19 ޑިސެމްބަރ 2021 - 16:11
އިރާގުގެ ވެރިރަށް ބަގުދާދުގައި ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަކޮށްފައި އޮންނަ ގްރީން ޒޯނަށް، ގޮތް ނޭނގޭ ބަޔަކު ރޭ ދަންވަރު ރޮކެޓް ހަމަލާތަކެއް ދީފި އެވެ.
އިރާގު ސިފައިން ބުނި ގޮތުގައި ކަތިޔޫޝާ ރޮކެޓްގެ ދެ ރޮކެޓް ގްރީން ޒޯންގެ ތެރެއަށް ފޮނުވައިލި އެވެ. ނަމަވެސް އިރާގު ސިފައިންގެ ދިފާއީ ނިޒާމުން ހަމަލާދީ އޭގެ ތެރެއިން އެއް ރޮކެޓް ވައްޓައިލި އެވެ. އަނެއް ރޮކެޓް ވެއްޓުނީ ގްރީން ޒޯން ތެރޭގައި ހުންނަ ހަނދާނީ ބިނާގެ ކައިރިއަށެވެ. އެ ރޮކެޓް ގޮވުމުގެ ސަބަބުން އެ ސަރަހައްދުގައި އޮތް ދެ ކާރެއްގައި ރޯވެ ހަލާކުވި އެވެ.
އިރާގު ސިފައިންނާއި ފުލުހުން މިހާރު އަންނަނީ މި ހާދިސާ ތަހުގީގު ކުރަމުން ކަމަށް އިރާގު ސަރުކާރުން ބުނެ އެވެ. މިހާތަނަށް މި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން ނުއުފުލަ އެވެ. ނަމަވެސް ބޮޑަށް ލަފާކުރެވޭ ގޮތުގައި، މިއީ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހަނގުރާމަވެރިން ދިން ހަމަލާއެކެވެ.
އިރާގުގައި ހުންނަ ހުޅަނގު ގައުމުތަކުގެ އެމްބަސީތައް ހުންނަނީ، ގްރީން ޒޯންގެ ތެރޭގަ އެވެ. އަދި އިރާގުގެ ރައީސްގެ އޮފީހާއި ބޮޑުވަޒީރުގެ އޮފީހާއި ގެކޮޅު ވެސް ހުންނަނީ ގްރީން ޒޯންގަ އެވެ.
އެމެރިކާ އޮފިޝަލުން ބުނި ގޮތުގައި އީރާންގެ އިސް ޖެނެރަލް ގާސިމް ސުލައިމާނީ އާއި އިރާގުގެ ހަނގުރާމަވެރިންގެ އިސް ކޮމާންޑަރު، އަބޫ މަހްދީ އަލް މުހަންދިސް އަވަހާރަކޮށްލިތާ ދެ އަހަރު ފުރުމާ ދިމާކޮށް، އިރާގާއި ސީރިޔާގައި ތިބި އެމެރިކާ ސިފައިންނަށް ހަމަލާތަކެއް ދިނުމަށް، އީރާންގެ މަދަދު ލިބޭ ހަނގުރާމަވެރި ޖަމާއަތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެމެރިކާ ސިފައިން ދިން ޑްރޯން ހަމަލާއެއްގައި އެ ދެ ބޭފުޅުން އަވަހާރަކޮށްލީ، ޖެނުއަރީ 2، 2020 ގައި ބަގުދާދުގެ ވައިގެ ބަނދަރު ބޭރުންނެވެ.
ގްރީން ޒޯންގެ ތެރެއަށް ހަމަލާއެއް މިދިނީ، އިރާގުގައި ތިބި އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންނާ ދެކޮޅަށް އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތްތައް ނިމިފައިވާ ކަމަށް، އިރާގު ސަރުކާރުން މިދިޔަ ހަފުތާގައި އިއުލާން ކޮށްފައި ވަނިކޮށެވެ.
އެ ހަރަކާތްތައް ނިމުނު ކަމުގައި ވިޔަސް، އިރާގެ އަސްކަރިއްޔާ އަށް ބޭނުންވާ ތަމްރީންތައް ދިނުމަށާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާގެ 2500 ސިފައިންނާއި އެމެރިކާއާ ގުޅިފައިވާ ކޯލިޝަންގެ 1000 ސިފައިން އިރާގުގައި ތިބޭނެ އެވެ.
އިރާގުގައި ތިބި އެމެރިކާ އާއި ވިލާތުގެ ގައުމުތަކުގެ ސިފައިން އެ ގައުމުން ބޭލުމަށް ވަކާލާތުކުރަމުން ދަނީ، އީރާނުގެ މަދަދާއެކު އެމެރިކާ ސިފައިންނާ ދެކޮޅަށް ހަނގުރާމަކުރާ ޖަމާއަތްތަކުންނެވެ. ގޮތް ނޭނގޭ ބަޔަކު އިއްޔެ ދިން ހަމަލާ އިއްތިފާގުވަނީ، އިރާގުގެ ކުރީގެ ރައީސް ސައްދާމްގެ ވެރިކަން ވައްޓައިލުމަށް އެމެރިކާ ސިފައިން ފެށި ހަނގުރާމަ ނިންމައި، ޑިސެމްބަރު 18، 2011ގައި އެމެރިކާ ސިފައިން އިރާގުން ފޭބިތާ 10 އަހަރު ފުރުނު ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy