ޑީއެސްސީ އާއި ޓްރޭޑް ކްލަބު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
24 ނޮވެމްބަރ 2021 - 07:07
ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގެ އަންހެން ޑިވިޝަންގައި އިކޮނޮމިކް މިނިސްޓްރީގެ މައްޗަށް ތަފާތު ބޮޑު ނަތީޖާ އަކުން ކާމިޔާބު ހޯދައި ގުރޫޕް އެކެއްގެ އެއް ވަނަ އަށް ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) ފުރުސަތު ބޮޑުކޮށްފި އެވެ.
އަންހެން ޑިވިޝަން ނުވަޔަ "18/30 ވިމެން ފުޓްބޯލް ފިއެސްޓާ" ގައި ޓްރޭޑް ކްލަބުގެ މައްޗަށް ޑީއެސްސީ ކުރި ހޯދީ 22-2 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ. އެ 22 ގޯލްގެ ތެރެއިން 10 ލަނޑު ކާމިޔާބު ކޮށްދިނީ ސިފައިންގެ ކްލަބަށް ކުޅޭ، ބަންގްލަދޭޝްގެ ގައުމީ ޓީމުގެ ފޯވާޑް ސަބީނާ ހާތުން އެވެ.
ސިފައިންގެ ކްލަބަށް ދެން އެންމެ ގިނަ ގޯލް ކާމިޔާބު ކޮށްދިނީ ވެސް ބަންގްލަދޭޝްގެ ކުޅުންތެރިއެކެވެ. ފޯވާޑް ސުމަޔާ ފަސް ގޯލް ޖަހައިދިން އިރު، އެ ޓީމުގެ ޝަހްފާ ޝިއުތު އާއި މަރްޔަމް ރިފާ ވަނީ ކޮންމެ ކުޅުންތެރިއަކަށް ތިން ގޯލް ކާމިޔާބު ކޮށްދީފަ އެވެ. އަދި ސިފައިންގެ ޓީމުގެ ފާތިމަތު އަފްޒާ ވެސް ގޯލެއް ޖެހި އެވެ. ޓްރޭޑް ކްލަބްގެ ދެ ލަނޑު ވެސް ޖެހީ އާމިނަތު ފިރުޝާ އެވެ.
ދ
ޑީއެސްސީ ވަނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެފަ އެވެ. ހަ ޓީމު ހިމެނޭ ވިމެން ފިއެސްޓާ ކުރިއަށް ގެންދާނީ ކޮންމެ ގުރޫޕެއްގެ ޓީމުތަކެއް އެއް ޓީމު އަނެއް ޓީމާ ދެ ފަހަރު ކުޅޭ ގޮތަށެވެ. ކޮންމެ ގުރޫޕަކުން ވެސް ސެމީ ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.
ރޭ ގުރޫޕް ދޭއްގައި ފެނަކާ އާއި ވެމްކޯ ކުޅުނު މެޗު ނިމުނީ 1-1 އިން ހަމަހަމަ ވެގެންނެވެ. ވެމްކޯގެ ލަނޑު ކާމިޔާބު ކުރީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޑަންކާ އެވެ. ފެނަކައިގެ ލަނޑު ކާމިޔާބުކުރީ އެ ޓީމުގެ ފިލިޕީންސްގެ ގައުމީ ޓީމުގެ ފޯވާޑް ރިޗޭލް އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy