ކެވިން ލީންޗް.
23 ނޮވެމްބަރ 2021 - 06:05
އެޕަލް ކުންފުނީގެ ކާރު ޑިވިޝަންގެ އާ ވެރިއަކަށް ކެވިން ލީންޗް ހަމަޖައްސައިފި އެވެ.
ޓެކް ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނި ގޮތުގައި އެޕަލް އިން "ޕްރޮޖެކްޓް ޓައިޓަން" ގެ ނަމުގައި ޒަމާނީ ކާރު އުފައްދަން ކުރާ މަސައްކަތް ދެން ކުރިއަށް ދާނީ ކެވިންގެ ބެލުމުގެ ދަށުންނެވެ. ކާރު ޑިވިޝަންގެ ވެރިއަކަށް އޭނާ ހަމަޖެއްސުމުގެ ކުރިން ހުންނެވީ އެޕަލް ވޮޗް ސޮފްޓްވެއާ އެކްޒެކެޓިވެއްގެ މަގާމުގަ އެވެ.
މީޑިއާތަކުން ބުނީ އެޕަލްގެ ކާރު ޑިވިޝަނަށް އާ ވެރިޔަކު ހަމަޖެހިގެން ދިއުމަކީ އެންމެ ލަސްވެގެން ވެސް 2025 ގައި ސެލްފް-ޑްރައިވިން ކާރު ނެރެން އެ ކުންފުނިން ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ ކަމަށެވެ.
އެޕަލް އިން އަމާޒު ހިފާފައި އޮތީ 2024 ނުވަތަ 2025 ގައި ޕްރޮޖެކްޓް ހަގީގަތަކަށް ހެދުމަށެވެ.
އެޕަލްގެ ކާރު އޮންނާނީ މިކަހަލަ ޑިޒައިނަކަށް ކަމަށް ބެލެވޭ.
ކާރު ޑިވިޝަންގެ ވެރިއަކަށް ކެވިން ހަމަޖައްސާފައި މި ވަނީ ކުރިން އެ މަގާމުގައި ހުންނެވި ޑަގް ފީލްޑް ކުންފުނި ދޫކޮށްލައްވައި، މިދިޔަ ސެޕްޓެމްބަރު މަހު ފޯޑް ކުންފުންޏާ ގުޅިވަޑައިގެންފައި ވަނިކޮށެވެ. އޭނާ އެޕަލް ދޫކޮށްލުމުން، "ޕްރޮޖެކްޓް ޓައިޓަން" ކުރިން އަމާޒު ހިފާފައި އޮތް ގޮތަށް ދެން ކުރިއަށް ނުދާނެ ކަމަށް ވެސް ބެލެވުނެވެ.
ކާރު ޕްރޮޖެކްޓާ ބެހޭ އެއްވެސް ވާހަކައެއް މިހާތަނަށް އެޕަލް އިން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު މި މަސައްކަތަކީ 2014 އިން ފެށިގެން ވަރަށް ސިއްރިޔާތުގައި އެޕަލް އިން ކުރަމުން އަންނަ ކަމެކެވެ.
އެ ކުންފުނީގެ އަމާޒަކީ މާކެޓްގައި މިހާރު ހުރި އަދި ނެރެން ތައްޔާރުވާ އިލެކްޓްރިކް ކާރުތަކަށް ގޮންޖަހާލެވޭ ވަރުގެ ފުލް ސެލްފް-ޑްރައިވިން ކާރު އެންމެ މި ޒަމާނީ ކުލަވަރާއި ފާޑުވެރިކަމާ އެކު ނެރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓިމް ކުކް
25 November 2021
ހޮޅި ވާހަކަ ނުދައްކަބަލަ