03 ޖެނުއަރީ 2022 - 12:47
ސޫދާންގެ ވެރިކަމުގެ ބާރުތައް ހިއްސާކުރުމާ ގުޅޭ ގޮތުން ސިފައިންނާ އެކުގައި ހެދި އެއްބަސްވުމެއްގެ ދަށުން، ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި އަބްދުﷲ ހަމްދޫކުގެ ސަރުކާރާ ދެކޮޅަށް އާންމު ރައްޔިތުން ކުރަމުންދާ މުޒާހަރާތައް ވަރުގަދަވެ، އާންމުން ގޮތް ދޫނުކުރުމުން، ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި އެވެ.
ބޮޑުވަޒީރުގެ ސަރުކާރާ ދެކޮޅު ހެދުމުގެ ގޮތުން އިއްޔެ ވެސް އެތައް ހާސް ބަޔަކު ވެރިރަށް ޚުރުތޫމްގެ މަގުތަކަށް ނުކުމެ މުޒާހަރާ ކުރި އެވެ. ރިއާސީ ގަނޑުވަރާއި ސިފައިންގެ މައި މަރުކަޒު ކައިރިއަށް މުޒާހަރާގެ ބައިވެރިން ޖަމާވާން ފެށުމުން ސިފައިންނާއި ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް މުޒާހަރާ ރޫޅާލައިފަ އެވެ. ދެ ފަރާތުގެ މެދުގައި ހިނގި ކުރިމަތިލުންތަކުގައި އާންމުންގެ ދެ މީހުން އިއްޔެ ވެސް މަރުވި އެވެ.
އިއްޔެ މުޒާހަރާ އަށް ނުކުތް މީހުން ވެސް ގޮވަމުން ދިޔައީ، ރައްޔިތުންގެ ވެރިކަމެއް ގާއިމުކުރުމަށާއި ރައްޔިތުންގެ ބާރު ތަމްސީލުވާ ސަރުކާރެއް އެކުލަވައިލުމަށެވެ. ބޮޑުވަޒީރު ހަމްދޫކު މަގާމުގައި ހުންނެވިޔަސް ވެރިކަމުގެ ހުރިހާ ބާރުތަކެއް އޮންނަނީ ސިފައިންގެ އަތުގައި ކަމަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔަ އެވެ.
އަބްދުﷲ ހަމްދޫކު ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވުމާއެކު، ވެރިކަމުގެ ހުރިހާ ބާރުތަކެއް މިހާރު ވަނީ ސިފައިންނަށް ލިބިފަ އެވެ.
ސޫދާންގެ ކުރީގެ ރައީސް އުމަރުލް ބަޝީރުގެ ވެރިކަމާ ދެކޮޅަށް އާންމު ރައްޔިތުން ނުކުމެ މުޒަހަރާ ކުރަން ފެށުމުން، 2019 ވަނަ އަހަރުގެ ތެރޭގައި ސިފައިން ގެނައި އިންގިލާބެއްގައި ވެރިކަން ވައްޓައިލުމާ ގުޅިގެން، އެ ގައުމު އަދިވެސް އޮތީ ސިޔާސީ ވަރަށް ބޮޑު ހަމަނުޖެހުމެއްގެ ތެރޭގަ އެވެ. ބަޝީރުގެ ވެރިކަން އިންގިލާބުކޮށްލުމަށް ފަހު، ސިފައިންނާއި ސިޔާސީ ފަރާތްތަކުން އެއްބަސްވެފައިވަނީ، ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ސަރުކާރެއް ގާއިމުކުރެވެންދެން، ސިފައިންނާއި މަދަނީ ސިޔާސީ ޕާޓީތައް ބައިވެރިވާ އިންތިގާލީ ސަރުކާރަކުން ވެރިކަން ކުރުމަށެވެ.
އެގޮތުގެ މަތިން އެ ގައުމުގައި މިހާތަނަށް ވެރިކަން ކުރަމުން އައީ، ސިފައިންނާއި މަދަނީ ސިޔާސީ ބޭފުޅުން ބައިވެރިވެގެން އުފައްދާފައި އޮތް ވެރިކަމުގެ ސިޔާދަތީ މަޖިލީހަކުންނެވެ. ބޮޑުވަޒީރުގެ މަގާމުގައި ހުންނަވަނީ މަދަނީ ބޭފުޅެކެވެ. ވެރިކަމުގެ ސިޔާދަތީ މަޖިލީހުގެ އެންމެ އިސް ބޭފުޅަކީ ސިފައިންގެ އެންމެ އިސް ޖެނެރަލެވެ.
ބޮޑުވަޒީރު އަބްދުﷲ ހަމްދޫކު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެގައުމުގެ ސިޔާސީ މަސްރަހު އިތުރަށް ގޯސްވާނެ އެވެ. މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ޓީވީ މެދުވެރިކުރައްވައި ދެއްވި ބަޔާނެއްގައި ހަމްދޫކު ވިދާޅުވީ ގައުމު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށާއި، އެއީ މުޅި ގައުމުގެ ދެމިއޮތުމަށް ކުރިމަތިވެފައިވާ ނުރައްކާތަކެއް ކަމަށެވެ.
"މި ކާރިސާގެ ތެރެއަށް ގައުމު ވެއްޓުނަ ނުދިނުމަށް، އަޅުގަނޑަށް ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކުރިން. ގައުމަށް ފައިދާހުރި ނަތީޖާއެއް ނެރެވޭތީ ކުރި ހުރިހާ މަސައްކަތެއް މިއަދު މިވަނީ ބޭކާރުވެފައި. ކުރަން ބޭނުންވި ކަންތަކެއް ނުކުރެވުނު، ނަތީޖާއެއް ވެސް ނުނެރެވުނު،" ހަމްދޫކު ވިދާޅުވި އެވެ.
އުމަރުލް ބަޝީރުގެ ވެރިކަމަށް ފަހު އުފެއްދި އިންތިގާލީ ސަރުކާރުން ވެރިކަން ކުރަމުން އަންނަނިކޮށް، ސޫދާންގެ ސިފައިން އޮކްޓޫބަރު 25، 2021 ގައި އިންގިލާބެއް ގެނެސް، ސަރުކާރު އުވާލައި ބޮޑުވަޒީރު އަބްދުﷲ ހަމްދޫކާއި އޭނާގެ ބައެއް ވަޒީރުން ހައްޔަރުކުރި އެވެ. އޭގެ މަހެއްހާ ދުވަސް ފަހުން، އަނެއްކާ ވެސް އަބްދުﷲ ހަމްދޫކު ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރީ، ވެރިކަމުގެ ބާރުތައް ހިއްސާކުރުމާ ގުޅޭ ގޮތުން، ސިފައިންނާއި އޭނާއާ ދެމެދުގައި ސޮއިކުރި އެއްބަސްވުމެއްގެ ދަށުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބޫބަކުރުބެ
03 January 2022
ސުދާނުރައްޔިތުންނަށް ނެތް ހެޔޮއެއްގޮތެއްވެސް.