ވެއްޓުނު ބޯޓުން ސަލާމަތްވި ހެންޒެލް (ކ) ހޮސްޕިޓަލުގައި.
13 ޑިސެމްބަރ 2016 - 12:05
ސައޮ ޕޯލޯ (ޑިސެމްބަރު 13) - ބްރެޒިލްގެ ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާ އެކު ކޮލަމްބިއާ އަށް ދަތުރު ކުރަނިކޮށް ބޯޓު ވެއްޓުމުގެ ކުރިން ކެޕްޓަން އަދި ކްރޫން ވެސް އެއްވެސް އިންޒާރެއް ނުދޭ ކަމަށް ބޯޓުން ސަލާމަތްވި މީހަކު ބުނެފި އެވެ.
ބޮލީވިއާގެ ޗާޓަރު މަތިންދާ ބޯޓު ވެއްޓުނު ހާދިސާގައި 71 މީހުން ވަނީ މަރުވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި ބްރެޒިލްގެ 20 ނޫސްވެރިން ވެސް ހިމެނެ އެވެ. ހަ މީހަކު ވަނީ ސަލާމަތްވެފަ އެވެ. އެއީ ތިން ކުޅުންތެރިންނާއި ދެ ފަޅުވެރިންނާއި ނޫސްވެރިއެކެވެ.
ލަމިއާގެ ބޯޓުން ސަލާމަތްވި ހަ މީހުންގެ ތެރޭގައި ހިމެނޭ 43 އަހަރުގެ ނޫސްވެރިއާ ރަފޭލް ހެންޒެލް ބުނީ އެ މީހުންގެ ސީޓް ބެލްޓު އެޅުމަށް ވެސް އަންގާފައި ނުވާ ކަމަށެވެ. ބޯޓު ވެއްޓުނު ހާދިސާ އަށް ފަހު ފުރަތަމަ ފަހަރަށް ދިން އިންޓަވިއުގައި ބްރެޒިލްގެ ފެންޓާސްޓިކޯ ޓީވީގައި ވާހަކަ ދައްކަމުން ހެންޒެލް ބުނީ ބޯޓަށް ކަމެއް ދިމާވެގެން އުޅޭކަން ވެސް އަންގާފައިނުވާ ކަމަށެވެ.
"ސީޓް ބެލްޓް އެޅުމަށް ވެސް ނާންގާ. ބޯޓު ޖައްސާނީ ކޮން އިރަކުންތޯ ސުވާލު ކުރުމުން ކްރޫން ބުނެފައި ވަނީ 10 މިނިޓް ތެރޭ ޖައްސާނެ ކަމަށް،" ހެންޒެލް ބުންޏެވެ. "އެކަމަކު ލައިޓްތައް ނިވި އިންޖީނު ނިވުނީ. އޭރުވެސް ނޭނގޭ ކޮންކަމެއް ވެގެން އުޅޭކަމެއް."
ބޯޓު ވެއްޓުމުން ސަލާމަތްވި ނޫސްވެރިޔާ ބުނީ ބޯޓަށް ކަމެއް ދިމާވެގެން އުޅޭކަން އެއްވެސް މީހަކު އަންގައިފައި ނުވާ ކަމަށް. --ފޮޓޯ:އޭއެފްޕީ
ހެންޒެލް ބުނީ ބޮކިތައް ނިވުމާ އެކު މީހުން އެނބުރި ސީޓްތަކަށް ދިޔަ ކަމަށެވެ. އަދި އޭރުވެސް ބޯޓު ވެއްޓިދާނެ ކަމަށް އެކަކު ވެސް ގަބޫލް ނުކުރާ ކަމަށް އޭނާ ބުންޏެވެ.
ހެންޒެލް ބުނީ އެންމެ ބޮޑަށް ދެރަވީ އޭނާގެ ދެ ފަރާތުގައި ތިބި ނޫސްވެރިޔާ ރީނަން އެގްނޮލިން އާއި ކެމެރާމަން ޖަލްމާ އަރައުޖޯ ނެޓޯ މަރުވުމުން ކަމަށެވެ. އެ ހާދިސާގެ ހެންޒެލްގެ އަރިކަށިން ވަނީ ހަތް ގަނޑު ކަށި ބިނދިފަ އެވެ.
ހެންޒެލްގެ އިތުރުން ބޯޓުން ސަލާމަތްވި ބްރެޒިލް ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ ޖެކްސަން ފޮލްމޭން އާއި އަލަން ރަޝެލް ފަރުވާ އަށް ފަހު ވަރަށް އަވަހަށް ކޮލަމްބިއާ އިން ބެރެޒިލަށް ދާނެ އެވެ. ފުޓުބޯޅަ ޓީމުގެ ކުޅުންތެރިޔާ ނީޓޯ އަދިވެސް އޮތީ ކޮލަމްބިއާގެ ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ. ބޮލީވިއާގެ ދެ ކްރޫން ކަމަށްވާ ޒިމެނާ ސަންޗޭޒާއި އެރްވިން ތުމޫރީ ވަނީ ފަރުވާ އަށް ފަހު އެނބުރި ގައުމަށް ގޮހެވެ.
ބޯޓު ވެއްޓުނު ސަބަބެއް ކަމަށް ގިނަ ތަޖްރިބާކާރުން ލަފާކޮށްފައިވަނީ ތެޔޮ ހުސްވެގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy