ކޮލަމްބޯގައި އެލްޕީޖީ ސިލިންޑަރު ގަތުމަށް މިދިޔަ ހުކުރު ދުވަހު މީހުން ކިޔޫ ހަދާފައި. --ފޮޓޯ:އޭއެފްޕީ
02 ޖެނުއަރީ 2022 - 15:19
ކޮލަމްބޯ (ޖެނުއަރީ 2) - ސްރީ ލަންކާގައި ކާބޯތަކެތީގެ އަގު މިދިޔަ ޑިސެމްބަރު މަހު ރެކޯޑް މިންވަރެއް ކަމަށްވާ 22.1 ޕަސެންޓަށް މައްޗަށް ޖެހިފައިވާ ކަމަށް ރަސްމީ ހިސާބުތަކުން ދައްކައިފި އެވެ.
ސެންސަސް އެންޑް ސްޓެޓިސްޓިކްސް ޑިޕާޓްމަންޓުން ބުނީ ލަންކާގައި ކާބޯތަކެތީގެ އިންފްލޭޝަން އަހަރުން އަހަރަށް މައްޗަށް ގޮސް، މިދިޔަ ޑިސެމްބަރު މަހަކީ، ލަންކާގައި ކޮލަމްބޯ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީސީޕީއައި) 2013 ވަނަ އަހަރު ލޯންޗްކުރި ފަހުން، ކާބޯތަކެތީގެ އަގު އެންމެ މައްޗަށް ދިޔަ މަސް ކަމަށެވެ. މިދިޔަ ނޮވެމްބަރު މަހު ކާބޯތަކެތީގެ އަގު ވަނީ 17.5 ޕަސެންޓަށް މައްޗަށް ޖެހިފަ އެވެ. އެއީ ވެސް އެހާތަނަށް ރެކޯޑެވެ.
ލަންކާގައި އާއްމުކޮށް ތަކެތީގެ އަގު ޑިސެމްބަރު މަހު ވަނީ 12.01 ޕަސެންޓަށް މައްޗަށް ޖެހިފަ އެވެ. އެއީ ސީސީޕީއައި ލޯންޗުކުރި ފަހުން ތަކެތީގެ އަގު އެންމެ މައްޗަށް ދިޔަ މަހެވެ.
ކޮލަމްބޯގައި އަންނައުނު ވިއްކާ މީހަކު ކަސްޓަމަރުންގެ އިންތިޒާރުގައި. --ފޮޓޯ:އޭއެފްޕީ
ރައީސް ގޯޓާބޭ ރާޖަޕަކްސާގެ އާ އަހަރުގެ މެސެޖުގައި ވަނީ ލަންކާގެ ހީނަރުވެފައިވާ އިގްތިސާދު އަލުން ހަމައަކަށް އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ބޭރު ފައިސާގެ ތާށިކަން ހައްލުކުރަން އަޅުއްވާނެ ފިޔަވަޅެއް ވިދާޅެއް ނުވެ އެވެ.
"އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް، ސަރުކާރުން އަޅާ ފިޔަވަޅުތަކުން މި އަހަރުތެރޭ ނަތީޖާ ފެންނާނެ ކަމަށް އުއްމީދު ކުރަން،" ގޯޓާބޭ ވިދާޅުވި އެވެ.
ސްރީ ލަންކާގައި ބޭރު ފައިސާގެ ތާށިކަން ކުރިމަތިވެ އެ ގައުމުގެ 26 ބިލިއަން ޑޮލަރުގެ ދަރަނި ދެއްކޭނެކަމާ މެދު ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތަކުން ވަނީ ސުވާލު އުފައްދައިފަ އެވެ.
ލަންކާ އިން މި ހަފުތާގައި ވަނީ ހިކި ކިރުގެ އަގު 12.5 ޕަސެންޓަށް ބޮޑުކޮށްފަ އެވެ. މިދިޔަ މަހު ވަނީ ތެލުގެ އަގު ބޮޑުކޮށްފަ އެވެ. ސުޕަ މާކެޓްތަކުން ކޮންޓްރޯލްކޮށްގެން ހިކިކިރާއި ހަކުރު ވިއްކާތާ އެތައް ދުވަހެއް ވެއްޖެ އެވެ.
ކޮލަމްބޯގައި އެލްޕީޖީ ސިލިންޑަރު ގަތުމަށް މިދިޔަ ހުކުރު ދުވަހު މީހުން ކިޔޫ ހަދާފައި. --ފޮޓޯ:އޭއެފްޕީ
ލަންކާގެ އިގްތިސާދުގެ ބޮޑު ބައެއް ޓޫރިޒަމަށް ބަރޯސާވެފައިވީ ނަމަވެސް، ކޮވިޑަށް ފަހު އެ އިންޑަސްޓްރީ ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ފޮރިން އެކްސްޗޭންޖް ރިޒާވް ހިފެހެއްޓުމަށް ޓަކައި ލަންކާ އިން މިހާރު ވަނީ އިމްޕޯޓުގެ ކޮންޓްރޯލެއް އިއުލާންކޮށްފަ އެވެ. އިމްޕޯޓަށް ފައިސާ ދައްކަން ކޮމާޝަލް ބޭންކްތަކުން ޑޮލަރު ވަނީ ހުސްވެފަ އެވެ.
ލަންކާގެ ދަނޑުވެރިކަމާ ބެހޭ އޮފިޝަލަކު މިިދިޔަ މަހު ވަނީ ގައުމު ބަނޑަށް ޖެހިދާނެ ކަމަށާއި ކާބޯތަކެތި ކޮންޓްރޯލްކޮށްގެން ވިއްކުމަށް ސަރުކާރަށް އިލްތިމާސްކޮށްފަ އެވެ. އޭނާގެ އެ އިލްތިމާސް އައިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ނޮވެމްބަރު މަސް ނިމުނުއިރު ލަންކާގެ ފޮރިން ރިޒާވް އަކީ 1.58 ބިލިއަން ޑޮލަރެވެ. ގޯޓާބޭ 2019 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ފޮރިން ރިޒާވް އަކީ 7.5 ބިލިއަން ޑޮލަރެވެ.
ލަންކާ އިން މިިދިޔަ ހަފުތާގައި ވަނީ 1.5 ބިލިއަން ޑޮލަރުގެ ލޯނެއް ޗައިނާއިން ނަގައިފަ އެވެ. އަދި 2021 ވަނަ އަހަރު ނިމުނުއިރު ފޮރިން ރިޒާވް 3.1 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
02 January 2022
ކަރަޕްޝަން އަސްލަކީ.. ނިކަން ވިސްނާ، ކޮވިޑު އައިއިރު މި ރާއްޖޭގަ ޔާމިނު ވެރިކަމުގަ ހުރި ނަމަ މިހާރު ހަލަތު އޮންނާނެ ގޮތް ލަންކާއިން އެ ފެންނަނީ.. އަލްހަމްދުލިއްލަހި، އެ ވަބާއިންވެސް އަހަރެމެން މިންޖުވެއްޖެ...
ކޮރަލް
02 January 2022
ރާއްޖެ ވެސް މިަދނީ އެމަގުންނެވެ. ފައިސާ ޗާޕް ކުރަނީ އެވެ. އަދިވެސް ލޯން ނެގުން އިތުރު ކުރަނީ އެވެ. ޑްރަގް އަދި ގަވާއިދާ ހިލާފް ބިދޭސީންގެ މައްސަލަ އަށް ހައްލެއް ހޯދަން މަސައްކަތް ނުކުރެވެ އެވެ. ދިވެހި ގިނަ ޒުވާނުން ވަޒީފާ ނެތި އެވެ.
ނަގުމާ
02 January 2022
ތިޔަ މަގުން ދަންޏާ ތިޔަ ވެރިކަން ދެމި ނޯންނާނެ
ސޮރީ
02 January 2022
ތީ ޗައިނާގެ ތައްޕާހަށް ވެއްޓުނީމަ ޗާގޮތް!! އަހަރުމެން އިންޑިޔާ ތައްޕާހުން މި އުޅެނީ ކިހާ އުފަލުގަ، ތީގެން ކަމަކާ ވިސްނާކަށް ނުޖެހޭ، މޯޑީ ކައިގެން ހުރިއްޔާ އަހަރުމެން ތިބޭނީ ކައިގެނޯ. އަދި ފެންނަނީ އެހެން.
އެމޯދީ
02 January 2022
ވަރަށް ރަނގަޅު ވާހަކައެއް. މޯދީބެ އަހަރުމެންނަށް އެންމެ ދަތިވިދުވަހުވެސް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިން. އެކަމަކު ލަންކާޔަށް މިހެން ވެގެންއުޅެނީ ކޮންމެހެން ޗައިނާގެ ޑެބްޓްގެ ސަބަބުންނެއްނޫން. މިޙާރުގެ ސަރުކާރުގެ ކޮރަޕްޓްކަމާއި ނާޤާބިލުކަމުން ޤައުމުގެ އިޤްތިޞާދު ދަށަށްދިޔައީ.
ގޯތާބެ
02 January 2022
ޗައިނާއަށް ދަރާ ވިކިފައި!