28 ޑިސެމްބަރ 2021 - 21:49
ހުޅުމާލޭގެ ކަންކަން ބަލަހައްޓާ އެޗްޑީސީއާ ދެކޮޅަށް މާލެ ސިޓީ ކައުންސިލުން ފަހަކަށް އައިސް ނެރެމުންދާ ބަޔާންތަކާ ހެދި ގެއްލުންވާ ކަމަށް އެ ކުންފުނިން މިރޭ ބުނެފި އެވެ.
ހުޅުމާލޭގެ ބިމުގެ އިހުތިސާސްގެ މައްސަލައިގައި އެޗްޑީސީ އާއި މާލޭ ސިޓީ ކައުންސިލް ދެމެދު ދެބަސްވުން އުފެދި، މި ފަހުން އެކި މައްސަލަތަކުގައި ދެ ފަރާތުން ދަނީ ބަހުގެ ހަމަލާތައް ބަދަލު ކުރަމުންނެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މީހުން ދިރިއުޅުމަށް ބޮޑު އަގުގައި ބީލަމުގެ އުސޫލުން ގޯތި ވިއްކުމަށް އެޗްޑީސީން އިއްޔެ ނިންމި ނިންމުމާ ގުޅިގެން ވެސް ސިޓީ ކައުންސިލުން މިއަދު ވަނީ ބަޔާނެއް ނެރެ އެކަމަށް ފާޑު ކިޔާފަ އެވެ.
އެ ބަޔާނަށް ރައްދު ދިނުމަށް އެޗްޑީސީން މިރޭ ނެރުނު ބަޔާނުގައި ބުނީ، ގޯތި ވިއްކުމަކީ ގާނޫނާ ހިލާފަށް ކުރި ކަމެއް ކަމަށް ކައުންސިލުން ބުނުމަކީ ސިވިލް ކޯޓުން، ހުޅުމާލޭގެ ރަޖިސްޓަރީގެ މައްސަލައިގައި ނެރުނު ވަގުތީ އަމުރާ ހިލާފު ކަމެއް ކަމަށެވެ. އަދި ސިވިލް ކޯޓުން ވަކި ގޮތަކަށް ކަނޑަނާޅާހާ ހިނދަކު ހުޅުމާލެއާ ގުޅޭ ކަންކަން ކުރުމުގެ ހުރިހާ ހައްގެއް އެ ކުންފުންޏަށް ލިބިގެންވާ ކަމަށް އެޗްޑީސީން ބުންޏެވެ.
"...މި ފަހަކަށް އައިސް މި ކޯޕަރޭޝަންގެ ހައްގުތަކަށް އުނިކަން ލިބޭ ފަދަ ގޮތަކަށް މިފަދަ ބަޔާންތަކެއް ނެރެމުން ދިޔުމުގެ ސަބަބުން މި ކޯޕަރޭޝަނަށް ނުހަނު ގެއްލުން ލިބެމުންދާތީ މިފަދަ ކަންކަން ތަކުރާރު ނުކުރުމަށް މާލެ ސިޓީ ކައުންސިލަށް އިލްތިމާސް ކުރަން،" އެޗްޑީސީގެ ބަޔާނުގައި ވެ އެވެ.
މާލޭ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރެއަށް ހުޅުމާލެ ގެންނަން މަސައްކަތް ކުރައްވާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިންގައި ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. ނަމަވެސް ސަރުކާރާއި އެޗްޑީސީ ވެސް އެކަަމަށް ދެކޮޅު ހަދަ އެވެ.
މި ފަހުން އެ ކުންފުންޏާއި ކައުންސިލާ ދެމެދު މައްސަލަ ހޫނުވީ، އިދިކޮޅު ޕީޕީއެމްގެ ޖަލްސާއެއް ހުޅުމާލޭގައި ބާއްވަން އުޅުމުން އެޗްޑީސީން ފުލުހުން މެދުވެރިކޮށް އެކަން ހުއްޓުވުމުންނެވެ.
އެކަމާ ގުޅިގެން ސިޓީ ކައުންސިލުން ކުއްލި ގޮތަކަށް ހުޅުމާލޭގެ ރަޖިސްޓަރީ ބާތިލްކުރި އެވެ. ނަމަވެސް އެޗްޑީސީން އެ މައްސަލަ ކޯޓަށް ވައްދައި ވަގުތީ ގޮތުން ކުރިން އޮތް ގޮތަށް އެކަން ބަދަލު ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެސްކިޔާފަ
29 December 2021
ފޭސް 2 ގައި ނަންފަވާލަން އޮބިނޯންނަވަރުގެ އުމާރާތްތައް ހެއްދެވި މަނިއްޕުޅުގެ ގާބިލުކަން ނެތުންނޫންތޯ ތިކަމުން ދޭހަވަނީ. މޭޒުދަށުން ބަހާލި ފުލެޓުތައް ނިންމާފަ, " އަގުހެޔޮކޮށް , ހިލޭ " ދީ ނިންމިނަމަ މިހެންވާކަށް ނުޖެހުނީސް.
ޙަބީބު.
29 December 2021
ޢެޗްޑީސީ އުވަލަންވީ އުވާލާފަ އިންތިހާބީ މަގާމުތަކުގެ ބލެނިވެރި ފަރާތްކަމުގަވާ ސިޓީކައުންސިލުން ކަންކަން ރާވާ ހިންގަންވީ މިސަލަކައް އަހަރެން ކުންފުންޏެއް ހަދައިގެން ލާމަރުކަޒީނިޒާމު ގަޑުބަޑުކުރުން އެއީގޮތެއްނޫން
ޣެްލުންް
29 December 2021
ތި ސުހެއިލްހާ ހެދި ހުޅުމާލޭ ރައްޔިތުންނަށްވެސް ވަރަށް ގެއްލުންވޭ އިނގޭޯ؟
ޒިންމާ
29 December 2021
ކައުންސިލަށް ވުރެ ކުންފުންޏެއް މަތިވެގެން މިއުޅެނީ ކީއްވެބާ.
ޙަގާގި
29 December 2021
ފޭސް 2 ގައި އުޅޭ މީހުންނަށް މި ސުހެއިލްގެ ޖެއްސުންކުރުންތަކާހެދި އެންމެން މިތިބީ ތި އެޗްޑީސީ ދެކެ ވަރަށް ރުޅިއައިސްފަ.
ޢިސްތިއުފާ
29 December 2021
ޢެޗްޑީސީ ސުހެއިލް އިސްތިއުފާ ދީފަ ގެޔަށް ދިޔާމަ ހުޅުމާލެ ރައްޔިތުންނަށް ރަނގަޅުވާނީ. ޢެޗްޑީސީ މެނޭޖްމަންޓު ވަނީ ފެއިލްވެފަ.
ފުން
29 December 2021
އެޗް ޑީ ސީ އުވާލާ ސިޓީ ކައުންސިލުގެ ދަށަށް އެޗްޑީސީ ބަދަލު ކުރައްވާ
މެހެދީ ޙަސަނު
29 December 2021
ފިޔަވަހި 2 ގައި ދުމާ ކުންނާ ހިރަފުސް ވެލީގެ ތެރޭގައި އުޅެމުންދާ ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކާއިމެދު ވިސްނައެއް ނުލެވުނު މީހަކު އެއްޗެއް ބުނީމަ ތިބި ބައެއްކަން ވެސް ތި އެނގެނީ އެހެންވީމަ ރަނގަޅު ގޮތަކީ އިސްތިއުފާ ދީފަ ކަން ކުރެވޭ ވަރުގެ ބަޔަކަށް ތަން އަވަހަށް ޙަވާލު ކުރުން
ނަށީދު
29 December 2021
މާލޭ ރައްޔިތުންނަށް އެއަށް ވުރެން ގެއްލުންވޭ އިގޭތޯ!
ޢުވާލާ
29 December 2021
ޢެޗްޑީސީ އުވާލާގެން ހުޅުމާލޭ ރައްޔިތުންނަށް ފައިދާވާނީ. ޙިދުމަތް ދިނުމުގައި ސުމެއްގެ ބައެއް. ފޯނަށް ޖަވާބެއްނުދޭ. ޢެޗްޑީސީއަށް ގޮސް އެތާނގަ މުޅިދުވަސް ހޭދަކޮށްގެން ހިދުމަތެއް ލިބެނީ. ޙަމަ އުވާލަންވީ.