19 ޑިސެމްބަރ 2021 - 16:10
ސޫދާންގެ ކުރީގެ ރައީސް އުމަރުލް ބަޝީރުގެ ވެރިކަމާ ދެކޮޅަށް އާންމު ރައްޔިތުން ކުރި މުޒާހަރާތަކާ ވިދިގެން، ސިފައިން ނުކުމެ ވެރިކަން ބަދަލުކުރިތާ ތިން އަހަރު ފުރުން ފާހަގަކުރުމަށް، ރައްޔިތުން ބޮޑު މުޒާހަރާއަކަށް ތައްޔާރުވުމާއެކު، ސިފައިން ނުކުމެ ސަލާމަތީ ކަންތައް ވަރުގަދަކޮށްފި އެވެ.
ސޫދާންގެ ކުރީގެ ރައީސް އުމަރުލް ބަޝީރުގެ ވެރިކަމާ ދެކޮޅަށް އިންގިލާބު އިއުލާންކުރީ، ޑިސެމްބަރު 19، 2018ގަ އެވެ. ރައްޔިތުންގެ އިންގިލާބާ ގުޅިގެން ސިފައިން ނުކުމެ އުމަރުލް ބަޝީރު މަގާމުން ދުރުކުރީ، އެޕްރީލް 11 2019ގަ އެވެ.
އިންގިލާބު ފެށިތާ ތިން އަހަރު ފުރުނު އިރު، މަދަނީ ވެރިކަމެއް ގާއިމުކުރުމަށް ބާއްވާ އިންތިހާބާ ހަމައަށް އެކުލަވައިލި އިންތިގާލީ ސަރުކާރު، ސިފައިން ގެނައި ބަގާވާތެއްގައި މިދިޔަ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހ ވައްޓާލައި، ވެރިކަމުގެ ބާރުތައް ސިފައިން އަތުލާފައިވާތީ، މުޒާހަރާ ކުރަމުން އަންނަތާ މިހާރު ދެ މަސް ވަނީ އެވެ.
މިއަދުގެ މުޒާހަރާ އަށް ގިނަ ބަޔަކު ނުކުތުމަށް، އިދިކޮޅު ފަރާތްތަކުން ގޮވަމުން އަންނަ އިރު، މިއަދު އިރު އެރި އިރު، ސިފައިން ވަނީ ވެރިރަށް ޚުރުތޫމްގެ ބޮޑެތި ހުރިހާ މަގުތަކެއް ބަންދުކޮށްފަ އެވެ. ވައިގެ ބަނދަރަށް ދެވެން އޮންނަ މައި މަގުތަކާއި ސިފައިންގެ މަރުކަޒާއި ރިއާސީ ގަނޑުވަރު ހިމެނޭ ސަރަހައްދުގެ ވެސް ހުރިހާ ބޮޑެތި މަގުތަކެއް ވަނީ ކޮންކްރީޓް ހުރަސްތައް ބަހައްޓައި ބަންދުކޮށްފަ އެވެ.
ސޫދާންގެ ނޫސްވެރިން ބުނާ ގޮތުގައި މިއަދު ބޮޑު މުޒާހަރާ އަށް މީހުން ނުކުންނަން ކުޑަތަންވެފައި ވަނިކޮށް، ވެރިރަށް ޚުރުތޫމުން ވަނީ ފޯނުގެ ހިދުމަތާއި އިންޓަނެޓްގެ ހިދުމަތް ކަނޑާލައިފަ އެވެ.
މީގެ ތިން އަހަރު ކުރިން ގެނައި އިންގިލާބާ ވިދިގެން އެކުލަވައިލި ވަގުތީ ސަރުކާރު، މިދިޔަ އޮކްޓޫބަރު 25 ވަނަ ދުވަހު ސިފައިން ވައްޓާލައި ވަގުތީ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކާއި އޭނާގެ ކެބިނެޓްގެ ބައެއް ވަޒީރުން ތިއްބެވީ ގޭގައި ބަންދުކޮށްފަ އެވެ. ބައިނަލްއަގުވާމީ ފިއްތުންތަކާއި އާންމު ރައްޔިތުންގެ މުޒާހަރާތަކާ ގުޅިގެން، އެ ބޭފުޅުން މިނިވަންކޮށް ބޮޑުވަޒީރު އަބްދުﷲ ހަމްދޫކު އަލުން އެ މަގާމަށް އައްޔަންކުރީ، ހުސްވި ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު، ސިފައިންގެ ވެރިޔާ ޖެނެރަލް އަބްދުލްފައްތާހް އަލް ބުރުހާނީ އާއި ބޮޑުވަޒީރާ ދެމެދު ސޮއިކުރި އެއްބަސްވުމެއްގެ ދަށުންނެވެ.
ނަމަވެސް މުޒާހަރާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އެ އެއްބަސްވުމުގައި ބޮޑުވަޒީރު އަބްދުﷲ ހަމްދޫކު ސޮއިކުރެއްވީ ގޭބަންދުން މިނިވަންވުމުގެ ބޭނުމުގަ އެވެ. އަދި ވެރިކަމުގެ ބާރުތައް ސިފައިން ދޫކޮށްނުލަނީސް، ބޮޑުވަޒީރު އަލުން މަގާމާ ހަވާލުވުމަކީ އޭނާ ރައްޔިތުންނަށް ހިޔާނާތްތެރިވުން ކަމަށް ވެސް މުޒާހަރާގެ ބައިވެރިން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފު ބިން ރަފައިދާ
19 December 2021
މުޒާހަރާކުރުމުގެ ބަދަލުގާ މަހަށް ދޭބަލަ. ގައިމު ކޮންމެސްއެއްޗެއް ލިބޭނެ.