މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އަދި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު -- ފޮޓޯ: ފަޔާޒު މޫސާ/މިހާރު
21 ނޮވެމްބަރ 2021 - 20:56
ޖަލުތަކުގައި ހަރުކަށި ފިކުރު ފަތުރާ މީހުން އެކަހެރި ކުރުމަށް 100 މީހުންގެ ޖާގައިގެ ޔުނިޓެއް ތައްޔާރުކޮށް އެކަން ކުރަން ތައްޔާރުވަމުންދާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެ އެވެ.
މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަހުމަދު މުހައްމަދުފުޅު ވިދާޅުވީ، ޖަލުތަކުގައި ޖާގައިގެ ދަތިކަން ދިމާވެފައި އޮތުމަކީ އެތަންތަނުގައި ހަރުކަށި ފިކުރު ފަތުރާ މީހުންނަށް ލިބޭ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. އެކަން ހައްލު ކުރަން އެ ފިކުރު ފަތުރާ މީހުން އެކަހެރި ކުރަން ހާއްސަ ތަނެއް ހަދައި އެތަނަށް ބަދަލު ކުރާނެ މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަން މަދުކުރުމަށް ޓަކައި އެކަމަށް ހާއްސަ ކުރެވޭ 100 މީހުންގެ ޖާގައިގެ ޔުނިޓެއް މިހާރު ހުރީ ގާއިމް ކުރެވިފައި،" އަހުމަދު މުހައްމަދުފުޅު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެ ޔުނިޓުގައި ބަހައްޓަން ޖެހޭ މީހުން ދެނެގަތުމަށް ޖަލުތަކުގައި ތިބި މީހުންގެ ނުރައްކާތެރިކަން ބެލުމަށް ރިސްކް އެސެސްމެންޓު ހަދަމުން ދަނީ ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން ކަމަށެވެ.
އެ މަސައްކަތުގެ ތެރެއިން ޖަލުގައި ތިބި މީހުންނާ އިންޓަވިއު ކުރުމުގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސް މެދުވެރިކޮށް ހޯދަން ޖެހޭ ބައެއް މައުލުމާތުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ހަރުކަށި ފިކުރު ފަތުރާ މީހުން ވަކި ތަނަކަށް ބަދަލުކުރާއިރު އެ މީހުން ބަލައްޓަން ހަމަޖައްސާ މުވައްޒަފުންނަށް ވެސް އެކަމަށް ހާއްސަ ތަމްރީނު ދީފައިވާ ކަމަށެވެ. އަދި އެފަދަ މީހުންނާ މެދު އަމަލު ކުރާނެ ގޮތުގެ އެސްއޯޕީއެއް ނުވަތަ އުސޫލެއް ވެސް އެކުލަވާލާނެ ކަމަށް ވިދާޅުވި އެވެ.
އަޅުގަނޑުމެންނަށް ފުރަތަމަ އެސެސްމެންޓުގެ ތެރެއިން 40 އަށް ވުރެ ގިނަ މީހުން ވަނީ ފާހަގަކުރެވިފައި: އިމްރާން
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، ޖަލުތަކުގައި ހަރުކަށި ފިކުރު ފަތުރާ 40 މީހަކު މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ފުރަތަމަ އެސެސްމެންޓުގެ ތެރެއިން 40 އަށް ވުރެ ގިނަ މީހުން ވަނީ ފާހަގަކުރެވިފައި،" އިމްރާން ވިދާޅުވި އެވެ.
އަންނަ އަހަރުގެ ޖެނުއަރީ ހިސާބުގައި ރިސްކް އެސެސްމެންޓް އެއްކޮށް ނިންމާލައި އެ މީހުންނަށް ހާއްސަ ޔުނިޓަށް ބަދަލު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ހަރުކަށި ފިކުރުމުގެ މީހުން ރިހެބިލިޓޭޓު ކުރުމަށް އެ މީހުންނަށް ހާއްސަ ޕްރޮގްރާމުތައް މިހާރު އެކުލަވާލާފައިވާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. އަދި އެ ޕްރޮގްރާމް ހިންގައިދޭނެ މީހަކު ހަމަޖެހުނުހާ އަވަހަށް އެކަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަލުތަކުގައި ހަރުކަށި ފިކުރު ފަތުރާ މީހުން އެކަހެރި ކުރުމަށް ތައްޔާރުވެފައިވާއިރު، އެ ފިކުރު ޖަލުތަކުގައި ފެތުރޭ ގޮތް ބެލުމަށް ހޯމް މިނިސްޓްރީން މިހާރު ވަނީ ދިރާސާއެއް ވެސް ހަދަން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުންޖިޗޭ
22 November 2021
ހަމައެގޮތަށް އިސްލާމްދީނަށް ފުރައްސާކުރާ މީހުންނަށްވެސް ޖަލުތަކުން ޖާގަހަދައި، އެމީހުން ޖަލުތަކަށްލާން ޖެހޭ، މުޖުތަމަޢު ފަސާދަކުރާ މީހުން ވީއްލި، ދީނުގައި މަތީރޭންޖެއް ގެންގުޅޭ މީހުން ޖަލަށްލެވުމުން ދޭހަވާއެއްޗެއް ކުޑަކުއްޖަކަށްވެސް ފަހުމްވާނެ، ސާފުސީދާކޮށް ތިމަންނަމެންގެ މަޤްޞަދަކީ މިއީއޭ ނުބުންޏަސް ކުރާ ކަންތަކާއި ނުކޮށް ދޫކޮށްލާ ކަންތަކުން ރައްޔިތުންނަށް ސާފު މަންޒަރު ފެންނާނެ، ދެއިރު ދެދަޅަޔަށް ނޫސްބަޔާންނެރެ ތަފްޞީލުކޮށްދޭކަށް ނުޖެހޭ.
ވަހުތާން
22 November 2021
އިމްރާނޫ! ބަލަ މިކުޑަކުޑަ މާލެ އާއި ހުޅުމާލެ ތިދަނީ ޗޮޕުން! އަމާލްކަން ގެއްލި މީހުން އުޅެން ހެއުނުވާވަރު ތަނަކަށް ވެއްޖެ! ދެން ކޮން ވާހަކއެއް ކާކު ގަބޫލުކުރާނީ؟
މައިމޫ
22 November 2021
ހަރުކަށި މީހުންނަށް ހަރުކަށި ޔުނިޓެއް ހެދީމަ އެހެރީ ރަނގަޅަށެވެ
ބަޑިތަކުރު
22 November 2021
ދިރިއުޅެންކުރާ ހަމައެކަނި ކަމަކީ ޑްރަގް ވިއްކުމާއި ވައްކަމާއި ފޭރުމާއި ލޫޓުވުންކަމުގައި ހަދައިގެން އުޅޭ ޕާޓޭން އެކަހެރިކޮށްފައި ބައިތިއްބަން ފަޅުރަށެއް ކަނޑައަޅާބަލާށެވެ. އެތާނގައި ދަނޑުވެރިކަމާއި އެކިއެކި މަސައްކަތް އެމީހުން ލައްވައި ކުރުވިދާނެއެވެ. ރަނގަޅަށް މަސައްކަތް ކުރާ މީހުން އިސްކޮށްގެން އެމީހުންގެ މަސައްކަތުން އެމީހުންގެ ޚަރަދު ބެލެހެއްޓޭނެ އިންތިޒާމެއް ދައުލަތުން ހަމަޖައްސަންވީއެވެ.
އަހްމަދު ކަޜީމް
22 November 2021
ރަގަޅު. އެމީހުން އެހެން އެއްވެސް ދިވެއްސަކާ ފެނިދެނެވި، ވާހަކަ ދެކެވޭ ގޮތައް އޮވެގެން ނުވާނެ. ޢެމީހުން އެކަކު އަނެކަކައް ހިޔާލު ތަފާތުވެ ހަގުރާމަ ކުރަންފަށާނެ 4 ދުވަސް ވުމުގެ ކުރިން.
ލުޣްމާން
21 November 2021
ތީ ވަރަށްބޮޑު އިސްރާފެއް. ތިބުނާ ޔުނިޓެއް ހަދާފަހުރި ވަރަށް ފެންވަރުދައްކޮށޭ ކިޔާ އަޑުއިވޭ، ޓެރަރިޒަމްގެ ތުހުމަތުކުރެވޭ އަދި ހަނގުރާމަކުރުމަށް މިލިޓުރީތަމްރީނު ހަދާފަތިބި ހައިސެކުރިޓީބަޔަކު ލާން އެކަށީގެންވާ ފެންވަރެއްގެ ތަނެއްނޫން. 1 އަހަރެއްނުވާނެ އެތަން ފުޑުފުޑުވާނެ، ހެޔޮނުވާދެ މިފަދަ އިސްރާފުކުރާކަށް