މިދިޔަ މަހު އެކަނި 300 ޕްރައިވެޓް ޖެޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު ދެ ގުނަ އިތުރު އަދަދެއް. ޕާކު ކުރާނެ ޖާގަ ނެތިގެން ވަރަށް ގިނަ ޖެޓްތައް އެހެން ގައުމުތަކަށް ދޭ.
ޕްރައިވެޓް ޖެޓުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޕާކު ކޮށްފައި--ފޮޓޯ:ނިޝާން އަލީ/މިހާރު
17 ޖެނުއަރީ 2022 - 14:56
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ ޕްރައިވެޓް ޖެޓްތަކުގެ އަދަދު ގިނަވެ، އެ ޖެޓްތައް ޕާކުކުރަން އާ ރަންވޭ ބޭނުންކުރަން ފަށައިފި އެވެ.
އެމްއޭސީއެލް އިން ބުނީ ރަންވޭގައި ޖެޓުތައް ޕާކު ކުރަނީ، ޖެޓުތައް އަންނަ ވަރު އާދަޔާ ހިލާފަށް ގިނަވެ، ޕާކުކުރާނެ ޖާގަ ނެތިގެން ކަމަށެވެ. އަހަރު ފެށިގެން އައިއިރު ވެސް، އެއާޕޯޓުގެ އާ ރަންވޭގައި ގިނަ އަދަދެއްގެ ޖެޓު ޕާކުކޮށްފައި އޮތެވެ. އޭގެ ސަބަބުން އެމްއޭސީއެލަށް ވެސް ބޮޑު އާމްދަނީއެއް ވަނީ ލިބިފަ އެވެ.
މިދިޔަ މަހު އެކަނި 300 ޕްރައިވެޓް ޖެޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު ދެ ގުނަ އިތުރު އަދަދެކެވެ. ވެލާނާ އެއާޕޯޓްގައި ބާއްވާނެ ޖާގަ ނެތިގެން މީގެ ކުރިން ވަރަށް ގިނަ ޖެޓް އެހެން ގައުމުތަކުގެ އެއާޕޯޓްތައް ވެސް ބޭނުންކުރި އެވެ.
ޖެޓުތައް ޕާކު ކުރުމަށް ރަސްމީކޮށް އާ ރަންވޭ ބޭނުން ކުރަން ފެށުމުގެ ކުރިން އެތަން ޓެކްސީވޭއެއްގެ ގޮތުގައި ބޭނުން ކުރަން އައީ ރާވަމުންނެވެ. އާ ރަންވޭ ހުޅުވާނީ މި އަހަރުގެ ފަހުކޮޅު އެވެ. އާ ރަންވޭ ބޭނުންކުރަން ފެށުމުން، މިހާރުގެ ރަންވޭ ބޭނުން ކުރާނީ ޓެކްސީވޭއެއްގެ ގޮތުގަ އެވެ. ޓެކްސީވޭ އަކީ މަތިންދާ ބޯޓު ޖެއްސުމަށް ފަހު ރަންވޭ އަށް އިން ނިކުމެ ޕާކު ކުރަން ދާ މަގަށް ކިޔާ ނަމެވެ. މި ވަގުތު އެއާޕޯޓުގައި ޓެކްސީވޭއެއްގެ ގޮތުގައި ވެސް ބޭނުން ކުރަނީ ރަންވޭއެކެވެ. އެހެންވެ ބޯޓު ޖެއްސުމަށްފަހު އެތައް ވަގުތެއް ރަންވޭ ކްލިއާ ކުރަން ވެސް ނަގަ އެވެ.
ކޮންމެ އަހަރެއްގެ ޕީކް ސީޒަނާ ދިމާކޮށް ރާއްޖެ އަށް ޗުއްޓީ ހޭދަކުރަން އަންނަ މުއްސަނދިން ގިނަވެ އެވެ. ޕްރައިވެޓް ޖެޓްތަކުގައި އަންނަ ފަރާތްތަކުން އާންމު ގޮތެއްގައި ޗުއްޓީ ހޭދަކުރަނީ ރާއްޖޭގެ އެންމެ ލަގްޒަރީ ރިސޯޓުތަކުގަ އެވެ. ޔޫރަޕްގެ އިތުރުން އިންޑިއާއިން ވެސް ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓް މިހާރު ރާއްޖެ އާދެ އެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހު ރާއްޖެ އަށް 40 ޕްރައިވެޓް ޖެޓް ޖެއްސި އެވެ. އެއީ މި ސީޒަންގައި އެއް ދުވަސްތެރޭގައި އެންމެ ގިނަ ޕްރައިވެޓް ޖެޓް ޖެއްސި ދުވަހެވެ. އާންމުގޮތެއްގައި ރާއްޖެ އަށް އެންމެ ގިނަ ޕްރައިވެޓް ޖެޓު އަންނަނީ ނޮވެމްބަރުން ފެށިގެން ޖެނުއަރީގެ ނިޔަލަށެވެ. އެހެން ނަމަވެސް ކޮވިޑްގެ އާ ވޭރިއެންޓާ ހެދި މި ދުވަސްވަރު އަންނަ ޖެޓުތައް ވެސް ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަމޯޑީ
18 January 2022
ސޯލިހު ރަންވޭއެއްވެސް އަޅައިފި؟ ގަދަ މީހެކޭ.
ސަމްކު
18 January 2022
ތިޔަކަން ހައްލު ކުރުމަށް ވަރަށް ފަސޭހަމަގެއް މިހާރު ހުޅުވިފައި އެބައޮތް. ޔާމީނުއޮންނާނެ މަހާޖައްރާފާ ކިޔާ ކޮންނަބޯޓެއް ސަރުކާރަށް ހޯދާދީފާ. އެބޯޓް ބޭނުންކޮށްގެން ތިލަފުށީ ފަޅުން ހިއްކަންވީ 100ޖެޓް އެއްފަހަރާ ޕާކް ކުރެވޭ ތަނެއް. ޕާކްކުރަންޖެހޭ ހުރިހާ ޖެޓް އެތާނގާ ޕާކް ކުރާނީ. އެވަރުތަނެއްހަދަން އެމްޓީސީސީން 3މަސްދުވަހުގެތެރޭނިންމާލާނެ. އެތަނަށްދިޔަ ޚަރަދު ޕާކިންފީން ލިބޭނެ.
އިސްމާލި
18 January 2022
ހަދައި ނިމި، ޓެސްޓު ފަލްއިޓެއްގެ ގޮތުގައި ދުނިޔޭގައި މިވަގުތު ދުއްވާ އެންމެ ބޮޑު ބޯޓު (އޭ 380) ޖައްސައި ހުރިހައި ކަމެއް ނިމިފައި އޮތް ރަންވޭ ނުހުޅުވި ތިން އަހަރުނިމި އަދިވެސް ހުޅުވޭނެކަމަށް ވަނީ މިއަހަރު ފަހުކޮޅު. ސަލްމާން މިސްކިތް ހުޅުވަން ވެސް ހަތަރު އަހަރު. ސުލޯ ވިއަސް ބޮޑުވަރު.
ހުސެން
18 January 2022
މިއީ ކިޔާލުމުން ވަރަށް އުފާވެރިކަން އިހުސާސްވި އާޓިކަލެއް، ރާއްޖެއަށް ވަންނަބޭރުފައިސާ ރާއްޖޭގެ އިގުތިސާދުގައި ދައުރުވާނެ ރަނގަޅު މެކޭނިޒަމެއް، ގަވައިދެއްހަދާ އަމަލުކުރުން ވަރަށްމުހިންމު، ރިޒޯޓުވިޔަފާރި ދިވެހިންގެ އަތްމައްޗަށް އެރުވުމަށްވެސް ލޯންގުޓާމް ޕުލޭންތަކެއް ރާވަންޖެހޭ، މިހާރު އިންޑިޔާފަދަ ގައުމުތަށް މިވަނީ ރާއްޖޭގެ އިގުތިސޯދުގެ ތެރެއަށް ނުރަނގަޅުގޮތުގައި ވަދެފައި، ރިޒޯޓުއިންކަމް ރާއްޖޭގައިބޭންކުކުރުން ލާޒިމުކުރަންޖެހޭ (ކަނޑައެޅޭ % އެއް)
ޑުރެކިއުލާ
17 January 2022
އިންޑިއާއަށް ދަތުރުކުރާ ހުރިހާ އާގުބޯޓަކާއި ފުލައިޓުތަކާއި ފައިސާއެއް ނިއުދިއްލީއަށް ފުނިޖަހާނިޒާމެއް އޮންނަނަމަ ދުވާލަކު ހާދަ ގިނަ ރިކޯޑެއް ހަދާނެއޭ.
އަބްޑޫޅް
18 January 2022
އައުދިއްލީ އަށް އާގުބޯޓު ފުނިޖަހާނެ ގޮތެއް މަށަކަށް ނޭގެ. އައުދިއްލީ އަކީ ބިމުން ބެދިފަ އޮންނަ، އެއްގަމުގެ ރަށެއް. އައުދިއްލީ އާއި އެންމެ ގާތުން އޮންނަ ބަނދަރަކީ، މައިރާސްތުރައިގަ އޮންނަ، ނަހާވާށޭވާގެ ބަނދަރު. އެތަނުން ފުރައިގެން އައުދިއްލީއަށް، އާގުބޯޓުތަކަށް ދަތުރުކުރެވޭނީ 394 ކޭލޯމިތުރަށް އެއްގަމުގައި ދުއްވައިގެން. އެއްގަމުގައި އާގުބޯޓު ދުއްވާ އުކުޅެއް ޑުރެކިއުލާއަށް އެގެނީތަ؟
ބޮޑުމީހާ
17 January 2022
ވިސްނުންތެރި ލީޑަރުންގެ ހިކްމަތްތެރިކަން ތި ފެންނަނީ، މި ސަރުކާރުން ޖަޒީރާ ރާއްޖެއޭ ކިޔައިގެން ދިވެހިން އަވާގައި ޖައްސާފަ އިންޑިއާއަށް ގައުމު ވިއްކައިފި. ޖަޒީރާ ކިޔާ މީހުން އަދި އުޅެނީވެސް ޔޫރޮޕްގަ
ދޯދި
17 January 2022
މާލޭގެ ތަނަކަށް އާ މޮހޮރެއް ޖަހާއިރަށް އައްޑޫ ބޭފުޅުން ކޮން ކޯފާފުޅެއްތޯ ތި ވަނީ! ބަލަ މިގައުމަކު ނެތް ނަސްލީ އިމްތިޔާޒެއް. ތިހިސާބަށްވެސް ތަރައްގީދާނޭ ވަގުތުކޮޅެއް ނަގަނީއޭ! ގައުމުގެ ވެރިކަންކުރާ ރަށް ކޮންމެތަނެއްގައިވެސް ރީތިވާނެ، ރީތި ކުރަންވެސް ޖެހޭނެ. ކުށްހީއެއްގަ ނުއުޅުއްވާ، މާއަވަހަށް މީހާ މުސްކުޅިވެދާނެ.
ރުނޑ ދޯދި.
17 January 2022
ކަލޭމެންނަކީ ތިކަހަލަ ބައެއްކަން އަހަރުމެނަށް އިގޭ. ބަލަ ތިޔަ މުޤައްގަސް ރަށްކޮޅަށް މޮހޮރު ޖަހާތީ އެކަމާއި ޙަސަދަވެރިވެގެނެއްނޫން އަހަރުމެން މިއުޅެނީ. އަހަރުމެން މިދައްކާ ވާހަކަ އަކީ ކަލޭމެން ތިތިބީ ތުރާކުނުން އައްޑުއަށް ހިމެނޭ އެތައް ލައްކަ ރައްޔިތުންގެ ޙައްޤުގެ މައްޗަށް ވެރިވެގެންނޭ. އެކަން ދޫކޮށް އެމީހުންގެ ޙައްޤު އެމީހުނަށް ދޭށޭ. އެގިއްޖެތަ ؟
ހެހެހ
17 January 2022
އާރަންވޭގަ ޖެޓުތަށް ޕާކިކުރާތާ 2 ހަފުތާވަނީ… އަސްލު ހަބަރަކީ އެންމެ ޕީކުނިމި ދެން ރަންވޭގާ ޕާކުނުކުރާނެ.. އެހެން ބުނުން.. މިހާރު ޕީކުނިމިއްޖެ. ނިއުއިޔާ ނިމިއްޖެ….
ބޭރުވެލާ
17 January 2022
ޖެޓްތައް ގިނަވެ އާރަންވޭގެ ވާހަަކަ އަޑު އިވުމުން ހިތަށް ތަސައްލީއެއް ލިބިދާނެ! އެކަމަކު ހަގީގަތަކީ އަބަދުވެސް ހުރިހާ ތަރައްގީއާ ތަމައްދުން ގެންނަ ތަނަކަށް ހަމައެކަނި މާލެ ވެފައި އޮތުމެވެ. ނަތީޖާއަކަށްވީ ރާއްޖޭގެ ރައްޔިތުން މެދުގައި ތަފާތުކުރުމުގެ ސަގާފަތެއް ފެށުނީ...މާލޭމީހުން ދެކެނީ ދެން ތިބެނީ އެމީހުންގެ އަޅުންގެ ގޮތުގައި ނޫނީ ދެރަ ނިކަމެތި ބައެއް ގޮތުގައި...
އޮނަރަބްލް އަފީފު ދީދީ.
17 January 2022
ޙަބަރުގެ އުފާވެރިކަން އޮތީ މުޤައްދަސް ރަށްކޮޅުގެ ބިންވެރިންނަށް. މާލޭ ސަރުކާރުގެ އެއްރަށްދައުލަތް ސިޔާސަތާއި ހީލަތްތެރި މަކަރުވެރި ޕޮލިސީގެ ދަށުން ތުރާކުނުން އައްޑުއަށް ހިމެނޭ ރަށްތަކުގެ ރައްޔިތުން "ކުލީ އަޅުންގެ ގޮތުގައި" މާލެއަށް ޖަމާކުރުމުގެ ނުމައި މަޤުސަދަށްޓަކާ ހަނިމާދުއާއި އައްޑޫ ގޭންއެއަރޕޯޓްގައި ބޮޑުތަޅު އަޅުވައިގެންތިބެ ހަދާ ތިޔަ ރެކޯޑް ތަކަކީ ފުޙުރެއްގެ ބަދަލުގައި ނަސްލީ ތަފާތުކުރުން ބޮޑު ލަދުވެތި އަމަލެއްނޫންތޯ؟