20:28
ލެސްޓާ (ނޮވެމްބަރު 20) - މިއަހަރުގެ އެންމެ ފަހު ފީފާ އިންޓަނޭޝަނަލް ބްރޭކަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ޗެލްސީން 3-0 އިން ލެސްޓާ ސިޓީ ބަލިކޮށް ޓޭބަލްގެ އެއްވަނައިގައި ލީޑު ފުޅާ ކޮށްފި އެވެ.
މި ނަތީޖާއާއެކު ޗެލްސީ އެއްވަނައިގައި އޮތީ 29 ޕޮއިންޓާ އެކު، ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ވުރެ ހަ ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ސިޓީއާ އެއްވަރަށް ޕޮއިންޓް ހޯދައިގެން ތިންވަނައިގައި އޮތީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ކުޅެމުން އަންނަ ވެސްޓް ހޭމް ޔުނައިޓެޑެވެ. ވެސްޓް ހޭމް އާއި ސިޓީ ބައްދަލުކުރާނީ މާދަމާ ރެއެވެ. ލެސްޓާ ސިޓީ އޮތީ 12 ވަނައިގަ އެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފު، ޓީމެއްގެ ގޮތުގައި މޮޅަށް ކުޅުނު ޗެލްސީން ނިންމާލީ ދެ ގޯލުގެ ލީޑަކާ އެކު އެވެ. ފުރަތަމަ ލަނޑު މެޗުގެ 14 ވަނަ މިނިޓުގައި ބެން ޗިލްވެލް ނަގައިދިން ހުރަހަކުން ކާމިޔާބު ކޮށްދިނީ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ އެވެ. އޭގެ 14 މިނިޓު ފަހުން ރީސް ޖޭމްސް ދިން ބޯޅައެއް ހިފައިގެން އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ގޯލަށް ވައްދާލައިގެން ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ، ލެސްޓާއަށް ޕްރިމިއާ ލީގު ނަގައިދިން ޓީމުގައި މުހިއްމު ކުޅުމެއް ކުޅުނު އެންގޯލޯ ކަންޓޭ އެވެ.
ލެސްޓާއިން މެޗުގައި ފޮނުވާލި ފުރަތަމަ ހަމަލާ ފެނުނީ 65 ވަނަ މިނިޓުގަ އެވެ. ހާވީ ބާންސްގެ ބަދަލުގައި ދެވަނަ ހާފުގައި ކުޅެން އެރި ޖޭމްސް މެޑިސަން ނަގައިދިން ހުރަހެއް ޖެމީ ވާޑީ ފޮނުވާލިއިރު ގޯލާ އަމާޒެއް ނުވިއެވެ.
ޗެލްސީގެ ތިނަވަނަ ލަނޑު 71 ވަނަ މިނިޓުގައި ހަކީމް ޒިޔެކުގެ އެހީތެރިކަމާއެކު ޖެހީ އަނިޔާއިން ރަނގަޅުވެ، މިރޭގެ މެޗުގެ ދެވަނަ ހާފުގައި ކުޅެން އެރި ކްރިސްޓިއަން ޕުލިސިޗެވެ.
މި ހާފުގައި ޗެލްސީގެ ކެލަމް ހަޑްސަން އޮޑޯއި އާއި ރީސް ޖޭމްސް އަދި ޕުލިސިޗް އިތުރު ތިން ލަނޑު ޖެހި ނަމަވެސް އެސިސްޓެންޓް ރެފްރީ ވަނީ އެ ގޯލުތައް ޖަހަން ފުރުސަތު ތަނަވަސް ކޮށްދިން ކުޅުންތެރިން ތިބީ އޮފްސައިޑުގައި ކަމަށް ނިންމައިފަ އެވެ.
މިއީ ޗެލްސީން ލީގުގައި މި ސީޒަނުގައި ރަށުން ބޭރުގައި ކުޅުނު ހަ މެޗުން މޮޅުވި ފަސްވަނަ މެޗެވެ. އެއްވަރުވީ ހަމައެކަނި ލިވަޕޫލާ ވާދަކޮށް 1-1 އިންނެވެ. އެންމެ ފަހުން ލީގުގައި ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން ޗެލްސީ މޮޅު ވެފައި ވާއިރު، އެއް މެޗުން ވީ އެއްވަރެވެ. މި ހަތް މެޗުން އެޓީމު 18 ލަނޑު ޖަހައިފައިވާއިރު، ބައިކޮޅަށް ވަދެފައި ވަނީ ތިން ލަނޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
21 November 2021
އެހެންމީހުންގެ އެކައުންޓް ނަން ވަގަށް ނަގައިގެން ކޮމެންޓްކުރުން އެއީ ވަރަށް ދަށުދަރަޖައިގެ ކަމެއް.އެފަދަ ކަންތައްތަކުން ދުރުހެލިވެގެން ތިބުމަށް ހުރިހާ ފަރާތްތަކަށް ނަސޭހަތްތެރިވަަން.އާސެނަލް ފޭނަކު ދިވަހަކުވެސް ޗެލްސީވަރެއް ނެތޭ ނުބުނާނެކަން ރަނގަޅަށް ފުޓްބޯޅަ ދަންނަ ހުރިހާ މީހުންނަށް އެނގޭނެކަން ކަށަވަރުވެ ޔަގީންވޭ.ވ.ވެދުން
ރަދީފްއޮފިިޝިއަލް
21 November 2021
ޗެލްސީ ވަރުކަމެއް ހަމަ ނެތީއޭ! ކީޕް ދަ ބްލޫ ފްލެގް ފްލައިން ހައި!