ބުންޑެސްލީގާގެ ކުޅުންތެރިންތަކެއް މާސްކު އަޅައިގެން ދަނޑަށް ނުކުންނަނީ --- ފޮޓޯ: ޑީޑަބުލިއު
25 ނޮވެމްބަރ 2021 - 12:09
ބާލިން (ނޮވެމްބަރު 25) - ޖަރުމަނުގައި ކޮވިޑް-19 ގެ ނުރައްކާ އަނެއްކާވެސް ބޮޑުވާން ފެށުމުން ބުންޑެސްލީގާ ހުއްޓާލަން ގޮވާލާ އަޑުތަކަށް، ޖަރުމަންގެ ފުޓްބޯލް ބޮޑީން ބީރު ކަންފަތެއް ދީފި އެވެ.
ޖަރަމަންގެ ފުޓްބޯލް ލީގު ނުވަތަ ޑީއެފްއެލް އަކީ ޖަރުމަންގެ އެއްވަނަ ޑިވިޝަން ކަމަށްވާ ބުންޑެސް ލީގާ އާއި އަދި ދެވަނަ ޑިވިޝަން ކަމަށްވާ ބުންޑެސް ލީގާ 2 އިންތިޒާމުކުރާ ބޮޑީ އެވެ. ޖަރުމަނުގެ ދެވަަނަ ޑިވިޝަންގައި ވާދަކުރާ އެރިޒްގެބާގް އައުއޭގެ ރައީސް ހެލްގޭ ލޭނާޑް ވަނީ ކޮވިޑް ހަލުވިކަމާ އެކު ފެތުރެމުންދާތީ ލީގު މެދުކަނޑާލަން ގޮވާލައިފަ އެވެ.
ޑީއެފްއެލްއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެރިޒްގެބާގްގެ ރައީސް ވިދާޅުވި ވާހަކަތައް އެ ބޮޑީން ސަމާލުކަންދޭ ކަމަށެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ފުރަތަމަ ޑިވިވޝަން އަދި ދެވަނަ ޑިވިޝަންގައި ވާދަކުރާ ހުރިހާ ކްލަބަކުން ވެސް އެއްބަސްވެފައި ވަނީ ކޮވިޑްގެ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރުމަށް ކަމަށެވެ. އަދި ދެ ޑިވިޝަންގެ 36 ކްލަބުން ވެސް އެގޮތަށް އަމަލުކުރަމުންދާ ކަމަށް ޑީއެފްއެލްގެ ބަޔާނުގައިވެ އެވެ.
"ކްލަބުތަކުން ދަނީ އަމިއްލަ އަށް ވެސް ލޮކްޑައުންގެ ފިޔަވަޅުތަކެއް އަޅައިގެން މަސައްކަތް ކުރަމުން. އެހެންވީމަ މައްސަލައެއް ދިމާ ނުވާނެ،" ޑީއެފްއެލްގެ ބަޔާނުގައި ބުނެފައިވެ އެވެ.
ރޮއިޓަސްއިން ބުނީ ޖަރުމަންގައި ކޮވިޑް-19 ފެތުރެން ފެށި ފަހުން އެންމެ ހަލުވިކަމާ އެކު އެބަލި ފެތުރެމުންދަނީ މިދުވަސްވަރު ކަމަށެވެ. އެ ގައުމުގައި މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ވެސް ކޮވިޑް ޖެހޭ މީހުންގެ އަދަދު 50،000 އަށް އަރާފައިވާ ކަމަށް ވެސް ރޮއިޓަސްއިން ބުނެ އެވެ.
ޔޫރަޕްގައި މިދިޔަ އަހަރުގެ މާޗު މަހު ފެތުރޭން ފެށި ކޮވިޑާ ގުޅިގެން ބުންޑެސްލީގާގެ ކުޅުނު ގާތްގަނޑަކަށް ތިން މަހަށް މެދުކަނޑާލި އެވެ. މެއި 16، 2020 ގައި ބުންޑެސްލީގާ އަލުން ފެށީ ބޮރޫޝިއާ ޑޯޓްމަންޑާއި ޝާލްކޭގެ މެޗުންނެވެ. ކޮވިޑް-19 އަށް ޔޫރަޕުގެ ބޮޑެތި ލީގުތައް ހުއްޓާލި ފަހުން އެންމެ ފުރަތަމަ ފެށި ލީގަކީ ބުންޑެސްލީގާ އެވެ.
ޔޫރަޕްގެ އެހެން ގައުމުތަކަށް ވުރެ ކުރިން ޖަރުމަންގައި ފިޔަވަޅުތައް ލުއި ކުރަން ފެށި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy