ރިޕޯޓް / އަރަބިއްޔާ ސްކޫލް

10 އަހަރު ނުވަނީސް އަރަބިއްޔާ އިމާރާތް ވެއްޓެނީ؛ ކީއްވެ؟

އަރަބިއްޔާ ސްކޫލުގެ އިމާރާތުގެ ތަނބުގައި ރެނދުލާފައި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"ސުވާލެއް ނެތް، ތިޔައީ ބަލަންވާ ވަރަށް ނުބެލުމުގެ ނަތީޖާ. ކޮންސްޓްރަކްޝަންގެ ވަރަށް ބޮޑު ފެއިލިއާއެއް،" އަރަބިއްޔާ ސްކޫލުގެ މި އިމާރާތް ހުޅުވިތާ 10 އަހަރު ނުވަނީސް، އެތަނުގެ ތަނބުތަކުގައި ބޮޑެތި ރެނދު އަޅައި، ބޮލަށް ވެއްޓޭ ހިސާބަށް ދިޔައީ ކީއްވެގެންތޯ އެހުމުން އިންޖިނޭރަކު ވިދާޅުވި އެވެ.

"ތިން ކަމެއް ތީގައި އޮންނާނީ. އެއް ކަމަކީ އިންޖިނޭރިން މައްސަލަ. ނުވަތަ ސުޕަވިޒަން. ދެން އޮންނާނީ ކޮލިޓީ ދަށް އެއްޗެހި ބޭނުން ކުރުން."

އިމާރާތްކުރުމުގެ ދާއިރާގެ ތަޖުރިބާކާރުން ގަބޫލުކުރައްވާ ގޮތުގައި ކޮންކްރީޓުން ހަދާފައިވާ އިމާރާތެއްގައި އަށް އަހަރުގެ ތެރޭގައި ރެނދުލާނީ މަސައްކަތް ކުރިއިރު ބަލަންޖެހޭ އެއްވެސް ކަމަކަށް ބެލިފައި ނެތުމުންނެވެ. އެހެން ނޫންނަމަ އެކަހަލަ އިމާރާތެއް މަދުވެގެން 50 އަހަރު ވަންދެން ބޭނުންކުރެވޭނެ ކަމަށް "މިހާރު" އާ ވާހަކަދެއްކެވި ބައެއް ބޭފުޅުން ވިދާޅުވި އެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް ސެޕްޓެމްބަރު 19، 2013 ގައި ހުޅުވައި ކިޔަވައިދޭން ފެށިތާ އަށް އަހަރުގެ ތެރޭގައި، އެ ސްކޫލުގެ ތަނބުތަކުގައި ރެނދުލައި ވަރަށް ބޮޑަށް ހުރީ ހަލާކުވެފަ އެވެ. އެންމެ ރެނދެއް ނޫނެވެ. އެތައް ބައިވަރު ރެނދެކެވެ. އަދި އެއީ ބޮޑެތި ރެނދުތަކެކެވެ. މި މަންޒަރު އާންމުވުމާ އެކު، އެތަނުގެ ކޮލިޓީ އާ ދޭތެރޭ އެތައް ބަޔަކު ވަނީ ސުވާލު އުފައްދައިފަ އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ކޮންސްްޓްރަކްޝަން އިންޖީނިއަރު މުހައްމަދު ހާޝިމް ވިދާޅުވި ގޮތުގައި، ކޮންކްރީޓް ސްޓްރަކްޗަރު ހަދާއިރު އެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބެލުމަށް ޕްރޮޖެކްޓް ކޮންސަލްޓަންޓެއް ހުންނާނެ އެވެ. ޑިޒައިންނާ އެއްގޮތަށް މަސައްކަތް ކުރާކަން ކަށަވަރު ކުރުމަކީ އެ ބޭފުޅެއްގެ ޒިންމާއެއް ކަމަށް ހާޝިމް ވިދާޅުވި އެވެ.

އޭރުގެ ރައީސް ޑރ. ވަހީދު (މ)، އަރަަބިއްޔާ ސްކޫލްގެ އާ އިމާރާތް ސެޕްޓެމްބަރު، 2013 ގައި ހުޅުވައިދެއްވުމަށްފަހު އެ ސްކޫލުގެ ދަރިވަރުންގެ މެގެޒިންގެ ނުވަ ވަނަ އަދަދު ނެރެދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ހާޝިމް ވިދާޅުވީ ރަނގަޅު ފެންވަރުގައި ކޮންކްރީޓުން އިމާރާތްކޮށްފައިވާ ތަނެއް މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފެއިލްވެގެން ނުވާނެ އެވެ. އެހާ އަވަހަށް ހަލާކުވެގެން ދާނީ ޑިޒައިނިންގެ މައްސަލައަކުން ނުވަތަ އިމާރާތްކުރުމުގެ ފެންވަރު ދަށްވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ރާއްޖޭގައި އިމާރާތްކުރެވޭނީ އެ ތަނެއްގެ ޑިޒައިނަކަށް ސަރުކާރުގެ ހުއްދަ ލިބިގެން ކަމަށްވާތީ ޑިޒައިނިންގެ މައްސަލަ ދިމާވުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް ހާޝިމް ވިދާޅުވި އެވެ. ސްކޫލެއް ނަމަ އެ ކަމަށް މާ ބޮޑަށް ބަލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަސައްކަތުގެ ފެންވަރުގެ ދަށްވުން ނުވަތަ ބޭނުންކުރި މެޓީރިއަލްގެ ފެންވަރު ދަށްވުމަކީ ވެސް ވެދާނެ ކަމެއް އިމާރާތް އެހާ އަވަހަށް ހަލާކުވުމަކީ. ކޮންސަލްޓެންޓުން ހަމަޖައްސާފައި ތިބެނީ އެކަންތައް ވިޔަ ނުދިނުމަށް،" ހާޝިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތަނބުތައް ހަލާކުވާން ފަށައިފިނަމަ އެއީ ސްޓްރަކްޗަރަލް ފެއިލިއާއެކެވެ.

"ތަނބުތައް ހަލާކުވާ ނަމަ އެހާ ބައިވަރު ކުދިން ކިޔަވަން ދާ ސްކޫލެއްގައި ކިޔަވަން ބޭނުންކުރުމަކީ ވެސް ނުރައްކާތެރި ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެއީ ވަރަށް ބޮޑު ރިސްކެއް،" ހާޝިމް ވިދާޅުވި އެވެ.

އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންތަކެއް އެ ސްކޫލު ބޭރުގައި މަޑުކޮށްލައިގެން: އިމާރާތް ހަލާކުވަމުންދާތީ ކަންބޮޑުވުން ފާޅުކުރި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ސިވިލް އިންޖީނިއާސް އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ނައުޝާދު ވިދާޅުވީ އަރަބިއްޔާ އިމާރާތުން ގެއްލުމެއް ފެންނަ ވަރަށް އަދި އުމުރު ކައިރި ވެސް ނުވާ ކަމަށެވެ. ސޯޝަލް މީޑިއާއިން ފެނުނު ފޮޓޯތަކާ ހަވާލަދެއްވައި އޭނާ ވިދާޅުވީ އެކަން އެގޮތަށް ވާނީ ކޮލިޓީ ކޮންޓްރޯލްގެ ކަންތައް އަތް ދަށުން ދިއުމުން ކަމަށެވެ.

"އެއީ ވަރަށް ބޮޑު އިޝޫއެއް، އިމާރާތްތަކުން ފެނިގެން ވާނެ ކަމެއް ނޫން އެއީ. އަޅުގަނޑަށް ގަބޫލުކުރެވެނީ އިމާރާތްކުރުމުގައި ކޮންސްޓްރަކްޝަން ކޮލިޓީ ކޮންޓްރޯލް ނުބެލިފައޭ އޮތީ. އިމާރާތްކުރަމުންދާއިރު އެ ހުރިހާ ސްޓޭޖްތަކުން ފެއިލްވެފައޭ އޮތީ،" ކޮންސްޓްރަކްޝަން އިންޖީނިއަރެއްގެ ގޮތުގައި 21 އަހަރު މަސައްކަތްކުރައްވާފައިވާ ނައުޝާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޖީނިއަރެއްގެ ހައިސިއްޔަތުން، އެވަރުގެ ސްކޫލެއްގައި ދަރިވަރުން އެ ހާލަތުގައި ކިޔަވައިދޭން ފަސްޖެހޭ ކަމަށެވެ. ނަމަވެސް ބޮޑު މަރާމާތެއް ކޮށްގެން ދިގު މުއްދަތަކަށް އެތަން ބޭނުން ކުރެވިދާނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށް ނައުޝާދު ވިދާޅުވި އެވެ.

"ގަބޫލެއް ނުކުރެވޭ ޑިޒައިން މައްސަލައެކޭ. ކޮންސްޓްރަކްޝަންގެ ކޮލިޓީގެ ކަމެއް ކަމަށް ގަބޫލުކުރެވެނީ. މަރާމާތުކޮށްގެން ބޭނުންކުރެވިދާނެ ކަމަށް ފެނޭ. މަސައްކަތްކުރިއިރު ބަލަންވާ ވަރަށް ކުޑަ ނަމަވެސް ބެލިފައިނެތީ. [އިމާރާތް] ތަޅާލާ ހިސާބަކަށް ދާނެއެކޭ ހިތަކަށް ނާރާ،" އޭނާ ވިދާޅުވި އެވެ.

ބެލެނިވެރިން ބުނަނީ ސްކޫލަށް ފޮނުވަން ބިރުގަންނަ ކަމަށް

އެ މައްސަލައިގައި އަރަބިއްޔާގެ ބެލެނިވެރިން ވަނީ ނޫސްވެރިން އެ ސްކޫލު ސަރަހައްދަށް ގެންގޮސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ތަނުން އެއް ބެލެނިވެރިއަކު "މިހާރު" އަށް ބުނީ އިމާރާތް އެހާ ބޮޑަށް ހަލާކުވެފައި ހުރުމުން އޭނާގެ ހަތަރު ދަރިން ސްކޫލަށް ފޮނުވަން ފަސްޖެހޭ ކަމަށެވެ. އަންނަ މަހުގެ ފަހެއްގައި ޓެސްޓުތައް ފަށާތީ ސްކޫލަށް ފޮނުވުން ނޫން އިތުރު ގޮތެއް ނެތް ކަމަށް ކަންބޮޑުވުން ފާޅުކުރި ބެލެނިވެރިޔާ ބުންޏެވެ.

އަރަބިއްޔާ ސްކޫލުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލާފައި.--

އޭނާ ބުނިގޮތުގައި މިދިޔަ ހަފުތާއަށްވުރެ މި ހަފުތާގައި ރެނދުތައް އިތުރަށް ވަނީ ފުޅާވެފަ އެވެ. އެހެންވެ، އެ ކުދިންގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމަށް އެ ބެލެނިވެރިން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.

"ބޭރުން އަސްލު މި ފެންނަނީ ގެއްލުމުގެ ވަރަށް ކުޑަ މިންވަރެއް. ހުރިހާ ފްލޯއެއްގެ ތަނބުތަކުގައި އެބަހުރި ރެނދުލާފައި. ސިޑި ދަށުގައި ވެސް އެބަހުރި އެ ގެއްލުންތައް. އޭގެ އިތުރުން ފެން ލީކުވުމުގެ މައްސަލަތައް ވަރަށް ބޮޑު،" 700 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލުގެ ބެލެނިވެރިޔާ ބުންޏެވެ.

އެހެން ބެލެނިވެރިޔަކު ބުނީ ސްކޫލުން ފެންނަން ހުރި ގެއްލުންތަކުން އޭނާގެ ދެ ދަރިން ކަންބޮޑުވެގެން އެ ވާހަކަދައްކާފައިވާ ކަމަށެވެ.

"އެއް ދުވަހަކު ބުނީ ސީލިން ތެޅޭ ވާހަކަ މަތީ ފްލޯގައި އުޅޭ ކުދިންތަކެއް ދުވަން ފެށީމަ. މަތިން ވެއްޓިއްޖެއްޔާ މަރުވެދާނެއޭ ބުނީ. ބިރު ގަނޭ ސްކޫލަށް ފޮނުވަން. އެކަމަކު އަލިމަގެއް ނުފެނު،" އެ ބެލެނިވެރިޔާ ބުންޏެވެ.

އެ ބެލެނިވެރިންގެ އަނެއް ޝަކުވާއަކީ މާލެ ސަރަހައްދުގެ އެހެން ސްކޫލުތަކަށް ސަރުކާރުން ދޭ ސަމާލުކަން އަރަބިއްޔާއަށް ނުދިނުމެވެ. އިމާރާތްތަކުން ފެންނަނީ އެ ތަފާތުކަން ދަރިވަރުންނާއި ބެލެނިވެރިން ވެސް ފާހަގަކުރެ އެވެ.

"ކައިރީގައި މި ހުރި ދެ ސްކޫލުގެ އިމާރާތް ފެނިފައި ކުދިން ދެރަވެގެން އެ ވާހަކަ ދައްކާ. އަޅުގަނޑުމެންނަށް ހުރިހާ ކަމަކުން ފިއްތުން މި އަންނަނީ. ކީއްވެގެންތޯ އަރަބިއްޔާ ނިކަމެތިވެގެން ދަނީ،؟" ބެލެނިވެރިޔަކު ސުވާލު އުފެއްދި އެވެ.

އަރަބިއްޔާ ސްކޫލުގެ އިމާރާތުގެ ތަނބެއްގައި ރެނދުލާފައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އަރަބިއްޔާ ސްކޫލު އެންމެ ފުރަތަމަ ހިންގީ މިހާރު ގާކޮށި ފްލެޓްތައް އޮތް ބިމުގަ އެވެ. އެ ބިމުގައި ހުރި އިމާރާތް ބާވެގެން، ވަގުތީ ގޮތުން އެ ސްކޫލު އީޕީއެސް ސްކޫލު އެންމެ ކުރިން ހުރި އިމާރާތަށް ބަދަލުކުރި އެވެ. އަދި ފަހުން، މަންދު ކޮލެޖު ހިންގި އެމްއީއެސް އިމާރާތުގައި ވެސް އަރަބިއްޔާ ސްކޫލު ހިންގި އެވެ.

އަރަބިއްޔާގެ އާ އިމާރާތް އަޅަން 29 މިލިއަން ރުފިޔާ އަށް ހަވާލުކުރީ މާލާ ހައި ރައިޒިން ނަމަކަަށް ކިޔާ ކުންފުންޏަކާ އެވެ.

އިމާރާތުގެ ފައުންޑޭޝަން އެޅުމަށް ފަހު މާލާ ހައި ރައިޒިން ކުންފުނިން މަސައްކަތްތައް ހުއްޓާލީ ޑޮލަރުގެ އަގަށް ގެނައި ބަދަލާ ގުޅިގެން ބޮޑު ގެއްލުމެއް ވާ ކަމަށް ބުނެ އެވެ. އެހެންވެ، އެޑިއުކޭޝަން މިނިސްޓްރީން ހަތް ބުރީގެ އިމާރާތް އެޅުމަށް އެލްއެފް ކޮންސްޓްރަކްޝަން ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި އެވެ. އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ބައެއް ސިޔާސަތުތަކަށް ގެނެސްފައިވާ ބަދަލުގެ ދަށުން އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ އޭރުގެ ހައުސިން މިނިސްޓްރީންނެވެ.

މިހާރު އެ ފެންނަ އިމާރާތް ހަދާފައިވަނީ އެލްއެފް ކޮންސްޓްރަކްޝަނުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރު އަންނަނީ ދިގު މުއްދަތެއްގައި އަރަބިއްޔާގެ އިމާރާތް ބޭނުންކުރެވޭނެ ގޮތަށް ސްޓްރަކްޗަރަލް އެސެސްމަންޓެއް ހެދުމަށް ބަޔަކާ ހަަވާލުކޮށްފަ އެވެ. އެ މަސައްކަތް މިއަދު ފަށާފައިވާއިރު، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އެ އެސެސްމަންޓު ހަދައި ނިމޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

86 ކޮމެންޓް, 39 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 69%
icon angry icon angry 26%
icon wow icon wow 3%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސިދުގީ

12 December 2021

ފެންވަރު ދައްކަމުން އިމާރާތްކޮއްފަ ހުރިލެއް. އެލް.އެފް ލަތީފް ޒިންމާވާން ވާނެމިކަމުގައި.

The name is already taken The name is available. Register?

ދެރަ

24 November 2021

ކައިރީގައި މި ހުރި ދެ ސްކޫލުގެ އިމާރާތް ފެނިފައި ކުދިން ދެރަވެގެން އެ ވާހަކަ ދައްކާ. އަޅުގަނޑުމެންނަށް ހުރިހާ ކަމަކުން ފިއްތުން މި އަންނަނީ. ކީއްވެގެންތޯ އަރަބިއްޔާ ނިކަމެތިވެގެން ދަނީ،؟" ބެލެނިވެރިޔަކު ސުވާލު އުފެއްދި އެވެ. އެކުދިންދެރަ ވިޔަސް ކީއްކުރާނެ ކަމެއްނެތް. 2000 އަށްވުރެ ގިަކުދިން ކިޔަވާ އިސްކަންދަރަކީވެސް ވަރަށް ކުރީގެ ޢިމާރާތެއް. އަރަބިއްޔާ 10 އަހަރު ނުވާ ޢިމާރާތެއް ހަލާކުވާނީ އެއީ ހަމަ ޢިމާރާތް ކުރި ބައެއްގެ އިޙުމާލު

The name is already taken The name is available. Register?

ހުއްތުބޭ

23 November 2021

ކަންބޮޑުވެގެން އުޅޭނެކަމެއްނެތް. ހުރިހައިކަމެއްވެސް ހަމް މިލެވެލްގަ. ޑެވެލޮޕާ ކޮބައިހޭވެސް އަހާނެކަމެއްނެތް.

The name is already taken The name is available. Register?

ބޯހަލާކު

23 November 2021

ބޮޑު ބައްދަލުވުމެއް ބާއްވާފައި ކުރީ ސަރުކާރުގެ ބޮލަށް ކަނޑާ ލެވޭނެ ކޮންމެވެސް ގޮތެއް ވިސްނާފަ އެގޮތެއް މީޑިއާއަށް ހާމަކޮށްލާފައި ހޭން ތިބީމަ ނިމުނީ. އެއްގޮތަކަށްވެސް މައްސަލަ ޙައްލު ކުރާނެކަމެއް ނެތް. ސަރުކާރު ބަދަލު ކުރީ ކުރިން ކަންކަން ގޯސް ވެގެން ކަން ވިސްނާނެ ކަމެއްވެސް ނެތް. ފަސް އަހަރު ދުއްވާލާ މީހުންގެ ބޮލަށް ފޫޅު ކެނޑުމުގައި

The name is already taken The name is available. Register?

ނޭގެ

23 November 2021

ތިވެދާނެ އޯވަރ ޑިޒައިންކޮށް ދަގަނޑުތައް ހިސާބައްވުރެ ގިނައިން ހުރީމަ ވީކަމަކަށްވެސް

The name is already taken The name is available. Register?

ހާޝިމް

23 November 2021

އަޑުއިވޭގޮތުން އިމާރާތުގެ ފުރަތަމަ ކޮންޓްރެކްޓަރ ފައުންޑޭޝަން އަޅާފަ ހުރި ގޮތާއި ކުރެހުމާއި ދިމާނުވާ މައްސަލަ ފަހުން އައި ކޮންޓްރެކްޓަރ އޯޕީޕީގަޖެއްސި. އެކަމަކު ހުރިގޮތަށް ކުރިޔަށް ގެންދިއުމަށް އެންގިކަމަށް ވަނީ....

The name is already taken The name is available. Register?

ބަރަބިއްޔާ

23 November 2021

އަރަބިއްޔާ އުވާލާފަ އެބިމުގަ ފުލެޓު އަޅަންވީ!

The name is already taken The name is available. Register?

ކުރޮފި

23 November 2021

އެހެންދޯ. ކަލެއަށް ކޮން ފްލޯއެއް؟

The name is already taken The name is available. Register?

އާކޫރޭ

23 November 2021

ސަރުކާރު އެއްވެސް އިމާރާތަކީ އެކަށީގެންވާ ގޮތެއްގައި އިމާރާތް ކުރައިރު ބެލެހެއްޓޭ ތަންތަނެއްނޫން. ކޮންސަލްޓަންޓަކު ހުންނާނީ ނަމެއްގަ. އެންޓި ކޮރަޕްޝަނާ އޮޑިޓް އިދާރާތަކުންވެސް މިއީ ކިހިނެއްދާ ކަންކަންތޯ ނުބަލާ. ސްޕެސިފިކޭޝަންސް އޮންނަނީ ރަނގަޅައްތޯ ސްޓޭންޑަޑް ފުރިހަމަތޯ އަދި ހަދަމުންދަނީ ނޫނީ ނިންމާފަހުރީ އެއާ އެއްގޮތައްތޯ މިކަންކަން ކާކުތޯ ބަލަނީ؟ އެހެރަ އަމީނިއްޔާ އިިމާރާތްވެސް ހަދާފަ ހުރިފެންވަރު ބަލާލީމަ އިނގޭނީ. ތަންހަމަ ފުންޑެނީ. ފޮޓޯ ސަޅި

The name is already taken The name is available. Register?

އަފްރާސިޔާބު

23 November 2021

ތީ އަނެއްކާވެސް ބަޔަކަށް ފައިސާ ގަނޑެއް ދޭންވެގެން ކުރާކަމެއް. ޢިމާރާތެއްގެ ކޮންކްރީޓްތަނބުތައް ފަޅަފަޅައިގެން ދިޔައީމާ ދެން އެންމެ އައުލާކަން ބޮޑީ އިމާރާތް އަވަހަށް ތަޅާލައި އައު އިމާރާތެއް އެޅުން. އެހެންނޫނީ އިރުއިރުކޮޅުން 20 މިލިއަނުން 30 މިލިއަނުން މަރާމާތަށް ޚަރަދުކުރަން އޮންނާނީ ޖެހިފައި. ތިކަން ތިހެން ތިވީ ދައުލަތުގެ ދޯދިޔާ ކަމުން. ކޮލިޓީ ކޮންޓްރޯލް ކުރަން ނަމެއްގައި މީހަކު ލާފައި އެމީހަކު ހަދާނެ އެއްޗެއް ހަދަން ދޫކޮށްލާފައި ތިބޭކަށްނޫން.

The name is already taken The name is available. Register?

ާއާމީ

23 November 2021

ސުކޫލުގެ ޕްރިންސިޕަލްގެ ބަހެއްވެސް ނެތް. ޕްރިންސިޕަލް ކުދީން ނުރައްކަލަށްލައިގެން ޑެސިޝަން ނުނަގާ ހުންނަނީތޯ؟ ބެލެނިވެރިންދޯ ދެން ޑިސައިޑް ކުރަންވީ ތިތަނަށް ފޮނުވާނީތޯ ނޫންތޯ؟ ދެރަކަމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454