ކުޅިވަރު / އާސެނަލް

އޮބާމަޔަން އަތުން ކެޕްޓަން ބޭންޑް އަތުލީ މަޖުބޫރު ވެގެން: އާޓެޓާ

އާޓެޓާ ޓަޗްލައިން ގައި އޮބާމަޔަން އަށް އިރުޝާދު ދެނީ.--

ލަންޑަން (ޑިސެމްބަރު 15) - އާސެނަލްގެ ކެޕްޓަން ކަމުން ގެބޮންގެ ފޯވާޑް ޕިއޭ އެމެރިކް އޮބާމަޔަން ވަކިކުރީ ޓީމުގެ ގަވާއިދުތަކާ ހިލާފުވެފައިވާތީ ބޭންޑް އަތުލަން މަޖުބޫރު ވެގެން ކަމަށް އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އާސެނަލް އިން ސައުތެމްޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އޮބާމަޔަން ހިމަނައިފައެއް ނުވެ އެވެ. އެ މެޗުގައި އާސެންލްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ފޯވަޑް އެލެކްޒެންޑަ ލަކަޒޭޓް އެވެ.

އާސެނަލް އިން އިއްޔެ ނެރުނު ބަޔާނެއްގައި ކެޕްޓަންކަމުން އޮބާމަޔަން ވަކިކުރިކަން ހާމަކުރިއިރު، މިރޭ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް އާސެނަލް ކުޅޭ މެޗުގައި ވެސް އޭނާއަށް ފުރުސަތެއް ނުދޭނެ ކަމަށް އާސެނަލް އިން ނެރުނު ބަޔާނުގައި ވެއެވެ.

"މިއީ ހަގީގަތުގައި ވެސް ވަރަށް އުނދަގޫ ނިންމުމެއް، އަހަރެންނަށް އިތުރު ގޮތެއް އޮތް ނަމަ މިތާކު ނީންނާނަށް މި ވާހަކަތައް ދައްކާކަށް، އެކަމަކު އަހަރެމެންނަށް މަޖުބޫރުވީ އެކަން އެގޮތަށް ކުރަން،" މިރޭގެ މެޗުގެ ކުރިން އިއްޔެ ބޭއްވި ޕްރެސްގައި ކޯޗު މިކެލް އާޓެޓާ ބުންޏެވެ.

މިދިޔަ އަހަރުގެ އެފްއޭކަޕް ތަށި ހިފައިގެން.

"މިހެން ނިންމަން ޖެހުނީ އެއީ ކުލަބަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ބަލާފައި. ކުލަބުގެ އުސޫލުތައް ދަމަހައްޓައި މަސްލަހަތު ދިފާއުކުރަން އަޅަން ޖެހޭ ފިޔަވަޅެއް އަޅަން ފަހެއް ނުޖެހޭނަން."

އިނގިރޭސި މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އޮބަމަޔަން ވަނީ މިދިޔަ ހަފްތާގައި، ޓީމުން ހުއްދަ ހޯދައިގެން ފްރާންސްގައި ދިރިއުޅޭ އޭނާގެ މަންމަ ގާތަށް ޒިޔާރަތް ކޮށްފަ އެވެ. ނަމަވެސް އެނބުރި އައީ ޓީމުން އޭނާއަށް ދިން މުއްދަތުގެ އެއް ދުވަސް ފަހުންނެވެ. އެހެންވެ ކޮވިޑް-19 ގެ އުސޫލުތައް ތަން ނުދޭތީވެ ޓީމުގެ ފަރިތަކުރުންތަކުގައި އޭނާ އަށް ބައިވެރިއެއް ނުވެވުނެވެ.

އާޓެޓާ ބުނީ، ކުޅުންތެރިން ވެސް ކުލަބުގެ މި ނިންމުން (އޮބާމަޔަން ކެޕްޓަންކަމުން ދުރުކުރުން) ގަބޫލު ކުރާ ކަމަށާއި، ޓީމުގެ ސަގާފަތް ދަމަހައްޓައި ޓީމެއްގެ ގޮތުގައި ކުރިޔަށް ދާން ކުލަބުގެ ގަވާއިދުތަކަށް ހުރިހާ ކުޅުންތެރިން ވެސް އަމަލު ކުރުން މުހިއްމު ކަމަށެވެ. އަދި ކުލަބަށް ވުރެ ވަކި ކުޅުންތެރިޔަކު އިސް ނުވާނެކަމަށް ވެސް އާޓެޓާ ވަނީ ބުނެފަ އެވެ.

އުމުރުން 32 އަހަރުގެ އޮބާމަޔަން އަށް ވަނީ މީގެ ކުރިން ވެސް، މެޗަށް ލަހުން ހާޒިރުވުން ފަދަ ކަންކަމާ ހުރެ ކުލަބުން ނަސޭހަތް ދީފަ އެވެ. އަދި އޭނާ އަކީ ކުލަބުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާ އެވެ.

ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން ދިޔަ އޮބާމަޔަން އާސެނަލް އަށް ގެނައީ އާސެން ވެންގާގެ އެންމެ ފަހު ސީޒަން؛ 2018/2017 ގެ މެދުތެރޭން، އޭރުގެ ކުލަބް ރެކޯޑް ފީއެއް ކަމަށްވާ 56 މިލިއަން ޕައުންޑަށެވެ.

އޮބާމަޔަން އަށް އާސެނަލްގެ ބޭންޑް ހަވާލުކުރީ ނޮވެމްބަރު 2019 ގައި، އުނައި އެމެރީ އެވެ. މިއާ އެކު އޭނާ ވެގެން ދިޔައީ އާސެނަލްގެ ކެޕްޓަންކަން ހަވާލުކުރި ޔޫރަޕުން ބޭރު ފުރަތަމަ ކުޅުންތެރިޔާ އަށެވެ. އާސެނަލްގެ އާ ކެޕްޓަނަކަށް އޮބާމަޔަން ހަމަޖެއްސީ އޭރު ޓީމުގެ ކެޕްޓަންކަން ކުރަމުންދިޔަ ސްވިޒަލެންޑުގެ ގްރޭނިޓް ޒާކާ، އަމިއްލަ ދަނޑުގައި އަމިއްލަ ސަޕޯޓަރުންނާ ދިމާލަށް ބޭއަދަބީ ބަހުރުވައިން މުހާތަބުކޮށްގެންނެވެ.

ޖެހިގެން އައި މެޗުން ޒާކާ އަށް ޓީމުން ފުރުސަތު ގެއްލުނު ނަމަވެސް އޭނާ މިއަދާ ހަމައަށް ވެސް ހުރީ އާސެނަލްގެ މުހިއްމު ކުޅުންތެރިއެއް ގޮތުގަ އެވެ.

އާސެނަލްގެ ކެޕްޓަނުންނަށް އެންމެ ފުރިހަމައަށް މަސްއޫލިއްޔަތު އަދާ ކުރެވޭތަ؟

އާސެނަލް އިން މެޗަކުން ބަލިނުވެ ޕްރިމިއާ ލީގު ނެގި ޓީމުގެ ކެޕްޓަން ޕެޓްރިކް ވިއޭރާ (މިހާރު ކްރިސްޓަލް ޕެލަސްގެ މެނޭޖަރު) 2005 ވަނަ އަހަރު ޓީމު ދޫކޮށްލި ފަހުން އެ ޓީމުން ވަނީ މިހާތަނަށް 10 ކުޅުންތެރިންނަށް ޓީމުގެ ކެޕްޓަންކަން ހަވާލު ކޮށްފަ އެވެ. ނަމަވެސް މިއިން ގިނަ ކެޕްޓަނުންނަށް ޓީމަށް މާ އެދެވޭ ކާމިޔާބީއެއް ހޯދައިދެވިފައެއް ނުވެ އެވެ.

ވިއޭރާ އަށް ބޭންޑް ދިނީ، އެޓީމުގެ އެންމެ ކާމިޔާބު ކެޕްޓަން، އަދި ޓީމުގެ ލެޖެންޑް ޓޯނީ އެޑަމްސް ރިޓަޔާ ކުރުމުންނެވެ. މުޅި ކެރިއަރު އާސެނަލްގައި ހޭދަކުރި އެޑަމްސް ވަނީ 14 ސީޒަން ވަންދެން ޓީމުގެ ކެޕްޓަނަކަށް ހުރެ ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ.

ވިއޭރާ އަށް ފަހު ކޯޗު ވެންގާ ކެޕްޓަންކަން ހަވާލުކުރީ އޭރު ވެސް ކުލަބުގެ ލެޖެންޑެއް ގޮތުގައި ގިނަ ބަޔަކު ދެކެމުން އައި ފޯވަޑް ތިއެރީ އޮންރީއަށެވެ. ކުލަބުގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އޫއެފާ ޗެމްޕިއަންސް ލީގު ފައިނަލަށް ގެންގޮސްދިނުމަށް ފަހު އޭނާ ބާސެލޯނާއަށް ބަދަލުވިއިރު، ދެން އާސެނަލްގެ ބޭންޑް ހަވާލުކުރީ ޑިފެންޑަރު ވިލިއަމް ގަލަސް އަށެވެ. ޓީމުގެ ކުޅުންތެރިންނާ ދެބަސްވުން އުފެދި، ކުޅުންތެރިންނަށް ފާޑު ކިޔަން ފެށުމުން އެންމެ ސީޒަނަކަށް ފަހު އޭނާ އަތުން ބޭންޑް ނަގަން ވެންގާއަށް މަޖުބޫރުވި އެވެ.

ގަލަސް އަތުން ބޭންޑް ނެގުމަށް ފަހު ދެން ވެންގާ ބޭންޑް ހަވާލުކުރީ ޒުވާން މިޑްފީލްޑަރު ސެސް ފެބްރިގާސް އާއެވެ. ފެބްރިގާސް އާ އެކު ވެސް ތިން ސީޒަނުގައި ޓީމަށް ކާމިޔާބެއް ނުހޯދުނު އިރު، އޭނާ ޓީމު ދޫކޮށްލީ، އޮންރީގެ ފިޔަވަޅު މަތިން، ބާސެލޯނާ އަށް ބަދަލުވާށެވެ.

ޖެހިގެން އައި ސީޒަނުގައި ރޮބިން ވެން ޕާސީ އަށް ބޭންޑް ހަވާލު ކުރުމުން އޭނާ ވެސް ވަނީ އެ ސީޒަނަށް ފަހު ކޮންޓްރެކްޓް އާކުރަން ދެކޮޅު ހަދައި ޓީމު ދޫކޮށްލައިފަ އެވެ. އާސެނަލް ދޫކޮށް އޭނާ ބަދަލުވީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑަށެވެ. އޭގެ ފަހުން ޑިފެންޑަރު ތޯމަސް ވާމެލަން އަށް ބޭންޑް ހަވާލުކުރި ނަމަވެސް އޭނާ އަށް ރަނގަޅު ކުޅުމެއް ނުދެއްކުނެވެ. އެފްއޭ ކަޕް 2014 ގެ ފައިނަލުގައި ކެޕްޓަން ވާމެލަން ބެންޗުގައި ބައިންދައިގެން، ތަށި ނަގައިދިނީ އޭރުގެ ޓީމުގެ ވައިސް ކެޕްޓަން އަދި މިހާރުގެ ކޯޗު މިކެލް އާޓެޓާ އެވެ.

އޭގެ ފަހުން ޓީމުގެ ކެޕްޓަން ބޭންޑް ރަސްމީކޮށް އާޓެޓާއާ ހަވާލު ކުރިއެވެ. ކެޕްޓަންކަމުގައި ޝީލްޑު ވެސް ކާމިޔާބު ކުރި އާޓެޓާ އަށް ފަހު ދެން ބޭންޑް ދިނީ ވައިސް ކެޕްޓަން ޕާ މާޓަސެކާ އެވެ.

މަޓަސެކާ އާއި ކޯޗު ވެންގާ ވެސް ޓީމު ދޫކޮށްލި ފަހުން އެމެރީ ކޯޗަކަށް އައިސް އާސެނަލްގެ ބޭންޑް ހަވާލުކުރީ ޓީމު ވައިސް ކެޕްޓަނަކަށް ހުރި ފްރާންސްގެ ލޯރެންޓް ކޮޝިއެލްނީ އަށެވެ. ކޮޝިއެލްނީ އަށް ފަހު ކޯޗް އެމެރީ ބޭންޑް ހަވާލުކުރީ ގާކާ އަށެވެ.

އާޓެޓާއާ އާސެނަލްގެ ކޯޗުކަން ހަވާލު ކުރީ، އޮބާމަޔަން ޓީމުގެ ކެޕްޓަނަކަށް ހަމަޖެއްސިތާ އެއް މަސް ފަހުން. އެމެރީ މަގާމުން ދުރުކޮށްފަ އެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮބަމަން

15 December 2021

ރަނގަޅު އަހުލާގީ ފިޔަވަޅު އަޅަންވާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454