ދުނިޔެ / އަފްޣާނިސްތާން

އަފްގާނު ރެފިއުޖީން ބޭރުކުރުމުގައި އެމެރިކާގެ އެހީ ބޭނުން

02 ޑިސެމްބަރ 2021 - 11:43

ވިހި އަހަރަށް ފަހު، މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އެމެރިކާ ސިފައިން އަފްގާނުން ފޭބި އިރު، އަފްގާނުގެ އާންމުންގެ އެތައް ހާސް ބަޔަކު އެމެރިކާ ސިފައިންނާ އެކުގައި އަފްގާނު ދޫކޮށް ދިޔަ އެވެ.

ނަމަވެސް އެ ގައުމު ދޫކޮށް ދާން ބޭނުންވާ އެތައް ހާސް ބަޔަކު އަދިވެސް އެ ގައުމުން ބޭރު ނުވެވިފައި އެބަ ތިއްބެވެ.

އެމެރިކާ ސިފައިން ފައިބައިގެން ދިއުމާ އެކު، ރެފިއުޖީން އަފްގާނުން ބޭރަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަނީ، އެމެރިކާގެ ކުރީގެ ސިފައިންގެ ގުރޫޕަކާއި މަދަނީ ބައެއް ޖަމިއްޔާތައް ގުޅިގެންނެވެ. އަދި މިހާރު އަފްގާނު ދޫކޮށް ވިލާތުގެ ގައުމުތަކަށް ހިޖްރަ ކުރަން ބޭނުންވާ މީހުން، އެ ގައުމުން ބޭރަށް ގެންދަނީ މަދަނީ މަތިންދާބޯޓުތަކުގަ އެވެ.

ރެފިއުޖީން އަފްގާނުން ބޭރުކުރުމުގެ މަސައްކަތުގައި އުޅޭ ޓީމުތަކުން މިހާރު ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑެން އަށާއި ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނެންސީ ޕެލޯސީ އަށާއި ސެނެޓްގެ މެޖޯރިޓީ ލީޑަރު ޗަކް ޝޫމާގެ އިތުރުން ރިޕަބްލިކަން ޕާޓީގެ އިސް ބޭފުޅުން ކަމަށްވާ ކެވިން މެކާތީ އާއި މިޗް މެކްކޮނެލް އަށް ސިޓީއެއް ފޮނުވައިފަ އެވެ.

އެ ސިޓީގައި ބުނެފައިވާ ގޮތުން، އަފްގާނު ދޫކޮށް ދާން ބޭނުންވާ މީހުން ވިލާތުގެ ގައުމުތަކަށް ގެންދިއުމަށްޓަކައި، އެމެރިކާގެ އިތުރު އެހީތެރިކަން ބޭނުންވެ އެވެ. އަފްގާނު ދޫކޮށް ހިޖްރަކުރަން ބޭނުންވާ މީހުން މިހާރު ތިބި ހާލަތަށް ބަލާއިރު، އެމެރިކާގެ އިތުރު އެހީތެރިކަން ނުލިބި، އެމީހުންނަށް ރަނގަޅު ގޮތެއް މެދުވެރި ނުވާނެ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

މިހާރު އަފްގާނުން ބޭރު ނުވެވިފައި ތިބި ގިނަ މީހުންނަކީ، 2001 އިން ފެށިގެން މި އަހަރުގެ އޮގަސްޓް 30ގެ ނިޔަލަށް އެމެރިކާ ސިފައިން އަފްގާނުގައި ތިބި އިރު، އެކި ގޮތްގޮތުން އެމެރިކާ ސިފައިންނާ ގާތް ގުޅުމެއް ބޭއްވި މީހުންނެވެ. އޭގެ ތެރޭގައި އެމެރިކާ ސިފައިންނާ ދެކޮޅަށް ހަމަލާ ދޭ ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިންގެ މައުލޫމާތު އެމެރިކާ ސިފައިންނަށް ފޯރުކޮށްދިނުން ވެސް ހިމެނެ އެވެ.

އެމެރިކާގެ އިސް ވެރިންނަށް ފޮނުވި ސިޓީގައި ބުނެފައިވާ ގޮތުން، އަފްގާނު ރެފިއުޖީން އެ ގައުމުން ބޭރު ކުރުމަށްޓަކައި، އެމެރިކާގެ ކަމާ ގުޅޭ ދާއިރާތަކުގެ މެދުގައި މިހާރަށް ވުރެ ބޮޑު އެއްބާރުލުމެއް އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ. އޭގެ އިތުރުން، އަފްގާނު ދޫކޮށް އެމެރިކާ އަށް ހިޖްރަކުރާ މީހުން އެމެރިކާގައި ވަޒަންވެރިކުރުމުގެ ކަންތައް ވެސް މިހާރަށް ވުރެ ފަސޭހަކުރުމަށް އެ ސިޓީގައި އެދިފައިވެ އެވެ.

ކުރީގެ ސިފައިންގެ 285 މީހަކާއި ހިލޭ ސާބަހަށް މަސައްކަތްކުރާ އެތައް ބަޔަކު ގުޅިގެން، މިހާރު މަސައްކަތް ކުރަމުން އަންނަނީ، އަފްގާނު ދޫކޮށް ވިލާތުގެ ގައުމުތަކަށާއި އެމެރިކާ އަށް ހިޖްރަކުރަން ބޭނުންވާ މީހުން އެ ގައުމުން ބޭރުކުރުމުގެ މަސައްކަތް ވީއެންމެ އަވަހަކަށް ފުރިހަމަކޮށް ނިންމުމަށެވެ.

އެމެރިކާ ސިފައިން އަފްގާނިސްތާނުގައި ތިބި މުއްދަތުގައި، އެމީހުންނަށް އެހީތެރިވި އަފްގާނު ރައްޔިތުން އެމެރިކާ އަށް ގެންދިއުމަށް އެމެރިކާ ސަރުކާރުން ވަނީ ވައުދުވެފަ އެވެ. އެ ވައުދާ އެއްގޮތަށް، މިހާރު ވެސް އެތައް ހާސް ބަޔަކު އެމެރިކާއަށް ގެންގޮސްފައިވެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454