ޗަނިން ޓޭޓަމް.
02 ޑިސެމްބަރ 2021 - 06:22
ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝޭނިންގެ ކާމިޔާބު ކޮމެޑީ-ޑްރާާމާ ފިލްމު "މެޖިކް މައިކް" ގެ ތިން ވަނަ ބައި ހަދަން ނިންމާފައިވާ ކަން ކަށަވަރުކޮށްފި އެވެ.
"މެޖިމް މައިކްސް ލާސްޓް ޑާންސް" ގެ ނަމުގައި ހަދަން ނިންމާފައިވާ ފިލްމު ހަދާނީ މީގެ ފުރަތަމަ ބައި 2012 ގައި ގެނެސްދިން ޑައިރެކްޓަރު ސްޓީވެން ސޮޑަބާގެވެ. "މެޖިކް މައިކް" ގެ ބޮޑު ކާމިޔާބީ އަށް ފަހު މީގެ ދެވަނަ ބައި "މެޖިކް މައިކް އެކްސްއެކްސްއެލް" ގެ ނަމުގައި 2015 ގައި ގެނެސްދިނީ ޑައިރެކްޓަރު ގްރެގަރީ ޖެކޮބްސް އެވެ. އަދި ތިން ވަނަ ބައިގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ގްރެގަރީ ހިއްސާވެ އެވެ.
"މެޖިމް މައިކްސް ލާސްޓް ޑާންސް" ހަދާތީ އެކަމާ ވަރަށް އުފަލުން ހުރިކަން ޓޭޓަމް ޓްވިޓާގައި ވެސް ބުންޏެވެ. އަދި ވެރައިޓީ އަށް އޭނާ ބުނީ ފިލްމުގެ ތިން ވަނަ ބައި ހަދާތީ އެކަމާ އުފަލުން ގޮސް އެކަން ލަފުޒުތަކަކުން ބަޔާން ވެސް ކޮށް ނުދެވޭނެ ކަމަށެވެ.
"އެންމެ އުފާވަނީ ސޮޑަބާގާ އެކު އަލުން މަސައްކަތް ކުރަން ފުރުސަތު ލިބުނީމަ." ޓޭޓަމް ބުންޏެވެ.
Well world, looks like Mike Lane’s tapping back in. @hbomax pic.twitter.com/V9Ce62n710
— Channing Tatum (@channingtatum) November 29, 2021
ސޮޑަބާގާ އެކު ވޯނާ ބްރޮސް އިން "މެޖިކް މައިކް 3" ހަދަން ނިންމާފައި ވަނީ ސިނަމާތަކަށް ގެންނަ ފިލްމެއްގެ ބަދަލުގައި ވޯނާގެ މީޑިއާގެ ދަށުން ހިންގާ ސްޓްރީމިން ޕްލެޓްފޯމް، އެޗްބީއޯ މެކްސް އިން ގެނެސްދޭ ވެބް ފިލްމެއްގެ ގޮތުގަ އެވެ. މިއީ "މެޖިކް މައިކް" ޓްރޮލޮޖީގެ ފަހު ފިލްމު ނަމަވެސް އޭގެ މަސައްކަތް ފަށާނެ އިރަކާއި ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.
އެންމެ 7 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "މެޖިކް މައިކް" އަކީ ބޮކްސް އޮފީހުގައި 167.2 މިލިއަން ޑޮލަރުގެ އާމްދަނިއެއް ހޯދި ފިލްމެކެވެ. އަދި "މެޖިކް މައިކް އެކްސްއެކްސްއެލް" އިން 14.8 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދައި، އާމްދަނީ ގޮތުގައި 122.5 މިލިއަން ޑޮލަރު ލިބުނު ފިލްމެކެވެ.
މީގެ ތިން ވަނަ ބައިގެ ތައްޔާރީތައް ވަމުން އަންނަ އިރު ސޮޑަބާގް އެންމެ ފަހުން ގެނެސްދިން ފިލްމަކީ މި އަހަރުގެ ޖުލައިގައި އެޗްބީއޯ މެކްސް އިން ޕްރީމިއާކުރި ޕީރިއަޑް ކްރައިމް ތުރިލާ "ނޯ ސަޑެން މޫވް" އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ ތުރިލާ "ކިމީ" އެވެ.
"ސްޓެޕް އަޕް" އާއި "21 ޖަމްޕް ސްޓްރީޓް" އަދި "ސަން އޮފް ނޯ ވަން" ފަދަ ފިލްމުތައް ކުޅެފައިވާ ޓޭޓަމް، 41، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޑޯގް" އަދި "ދ ލޮސްޓް ސިޓީ" ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy