ދުނިޔެ / ސޫދާން

ސޫދާންގެ ބޮޑުވަޒީރު އަލުން މަގާމަށް، މުޒާހަރާއަށް ހުއްޓުމެއް ނެތް

އިންތިގާލީ މަރުހަލާގެ ބޮޑުވަޒީރު އަބްުދުﷲ ހަމްދޫކު (ކ) އަށް އަލުން އެ މަގާމު ދިނުމާ ބެހޭ އެއްބަސްވުމުގައި، ޖެނެރަލް އަބްދުލްފައްތާހް އަލް ބުރްހާންއާ އެކުގައި ސޮއިކުރެއްވުމަށް ފަހު ދެ ބޭފުޅުން ފޮޓޯއަކަށް ހުއްޓިވަޑައިގެން. --އޭއެފްޕީ

22 ނޮވެމްބަރ 2021 - 10:14

2 comments

ސޫދާނުގައި ވެރިކަން ކުރަމުން އަންނަ ސިޔާދަތީ މަޖިލީހުން، އެ ގައުމުގެ އިންތިގާލީ ސަރުކާރު އުވައިލުމާ ގުޅިގެން، އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތައް މައިތިރި ކުރުމުގެ ގޮތުން، ކުރީގެ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކަށް އިއްޔެ އަލުން އެ މަގާމު ދިނުމުން ވެސް، މުޒާހަރާތައް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު، ސަރުކާރު އުވާލައި ބޮޑުވަޒީރު ހަމްދޫކު މަގާމުން ދުރުކުރުމަށް ފަހު، އިއްޔެއާ ހަމައަށް ހުންނެވީ ގޭ ބަންދުގަ އެވެ. ހަމްދޫކު އާއި އަސްކަރީ ވެރިޔާ ޖެނެރަލް އަބްދުލްފައްތާހް އަލް ބުރްހާންއާ ދެމެދު އިއްޔެ ސޮއިކުރި އެއްބަސްވުމެއްގެ ދަށުން، އިއްޔެ ވަނީ އޭނާ މިނިވަންކޮށް އަލުން ބޮޑުވަޒީރުގެ މަގާމަށް އައްޔަންކޮށްފަ އެވެ.

އެންމެ ފުރަތަމަ ހަމްދޫކު ބޮޑުވަޒީރުގެ މަގާމަށް އިސްކޮށްފައި ހުންނެވީ، އިންތިގާލީ މަރުހަލާގެ ދެ އަހަރުގެ މުއްދަތުގައި ބޮޑުވަޒީރުގެ މަގާމުގައި އޭނާ ބެހެއްޓުމަށް، މަދަނީ ކޯލިޝަނުން ނިންމައިގެންނެވެ.

އިންތިގާލީ މަރުހަލާގެ ބޮޑުވަޒީރު އަބްުދުﷲ ހަމްދޫކު. --އޭއެފްޕީ

ނަމަވެސް، މިދިޔަ މަހު ސިފައިން ގެނައި އިންގިލާބަށް ފަހު، ވެރިކަން ހިއްސާކުރުމަށް ޖެނެރަލް ބުރްހާނާއި ހަމްދޫކު އިއްޔެ އެކުލަވައިލެއްވި އެއްބަސްވުމަށް، މަދަނީ ކޯލިޝަނުން ވަނީ ދެކޮޅު ހަދައިފަ އެވެ. އެ ކޯލިޝަނުން ބުނި ގޮތުގައި، ސަރުކާރު އުވާލައި ބޮޑުވަޒީރާއި ވަޒީރުންތައް ހައްޔަރުކޮށް، މުޒާހަރާކުރި އެތައް ބަޔަކު މަރާފައިވާ ބަޔަކާ (ސިފައިންނާ) އެކުގައި، ހަމްދޫކު އެއްބަސްވުމެއް ހެދުމަކީ ގައުމަށް ވެވަޑައިގެންނެވި ޚިޔާނާތެކެވެ.

އެ ކޯލިޝަނުން ބުނި ގޮތުގައި، ހަމްދޫކު ސޮއިކުރެއްވި އެއްބަސްވުމަކީ ބޮލުގައި ބަޑި ޖައްސައިގެން ސޮއިކުރި އެއްބަސްވުމެކެވެ.

"މި ގައުމުގެ ކުރިމަގު ކަނޑައަޅާނީ، މަގުތަކަށް ނުކުމެ މުޒަހަރާ ކުރަމުންދާ މިގައުމުގެ ޒުވާނުން،" ފޯސަސް ފޯ ފްރީޑަމް އެންޑް ޗޭންޖް (އެފްއެފްސީ)ގެ ނަމުގައި ހަދާފައިވާ ކޯލިޝަންގެ ތަރުޖަމާނު ސިއްދީގު އަބޫ ފަވާޒް ބީބީސީ އަށް ބުންޏެވެ.

އިންތިގާލީ މަރުހަލާގެ ބޮޑުވަޒީރު އަބްުދުﷲ ހަމްދޫކު އަށް އަލުން އެ މަގާމު ދިނުމާ ބެހޭ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، ޖެނެރަލް އަބްދުލްފައްތާހް އަލް ބުރްހާން ގައުމާ މުހާތަބު ކުރައްވަނީ. --އޭއެފްޕީ

މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ސޫދާނުގެ މައި ރަށްތަކުގައި ކުރަމުންދާ މުޒާހަރާތަކުގައި މިހާތަނަށް 40 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ. ސޫދާންގެ ޑޮކްޓަރުންގެ ކޮމިޓީން ބުނި ގޮތުގައި މުޒާހަރާގެ ބައިވެރިން މަރުވަމުން ދަނީ، މުޒާހަރާގެ ބައިވެރިންގެ ގަޔަށް ސިފައިންނާއި ފުލުހުން ބަޑިޖަހައި އެކި ގޮތްގޮތުން ބާރުގެ ބޭނުން ކުރުމުންނެވެ.

ވެރިރަށް ޚުރުތޫމްގައި އިއްޔެ ކުރި މުޒާހަރާގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ. މުޒާހަރާ ކުރިއަށް ދަނިކޮށް، ސޫދާންގެ ގައުމީ ޓީވީން ވަގުތުން ދެއްކި ޕްރޮގްރާމެއްގެ ތެރެއިން، ޖެނެރަލް ބުރްހާނާއި ހަމްދޫކު އެއްބަސްވުމެއް ގާއިމުކޮށް ވެރިކަމުގެ ބާރުތައް ހިއްސާކުރަން ނިންމުމުން، މުޒާހަރާގެ ބައިވެރިންގެ ރުޅިވެރިކަން އިތުރުވެގެން ދިޔަ އެވެ.

މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔައީ، އެ ގައުމުގެ ސިޔާސީ މައިދާނުން ސިފައިން މުޅިން ދުރަށް ޖެހުމަށެވެ. އަދި ވެރިކަން ކުރުމުގެ ފުރިހަމަ އިހުތިޔާރާއި ބާރު، ގައުމުގެ ސިޔާސީ ފަރާތްތަކަށް ދިނުމަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔަ އެވެ.

އިންތިގާލީ މަރުހަލާގެ ބޮޑުވަޒީރު އަބްުދުﷲ ހަމްދޫކު އަށް އަލުން އެ މަގާމު ދިނުމުން ވެސް، އާންމުންގެ މުޒާހަރާތައް އިއްޔެ ކުރިއަށް ގެންދަނީ. --އޭއެފްޕީ

އިއްޔެ އަލުން މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ބޮޑުވަޒީރު ހަމްދޫކު ވިދާޅުވި ގޮތުގައި އޭނާ އެއްބަސްވުމުގައި ސޮއިކުރެއްވީ، މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމުގެ ބޭނުމުގަ އެވެ.

ސޫދާނު ރައްޔިތުންގެ ލެޔަކީ އަގުހުރި އެއްޗެއް. ލޭ އޮހޮރުވުން ހުއްޓާލާފައި، ގައުމުގެ ޒުވާނުންގެ ހަކަތަ މިސްރާބު ހިފަންވީ ގައުމު ބިނާކޮށް ތަރައްގީ ކުރުމަށް،" ހަމްދޫކު ވިދާޅުވި އެވެ.

ވެރިކަން ކުރާ ސިޔާދަތީ މަޖިލީހާއި ބޮޑުވަޒީރު އަބްދުﷲ ހަމްދޫކާ ދެމެދު އިއްޔެ ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން، އިންތިގާލީ މަރުހަލާ ނިންމައި އާ އިންތިހާބު ބޭއްވުމާ ހަމައަށް ސަރުކާރު ހިންގަމުންދާނީ ހަމްދޫނު އެކުލަވައިލައްވާ ކެބިނެޓަކުންނެވެ.

ނަމަވެސް ސަރުކާރުގެ މައްޗަށް ބަސްކިޔާ ސިޔާދަތީ މަޖިލީހަކީ، އަސްކަރިއްޔާގެ އަގުލަބިއްޔަތު އޮންނަ މަޖިލީހަކަށް ވާތީ، ގައުމު ހިންގުމުގައި ބޮޑުވަޒީރަށާއި އޭނާގެ ކެބިނެޓަށް ލިބޭނީ ކޮން ބާރުތަކެއް ކަމާއި ކޮން އިހުތިޔާރުތަކެއް ކަމެއް ނޭނގެ އެވެ.

އިންތިގާލީ މަރުހަލާގެ ބޮޑުވަޒީރު އަބްުދުﷲ ހަމްދޫކު އަށް އަލުން އެ މަގާމު ދިނުމުން ވެސް، އާންމުންގެ މުޒާހަރާތައް އިއްޔެ ކުރިއަށް ގެންދަނީ. --އޭއެފްޕީ

ސިފައިން ވެރިކަމުގެ ބާރުތައް އަތުލުމާ ގުޅިގެން، އިންތިގާލީ ސަރުކާރާ ވެރިކަން ހަވާލުކުރުމަށް ގޮވާލައި، ބައިނަލްއަގުވާމީ މުޖްތަމައުން ވެސް ވަނީ، ސޫދާންގެ އަސްކަރީ ވެރިންނަށް ވަރަށް ބޮޑަށް ފިއްތުންތައް ކުރިމަތިކޮށްފަ އެވެ. ވޯލްޑް ބޭންކުން ސޫދާނަށް ދެމުން އައި އެހީތައް މެދުކަނޑައިލި އެވެ. އެފްރިކަން ޔޫނިއަންގެ މެމްބަރުކަން ވަގުތީ ގޮތުން ހިފެހެއްޓި އެވެ.

ބޮޑުވަޒީރު ހަމްދޫކު އަލުން ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރުމާ ގުޅިގެން، އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އިތުރުން ވިލާތުގެ އިއްތިހާދުން ވަނީ މަރުހަބާ ކިޔައިފަ އެވެ.

ސޫދާންގެ ކުރީގެ ރައީސް އުމަރުލް ބަޝީރުގެ ވެރިކަމާ ދެކޮޅަށް އާންމުން ކުރަން ފެށި މުޒާހަރާތަކާ ގުޅިގެން، ސިފައިން ގެނައި އިންގިލާބެއްގައި، ބަޝީރުގެ ވެރިކަން ވައްޓައިލީ 2019 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އެ ގައުމުގައި ދައުލަތުގެ އެންމެ މަތީ ބާރުތައް ލިބިގެންވާ ފަރާތުގެ ގޮތުގައި ކަނޑައަޅާފައިވަނީ، "ފޯސަސް ފޯ ފްރީޑަމް އެންޑް ޗޭންޖްގެ ނަމުގައި، ސިޔާސީ ފަރާތްތައް ގުޅިގެން ހަދާފައިވާ ކޯލިޝަނާއި އަސްކަރިއްޔާ ބައިވެރިވާ ގޮތަށް އެކުލަވައިލި، ވެރިކަމުގެ ސިޔާދަތީ މަޖިލީހެވެ.

ބޮޑުވަޒީރު އައްޔަން ކުރުމުގެ ބާރު ލިބިގެންވަނީ ވެސް އެ މަޖިލީހަށެވެ. އެ މަޖިލީހުގެ އެންމެ އިސް ވެރިޔާގެ މަގާމުގައި ހުންނަވަނީ ސިފައިންގެ އިސް ވެރިޔާ ޖެނެރަލް އަބްދުލް ފައްތާހް އަލް ބުރްހާނެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގުލްޒާރު

22 November 2021

ސޫދާނުމީހުންވެސް މިއޮށްވަނީ މުއިއްޒުމެން ރަށުމީހުންނަށް.

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

22 November 2021

މިމީހުން މިހާރު މިކަން ކުޅިވަރަކަށްހަދައިފި. ދެން ރައްޔިތުން ރުޅިނައިއްޔާ ދެރަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454