ކުޅިވަރު / އާސެނަލް

އާސެނަލް ހަތަރަކަށް، ބާންލީ-ވަޓްފޯޑް މެޗު ފަސްކޮށްފި

ލަންޑަން (ޑިސެމްބަރު 16) - އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އިން ރޭ ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް ތާވަލުގެ ހަތަރު ވަނައަށް ޖެހިލިއިރު، ވަޓްފޯޑުގައި ކޮވިޑް-19 ކޭސްތައް ގިނަވެ، އެ ޓީމުން ބާންލީއާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކޮށްފި އެވެ.

ބާންލީގެ ދަނޑުގައި ރޭ ވަޓްފޯޑާ ކުޅެން އޮތް މެޗް ފަސްކުރީ މެޗު ފަށަން ކުޑަތަންވެފައި ވަނިކޮށް، މެޗު ކުރިޔަށް ގެންދާ ވަރަށް ވަޓްފޯޑަށް ކުޅުންތެރިން ހަމަނުވާތީ އެވެ. މިއީ ލީގުގައި މި ސީޒަނުގައި ކޮވިޑާ ހުރެ ފަސް ކުރަން ޖެހުނު ތިންވަނަ މެޗެވެ.

އާސެނަލް އިން، ހަތަރު ވަނައިގައި އޮތް ވެސްޓް ހޭމާ ވާދަކޮށް ރޭ މެޗު ކާމިޔާބު ކުރީ 2-0 އިންނެވެ. ވެސްޓް ހޭމް ބަލިކޮށް، މި ސީޒަނުގައި ފުރަތަމަ ފަހަރަށް ޓޭބަލްގެ ގަދަ ހަތަރަކަށް އެރި އިރު، މެޗުގައި ޖެހި ދެ ލަނޑު ވެސް ފެނުނީ ދެވަނަ ހާފުގަ އެވެ.

އަހުލާގީ މައްސަލައަކާ ހުރެ އާސެނަލްގެ ކެޕްޓަން ކަމުން ޕިއޭ އެމެރިކް އޮބާމަޔަން ވަކިކޮށްފައި ވާއިރު، ރޭގެ މެޗުގައި ވެސް ބޭންޑް އެޅީ ފޯވާޑް އެލެކްޒެންޑަ ލަކަޒޭޓް އެވެ.

ދެވަނަ ހާފު ފެށިގެން ތިންވަނަ މިނިޓުގައި ލަކަޒޭޓްގެ އެހީތެރިކަމާ އެކު އާސެނަލްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ގެބްރިއެލް މާޓިނެލީ އެވެ. އާސެނަލް އިން ލީޑު ނެގިތާ ވިއްސަކަށް މިނިޓު ތެރޭ ވެސްޓް ހޭމްގެ ލަޑިމީއާ ކޫފާލް އޭރިއާ ތެރެއިން ލަކަޒޭޓަށް ކުރި ފައުލަކާ ގުޅިގެން ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދެއްކުމުން ވެސްޓް ހޭމް މެޗުގެ ބާކީ ބައި ފުރިހަމަކުރީ 10 ކުޅުންތެރިންނާ އެކު އެވެ. ނަމަވެސް މި ފައުލަށް ލިބުނު ޕެނަލްޓީ ލަކަޒޭޓް ފޮނުވާލުމުން، ކުރިން އާސެނަލް އަށް ވެސް ކުޅުނު ވެސްޓް ހޭމްގެ ކީޕަރު، ލޫކަސް ފަބިއަންސްކީ ދިފާއުކުރި އެވެ.

އާސެނަލްގެ ދެވަނަ ލަނޑު މެޗު ނިމެން ތިން މިނިޓަށްވެފައި ވަނިކޮށް ބުޔަކޯ ސަކާގެ އެހީތެރިކަމާ އެކު ކާމިޔާބުކުރީ އެމީލް ސްމިތު ރޯ އެވެ.

މި ނަތީޖާއާ އެކު އާސެނަލް ހަތަރުވަނައިގައި އޮތީ 17 މެޗުން 29 ޕޮއިންޓް ހަމަކޮށްގެންނެވެ. އާސެނަލްއާ އެއްވަރަށް މެޗު ކުޅެގެން ފަސްވަނައިގައި އޮތް ވެސްޓް ހޭމަށް 28 ޕޮއިންޓް ލިބޭއިރު، ހަވަނައިގައި އޮތީ މި ހަފްތާގެ މެޗު ފަސްކުރަން ޖެހުނު މެންޗެސްޓާ ޔުނައިޓެޑެވެ. ޔުނައިޓެޑަށް 16 މެޗުން 27 ޕޮއިންޓް ލިބިފައިވާއިރު، ޓޮޓެންހަމް ހަތްވަނައިގައި އޮތީ 14 މެޗުން 25 ޕޮއިންޓް ހޯދައިގެންނެވެ.

ލީގުގައި ވުލްވެސް ވެސް ވަނީ ރޭ ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކޮށްފަ އެވެ. ބްރައިޓަންގެ ދަނޑޫގައި ވުލްވްސް އިން 1-0 އިން މޮޅުވި މެޗުގެ ހަމައެކަނި ގޯލު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖެހީ ޑިފެންޑަރު ރޯމެއިން ސައިސް އެވެ.

ކްރިސްޓަލް ޕެލަސް އިން އަމިއްލަ ދަނޑުގައި ރޭ ސައުތެމްޓަން އާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ 2-2 އިންނެވެ. މެޗުގެ ދެވަނަ މިނިޓުގައި ވިލްފްރެޑް ޒަހާ ޕެލަސް އަށް ލީޑު ނަގައިދީފައި ވަނިކޮށް އޭގެ ބައިގަޑިއިރު ފަހުން ސައުތެމްޓަން އިން ވަނީ ގާތް ގާތުގައި ދެ ލަނޑު ޖަހައި، ލީޑު ހޯދައިފަ އެވެ. މެޗުގެ 32 ވަނަ މިނިޓުގައި ޖޭމްސް ވޯޑް-ޕްރައުސް ހިލޭ ޖެހުމަކުން އެއްވަރު ކޮށްދިން އިރު، 36 ވަނަ މިނިޓުގައި ލީޑު ނަގައިދިނީ އާމަންޑޯ ބްރޯޖާ އެވެ. ދެވަނަ ހާފުގައި ޕެލަސް އަށް އެއްވަރު ކޮށްދިނީ ޖޯޑަން އަޔޫ އެވެ.

ލެސްޓާ ސިޓީ އާއި ޓޮޓެންހަމް ހޮޓްސްޕާގެ މެޗް މިރޭ ކުޅެން ހަމަޖެހިފައިވާއިރު، ކޮވިޑް ކޭސްތަކާ ހުރެ މި ދެ ޓީމުން ވެސް ވަނީ މެޗް ފަސް ކުރަން ޕްރިމިއާ ލީގުގައި އެދިފަ އެވެ. ނަމަވެސް ޝެޑިއުލްކޮށްފައިވާ ގޮތަށް މެޗު ކުރިޔަށް ގެންދަން ޕްރިމިއާ ލީގުން ވަނީ ނިންމައިފަ އެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝިއަލް

16 December 2021

އާސެނަލް މޮޅުވުން އެއީ އުފާވެރިކަމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454