ހައި ކޯޓު: އަލިދޫ ރިސޯޓް ބަންދުކުރި މުއްދަތަށް ކުއްޔާއި ޖޫރިމަނާ ނެގުން ނުހުއްޓުވޭނެ ކަމަށް ވަނީ އެ ކޯޓުން ނިންމާފައި --- ފޮޓޯ/މިހާރު
05 ޑިސެމްބަރ 2021 - 14:42
ހއ. އަލިދޫ ރިސޯޓް ބަންދު ކޮށްފައިވާ މުއްދަތަށް ކުއްޔާއި ޖޫރިމަނާ ނެގުން ނުހުއްޓުވޭނެ ކަމަށް ހައި ކޯޓުން ވެސް ހުކުމްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް މޯލްޑިވްސް އިން ހިންގި އަލިދޫ ރިސޯޓް، 2014 ވަނަ އަހަރު މޫސުން ގޯސްވެ، ލިބުނު ގެއްލުންތަކުގެ ސަބަބުން ވަގުތީ ގޮތުން ބަންދު ކުރުމުން، އެ މުއްދަތުގެ ކުއްޔާއި ޖޫރިމަނާ ނެގުން ހުއްޓުވަން އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން 2017 ވަނަ އަހަރު ނިންމީ ކުއްޔާއި ޖޫރިމަނާ ނެގުުން ނުހުއްޓުވޭނެ ކަމަށެވެ. އެހެންވެ، އެ ކުންފުނިން އެ މައްސަލަ ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
ނަމަވެސް ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ދިމާވާ ކާރިސާތަކުގައި ރިސޯޓް ބަންދުކުރުން ނުވަތަ ރިސޯޓްގެ ވަކި ޚިދުމަތްތަކެއް ހުއްޓާލައިފި ނަމަ، ރިސޯޓުގެ ކުލިން އެ ބައި އުނިކުރުމުގެ އިހުތިިޔާރު ޔޮޓް ޓުއާސް އަށް ލިބިފައިި އޮތަސް، އެއްބަސްވުން އޮތްގޮތުން އެކަން ކުރެވެނީ ޓޫރިޒަމް މިނިސްޓްރީ އަށް އެންގުމަށް ފަހު އެ މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށެވެ. އެކަމަކު، އެފަދަ ކަމެއް މެދުވެރިވިކަން އެ ކުންފުނިން އޭރު ޓޫރިޒަމް މިނިސްޓްރީ އަށް އަންގާފައި އޮތްކަން އެނގޭނެ ހެއްކެއް ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައި ވަނީ ރިސޯޓް ބަންދުކުރަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވިކަން އެ ކުންފުނިން އެއް އަހަރު ފަހުން ސަރުކާރަށް އެންގުމުން ރިސޯޓް ބަންދު ކުރުމުގެ ހުއްދަ އޭރު ސަރުކާރުން ދިނަސް، އެއީ އެ މުއްދަތަށް ކުލި ނުހިނގާނެ ކަމަށް ސަރުކާރުން އެއްބަސްވުން ނޫން ކަމަށެވެ. އެ ކަންކަން ފާހަގަކޮށް، އެ މައްސަލަ ބެެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއު އެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ފަރުހީޒާ އެވެ.
ހައި ކޯޓުން އެގޮތަށް ނިންމިއިރު، އަލިދޫ ރިސޯޓަށް ލިބުނު ގެއްލުންތަކާ ގުޅިގެން އިންޝުއަރެންސްގެ ގޮތުގައި 22 މިލިއަން ޑޮލަރު (350) މިލިއަން ރުފިޔާ ދައްކަން އެލައިޑް އިންޝުއަރެންސް ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ. އެ ހުކުމް އެލައިޑްގެ ފަރާތުން އޮތީ އިސްތިއުނާ ކޮށްފަ އެވެ.
ހައި ކޯޓުން އެ މައްސަލަ ނިމެންދެން، 22 މިލިއަން ޑޮލަރު ދެއްކުމުގެ ހުކުމުގެ ތަންފީޒު މަޑުޖައްސައިލަން ހައި ކޯޓުން އޮތީ އަމުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާޓިރު
06 December 2021
ވަކތުން ވަކތައް ޖާބިރަށް ބިރުން 22 މިލިޔަން ޑޮލަރު ހަމަޖައްސާ
ހިތަދޫ 2
05 December 2021
"ނަމަވެސް ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ދިމާވާ ކާރިސާތަކުގައި ރިސޯޓް ބަންދުކުރުން ނުވަތަ ރިސޯޓްގެ ވަކި ޚިދުމަތްތަކެއް ހުއްޓާލައިފި ނަމަ، ރިސޯޓުގެ ކުލިން އެ ބައި އުނިކުރުމުގެ އިހުތިިޔާރު ޔޮޓް ޓުއާސް އަށް ލިބިފައިި އޮތަސް،" މިދެން ކިހިނެތް ހަދާ އެގްރިމޭންޓްތަކެއް.. ނަހަދާ އޮތަސް ކުލި ނުހިނގާ ބަނދުކުރިޔަސް ކުލި ނުހިނގާ އެކަމު ލީސް ޕީރިއްޑް ބަރާބަރަށް ލިބޭ 99 އަހަރު... ޖޯކެއް!
ލިޔުންތެރިއެއް
05 December 2021
ރެސްޓް އިން ޕީސް، މޯލްޑިވްސް ޓޫރިޒަމް އިތުރު ރިޒޯޓެއް ހުއްޓާލުމުގެ މަގު ހުޅުވާލެވިއްޖެ. ގިނަ ބައެއްގެ ވަޒީފާ ގެއްލޭނެކަން ޔަޤީން