ސައިމަން.
13 ޖެނުއަރީ 2022 - 06:22
އެމެރިކާސް ގޮޓް ޓެލެންޓް (އޭޖީޓީ) ގެ ޖަޖެއްގެ ގޮތުގައި ފެންނަ އަދި މަޝްހޫރު ޝޯ "ދި އެކްސް ފެކްޓާ" ގެ މޭސްތިރިޔާ ސައިމަން ކޮވެލް އޭނާގެ ލޯބިވެރިޔާ ލޯރެން ސިލްވަމަންއާ ކައިވެނިކުރަން ތައްޔާރުވެއްޖެ އެވެ.
އިނގިރޭސިވިލާތަށް އުފަން ސައިމަންގެ ތަރުޖަމާނު އެކަން މީޑިއާތަކަށް ކަށަވަރުކޮށް ދިން ނަމަވެސް އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ. ސަން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި 2013 ގައި ލޯބީގެ ގޮތުން ގުޅުނު ސައިމަން، 62، އާއި ލޯރެން، 44، ކައިވެންޏަށް ތައްޔާރު ވަނީ ދާދި ފަހުން ބާބެޑޯސް އަށް ކުރި ދަތުރެއްގައި ރަސްމީކޮށް އެންގޭޖް ވެސް ވެފައި ވަނިކޮށެވެ.
ފާހަގަކޮށްލެވޭ ކަމަކީ މި ދެ މީހުންނަށް ކުރިން ދަރިޔަކު ވެސް ލިބިފައިވާ ކަމެވެ. ލޯރެންއާ ކުރާ ކައިވެންޏަކީ ސައިމަންގެ އަލަތު ކައިވެނި ނަމަވެސް ލޯރެން އަކީ ކުރީގެ ކައިވެންޏަށް ވެސް ދަރިޔަކު ހުރި މީހެކެވެ. އޭނާ އާއި ކުރީގެ ފިރިމީހާ އަދި ސައިމަންއާ ވެސް ގާތް އެކުވެރިކަމެއް އޮތް އެންޑްރޫ ސިލްވަމަންގެ ކައިވެނި ރޫޅުނީ 2013 ގަ އެވެ.
އެމެރިކާގެ ސޯޝަލައިޓެއް ކަމަށްވާ ލޯރެންއާ ވަކިވާން އެންޑްރޫ ނިންމީ ކައިވެނީގެ ބޭރުން ސައިމަންއާ ގުޅުން ބާއްވާކަން ފަޅާއެރުމުންނެވެ. ލޯރެން އާއި އެންޑްރޫ އަށް ލިބުނު ދަރިފުޅަކީ މިހާރު އުމުރުން 16 އަހަރުގެ އެޑަމް ސިލްވަމަން އެވެ. ލޯރެން އާއި ސައިމަން އަށް ދަރިޔަކު ލިބުނީ 2014 ގަ އެވެ. އެއީ އެރިކް ކޮވެލް އެވެ.
އާންމުންގެ ތެރޭގައި ވަރަށް މަގުބޫލު ޝަހުސިއްޔަތެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ސައިމަން އަކީ "އެމެރިކަން އައިޑޮލް" ގައި ވެސް ޖަޖްކަންކޮށްފައިވާ މީހެކެވެ. އޭނާ ކުރިން ރައްޓެހިވި މީހުންގެ ތެރޭގައި އިނގިރޭސިވިލާތިގެ އެންޓަޓައިންމަންޓް ނޫސްވެރިޔާ/ބަތަލާ ޓެރީ ލުއީ ސޭމާ އާއި މޭކަޕް އާޓިސްޓް މެގްޒާން ހުސައިނީ ހިމެނެ އެވެ. ސައިމަން އާއި މެގްޒާން އެންގޭޖް ވެސް ވި އެވެ. އަދި އެންގޭޖްމަންޓް ރޫޅައިލީ 2011 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑަނޑޫ
13 January 2022
ސައިމަނާ ސަލްމާނު ޚާނާ ދެމީހުން އުޅުނީ ވާދައަށްތަ؟ މިއޮތީ ވާދަވެރިކަން ނިމުމަކަށް އައިއްސައެއްނު.