ދުނިޔެ / ޕާކިސްތާން

އަފްޣާނަށް އެހީވާން އޯއައިސީގެ ބައްދަލުވުން ޕާކިސްތާނުގައި ބާއްވަނީ

އަފްގާނިސްތާނުގެ އަވަށެއްގެ ބަޔަކު މަސައްކަތް ނިންމައިލުމަށް ފަހު އަރާމުކޮށްލަނީ: ހައިހޫނުކަން އިތުރުވަމުން އަންނަ އިރު ކާބޯތަކެތި ހޯދާނެ ގޮތަކާ މެދު ވަނީ ސުވާލު އުފެދިފައި. --އޭއެފްޕީ

10 ޑިސެމްބަރ 2021 - 09:32

އަފްޣާނިސްތާނުގެ ހާލަތު ބެލުމަށާއި އެ ގައުމުގެ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށްޓަކައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ) ގެ ހާރިޖީ ވަޒީރުންގެ ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ބާއްވަން ނިންމައިފި އެވެ.

ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އަފްޣާންގެ މައްސަލައާ ބެހޭ ބައްދަލުވުން އޮންނާނީ މި މަހުގެ 19 ވަނަ ދުވަހު ކަމަށާއި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ވެސް ދައުވަތު ދީފައިވާ ކަމަށެވެ.

އަފްޣާނިސްތާނު އޮތީ މިހާރު ވަރަށް ބޮޑު އިންސާނީ ކާރިސާއެއްގެ ތެރެއަށް ވެއްޓިފައި ކަމަށާއި އެކަމުން އަރައިގަންނަން އެ ގައުމަށް ވަރަށް ބޮޑަށް އެހީތެރިކަން ބޭނުންވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"...އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން، އަފްގާނިސްތާނުގެ އެތައް މިލިއަން ރައްޔިތުން ވަނީ ބޭހާއި ދިރިހުރުމަށްޓަކައި ކޮންމެހެން ބޭނުންވާ އެހެނިހެން ތަކެއްޗަށް ޖެހިފަ އެވެ. އދ. ގެ ކާނާއާ ބެހޭ ޕްރޮގްރާމް (ޔުނައިޓެޑް ނޭޝަންސް ފުޑް ޕްރޮގްރާމް) އިން ހާމަކޮށްފައިވާ ގޮތުގައި އަފްގާނިސްތާނުގެ މުޅި އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ވެސް ގިނަ މީހުން (22.8 މިލިއަން މީހުން) ވަނީ ކާނާ އާއި ފެނަށް ޖެހި ބަނޑަށް ޖެހޭ ހާލަތުގަ އެވެ،" ޕާކިސްތާނުގެ ހައި ކޮމިޝަންގެ ބަޔާނުގައި ބުންޏެވެ.

"3.2 މިލިއަން ކުޑަކުދިންނާއި 700،000 މާބަނޑު މީހުންނާއި ގާތުން ކިރުދޭ މައިން ވަނީ އެކަށީގެންވާ ސިއްހީ ކާނާ ނުލިބުމުގެ ސަބަބުން ބަލިމަޑުކަމަށް ހުށަހެޅިފަ އެވެ."

އަފްޣާނިސްތާނަށް ދިމާވެފައިވާ ހިތާމަވެރި އަދި ނުރައްކާތެރި ހާލަތަށް ބަލައި އެހީތެރިކަން ފޯރުކޮށް ދެވޭނޭ ގޮތްތަކެއް ހޯދުމަށްޓަކައި އޯއައިސީގެ ހާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމެއް ބާއްވަން އިސްނެގީ، ޕާކިސްތާނުގެ ހައި ކޮމިޝަނުން ބުނި ގޮތުގައި މިދިޔަ މަހުގެ 29 ވަނަ ދުވަހު ސައުދީ އަރަބިއްޔާއިންނެވެ

ސައުދީ އަރަބިއްޔާ އަކީ އޯއައިސީ ސަމިޓްގެ ރިޔާސަތު ބަލަހައްޓާ ގައުމެވެ. ސައުދީން އެދުނު ގޮތަށް އޯއައިސީން ނިންމުމުން ޕާކިސްތާނުން ވަނީ އިސްލާމްއާބާދުގައި ބައްދަލުވުން ބޭއްވުމުގެ ހުރިހާ ކަމަކާ ހަވާލުވެފަ އެވެ.

ރާއްޖޭގައި ހުންނަވާ ޕާކިސްތާނުގެ ސަފީރު (ވ) އާއި ފަސްޓް ސެކްރެޓަރީ

އެ ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ، ޕާކިސްތާނު ހައި ކޮމިޝަނުން ބުނި ގޮތުގައި އަފްޣާނިސްތާނަށް ކުރިމަތި ވެފައިވާ އިންސާނީ ކާރިސާގެ ސަބަބުން ދިމާވެފައިވާ ހިތާމަވެރި ހާލަތުން އަރައިގަނެވޭނޭ ގޮތްތަކެއް ހޯދައި ދިނުމެވެ. މިހާރު އޮތް ހާލަތަށް ދޫކޮށްލައިފި ނަަމަ އިގުތިސާދީ ފުން ވަޅުގަނޑަކަށް އެ ގައުމު ވެއްޓުމުގެ ބިރު އެބައޮތެވެ.

އެފަދަ ހާލަތަކަށް އަފްޣާނިސްތާނު ހިނގައްޖެ ނަމަ އެ ވާނީ ހަމައެކަނި އިންސާނިީ ކާރިސާއަކަށް އެކަނި ނޫން ކަމަށާއި އެއީ ސަލާމަތާއި ރައްކާތެރިކަމަށް ކުރިމަތިވާ ވަރަށް ބޮޑު ނުރައްކަލަކަށް ކަމަށް ވެސް ޕާކިސްތާނުން ބުންޏެވެ. އޭރުން އެ ގައުމުގެ ހަމަޖެހުން ނެތި، އެހެން ގައުމުތަކަށް ހިޖުރަ ކުރާ މީހުންގެ އަދަދު ގިނަވެ، އަރައިގަތުން ދަތި މައްސަލަތަކެއްގެ ތެރެއަށް އަވަށްޓެރި ގައުމުތަކާއި އެހެން ގައުމުތައް ވެއްޓުމުގެ ބިރު ވަރަށް ބޮޑަށް އެބައޮތް ކަމަށް ވެސް ޕާކިސްތާނުން ބުންޏެވެ.

"..އަދި ދުނިޔޭގެ ހަމަޖެހުމަށާއި ސުލްހަމަސަލަސްކަމަށް ނޭދެވޭ އެތައް އަސަރެއް ކުރާނެއެވެ،" ޕާކިސްތާނުގެ ބަޔާނުގައި ބުންޏެވެ.

އޯއައިސީ އާއި އިސްލާމީ އުއްމަތް ގުޅިގެން އަފްޣާނިސްތާނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ އަދި އިގްތިސާދީ ކާރިސާ އިން އަރައިގަތުމުގައި އެހީތެރިވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި މި ވަގުތު ބައިނަލްއަގްވާމީ މުޖުތަމައުގެ އެއްބާރުލުމާއި އެހީތެރިކަން އެ ގައުމަށް އިންތިހާއަށް ބޭނުން ވެފައިވާ ކަމަށް ވެސް ޕާކިސްތާނުން ބުންޏެވެ.

"..އަފްގާާން ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ބައިނަލްއަގްވާމީ ޖަމްއިއްޔާ ޖަމާއަތްތަކާއި ގައުމުތަކުން ކުރިއަށް ޖެހިލާނޭ ފަދަ ފިޔަވަޅުތަކެއް އެޅުމުގައި އެހީތެރިވުމަކީ އޯއައިސީއަށް ކުރެވިދާނޭ ކަމެކެވެ،" ޕާކިސްތާނުގެ ބަޔާނުގައި ބުންޏެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454