04 ޖެނުއަރީ 2022 - 15:05
ކޮވިޑް-19 ބަލި ޖައްސާ ވައިރަހުގެ ބާވަތްތަކުގެ ތެރެއިން އޮމިކްރޮން ބާވަތުގެ ވައިރަސް، ފެތުރޭ ނިސްބަތް އެހެން ބާވަތްތަކުގެ ކޮވިޑް ވައިރަސްތަކާ އަޅައިބަލާއިރު، ހަލުވި ކަމަށް ވިޔަސް، އޮމިކްރޮން ވައިރަހުން ކުރިމަތިވާ ނުރައްކާ ކުޑަ ކަމަށް ލެބޯޓެރީ ތަހުލީލުތަކުން ދައްކައިފި އެވެ.
އޮމިކްރޯން ބާވަތުގެ ވައިރަސް ފެތުރުން ކިތަންމެ ހަލުވި ނަމަވެސް، ޑޮކްޓަރުން މިހާތަނަށް ވެސް ބުނަމުން އަންނަނީ، މި ބާވަތުގެ ވައިރަހުން ކޮވިޑް ޖެހޭ މީހުންގެ ބަލި ހާލަތު ހުންނަނީ މެދުމިނެއްގައި ކަމަށެވެ. އެހެން ނަމަވެސް ގިނަ ބަޔަކަށް މިބާވަތުގެ ވައިރަހުން ކޮވިޑްޖެހޭ ނަމަ، ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު އިތުރުވެ، ގައުމުތަކުގެ ސިއްހީ ހިދުމަތުގެ ނިޒާމަށް އޮބިނޯންނަވަރު ވުމަކީ ދުރުކަމެއް ނޫން ކަމަށް ވެސް ތަޖުރިބާކާރުން ބުނެ އެވެ.
މި ބާވަތުގެ ކޮވިޑް ވައިރަހުން ބަލިމީހާގެ ހާލު ގޯސްވާ މިންވަރާއި އެނދުމަތިކުރަންޖެހޭ ނިސްބަތާ މެދު ސީދާ ޖަވާބެއް ދެވޭ ވަރަށް، މި ބާވަތުގެ ވައިރަސް ފެތުރެމުންދާ ގައުމުތަކުން އަދިވެސް އެކަށީގެންވާ މައުލޫމާތުތަކެއް ނުލިބެ އެވެ. އެހެން ނަމަވެސް ލެބޯޓަރީގައި މީދަލާއި ހެމްސްޓާގެ ހަށިގަނޑުގައި މިހާތަނަށް ކުރި ތަހުލީލުތަކުން މިކަމަށް ކޮންމެވެސް ޖަވާބުތަކެއް މިހާރު ލިބިއްޖެ އެވެ.
މި ތަހުލީލުތައް ކުރީ ހޮންކޮންގް ޔުނިވަސިޓީގެ ފެކަލްޓީ އޮފް މެޑިސިންގެ ދިރާސާކުރާ ޓީމަކުންނެވެ. މި ތަހުލީލުތަކުން އެނގުނު ގޮތުގައި ޑެލްޓާ ބާވަތުގެ ވައިރަހަށް ވުރެ 70 ގުނަ ހަލުވިކޮށް، އޮމިކްރޮން ބާވަތުގެ ކޮވިޑް ވައިރަސް، އިންސާނާގެ ނޭވާލާ ނިޒާމުގެ ވައިހޮޅިތަކުގެ ތެރޭގައި ފެތުރިގަނެ އިތުރުވާން ފަށަ އެވެ.
އޭގެ އިތުރުން، އަސްލު ކޮރޮނާވައިރަހާއި ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަހާ އަޅައި ބަލާއިރު، އޮމިކްރޮން ބާވަތުގެ ކޮވިޑް ވައިރަސް މާ ހަލުވިކޮށް، ނޭވާލާ ނިޒާމުގެ މަތީ ބައިގެ ވައިހޮޅިތަކުގެ ތެރޭގައި ފެތުރިގަނެ އެވެ. އެހެން ނަމަވެސް ފުއްޕާމޭގެ ޓިޝޫތަކުގެ ތެރެއަށް އޮމިކްރޮން ބާވަތުގެ ވައިރަސް ވަދެގަންނަ މިންވަރު، އަސްލު ކޮރޯނާވައިރަހާއި ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަހާ އަޅައި ބަލާއިރު، މާބޮޑަށް ދަށެވެ.
މި ދިރާސާ އިން އެނގުނު ގޮތުގައި، ފުއްޕާމާގެ ޓިޝޫތަކަށް އޮމިކްރޮން ބާވަތުގެ ކޮވިޑް ވައިރަސް ވަންނަ ހާލަތްތަކުގައި ވެސް، ޓިޝޫތަކުގެ ތެރޭގައި އިތުރުވެގަންނަވަރު، އަސްލު ކޮވިޑް ވައިރަހަށް ވުރެ 10 ގުނަ ލަހެވެ. އެހެންކަމުން، އޮމިކްރޮން ބާވަތުގެ ކޮވިޑް ވައިރަހުން ކޮވިޑް ޖެހޭ މީހުންގެ ހާލަތު ބޮޑުނުވާނެ ކަމަށް ބެލެވިދާނެ އެވެ.
މިހާތަނަށް ގަބޫލުކުރެވިފައި އޮންނަ ގޮތުން ކޮވިޑް ޖެހުމުން ސިއްހީ ހާލަތު ބޮޑަށް ގޯސްވަނީ، ފުއްޕާމޭގެ ޓިޝޫތަކަށް ކޮވިޑް ވައިރަސް ވަނުމަށް ފަހު، ފުއްޕާމޭގެ ޓިޝޫތަކުގެ ތެރޭގައި ވައިރަސް އާލާވެ އޭގެ ފަހުން ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވައިރަސް ފެތުރުމުންނެވެ. ނަމަވެސް ކޮވިޑް ވައިރަސް ހަރުލާފައި ހުންނަނީ، ނޭވާލާ ނިޒާމުގެ މަތީ ބައިގެ ހޮޅިތަކުގެ ތެރޭގައި (އަނގަ އާއި ނޭފަތް އަދި ކަރުތެރެއާއި އެދެމެދު) ކަމަށްވާނަމަ، ކޮވިޑް ޖެހުމުން ހާލު ގޯސް ވުމުގެ ފުރުސަތު ކުޑައެވެ.
މި ދިރާސާގައި އިސްކޮށް އުޅުއްވި ޑރ. މިޝޭލް ޗާން ވިދާޅުވި ގޮތުގައި، މި ހޯދުންތަކުގެ އަލީގައި ވެސް އިތުރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިންމެވެ. ސަބަބަކީ، ކޮވިޑް ޖެހުމުން ބޮޑުވަރުވާ މިންވަރު ބިނާވަނީ، ހަށިގަނޑުގެ ތެރޭގައި ކޮވިޑް ވައިރަސް އާލާވެ އިތުރުވާ މިންވަރުގެ މައްޗަށް އެކަނި ކަމަށް ނުވާތީ އެވެ. އޭގެ ބަދަލުގައި ކޮވިޑު ވައިރަހާ ދެކޮޅަށް ހަށިގަނޑުގެ ދިފާއީ ނިޒާމު މަސައްކަތް ކުރާ މިންވަރު ވެސް އެކަމުގައި މުހިންމު ދައުރެއް އަދާކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓެގްޓީމް
04 January 2022
ނޫން ނޫން ނުރައްކާ ވަރަށް ބޮޑު. މުޅި ގައުމު ފުރަބަންދު ކޮށްފައި، ހަފްތާއަކު އެއްފަހަރު ކޮންމެ މީހަކު ޕީސީއާރ ހަދަން މަޖުބޫރުކޮށްފައި، އަގުހެޔޮކޮށް އަމިއްލައަށް ބޭނުންކޮށްލެވޭ އެންޓިޖެން ޓެސްޓް މުޅި ގައުމުގައި މަނާކޮށްފައި، މިހިރަމިހިރަ ކަންކަން ކުރަން އެބަޖެހޭ. އަދި ދަރުބާރުގޭ ސީނިއަރ ވޯކްފޯސްއަށް މަހަކު 70 ހާސް ވަރު ވައްޓާލަންވެސް އެބަޖެހޭ.