މެޗުގެ އެންމެ ފަހު ސިކުންތުކޮޅު ތެރޭ ޔުނައިޓެޑުން ލަނޑު ޖެހުމަށް ފަހު ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
22 ޖެނުއަރީ 2022 - 22:43
މެންޗެސްޓާ (ޖެނުއަރީ 22) - މެޗުގެ އެންމެ ފަހު މިނިޓުގައި ލަނޑު ޖަހައި ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން އިނގިރޭސި ޕްރިމިއާ ލީގުގެ ހަތަރު ވަނައަށް ޖެހިލައިފި އެވެ.
އޯލްޑް ޓްރަފޯޑުގައި ކުޅުނު މި މެޗަށް ޔުނައިޓެޑުގެ ކޯޗު ރަންގްނިކް ވަނީ އެ ޓީމުގެ ކެޕްޓަން ހެރީ މެގުއާ އަލުން ފުރަތަމަ 11 ގައި ހިމަނައިފަ އެވެ. ޑިސެމްބަރު މަހު އަނިޔާ ވެގެން ކުޅުމާ ދުރުގައި ހުރި ވެސްޓް ހޭމްގެ ކާޓް ޒޫމާ ވެސް އަލުން ކުޅެން ނުކުތްއިރު، އެންމެ ފަހުން އެ ޓީމު ކުޅުނު ދެ މެޗު ވެސް ކޮވިޑުގެ ސަބަބުން ގެއްލުނު މިޑްފީލްޑަރު ތޯމަސް ސޫޗެކް ވެސް ވަނީ ސްޓާޓް ކޮށްފަ އެވެ. ވެސްޓް ހޭމްގެ ކީޕަރު ލޫކަސް ފަބިއަންސްކީގެ ބަދަލުގައި މިރޭ އެޓީމުގެ ގޯލު ބެލެހެއްޓީ ޕީއެސްޖީން ލޯނު އުސޫލުން އެ ޓީމަށް މި ސީޒަނުގައި ގެނައި އަލްފޮންސް އެރިއޯލާ އެވެ. މިއީ އޭނާ ވެސްޓް ހޭމް އަށް ލީގުގައި ކުޅެދިން ފުރަތަމަ މެޗެވެ.
ޔުނައިޓެޑުން ފުރަތަމަ ހާފުގައި ވެސްޓް ހޭމް ކޮޅަށް ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް އެއިން އެއްވެސް ހަމަލާއެއް ގޯލާ އަމާޒުވާގޮތެއް ނުވި އެވެ. ގޯލާ އަމާޒު ކޮށް މެޗުގައި ޔުނައިޓެޑުން ގޮނުވާލި ފުރަތަމަ ހަމަލާ ފޮނުވާލީ ދެވަނަ ހާފު ފެށިގެން އެޓީމުގެ މިޑްފީލްޑަރު ފްރެޑް އެވެ. ނަމަވެސް ހުސްކޮށް ހުރި ފްރެޑް އަށް ބޯޅަ ލިބުމުން އޭނާ ފޮނުވާލި ހަމަލާ ކީޕަރު އެރިއޯލާ ވަނީ ހުޝިޔާރު ކަމާ އެކު ދިފާއުކޮށްފަ އެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން ވެސްޓް ހޭމްގެ ޖަރޯޑް ބޯވެން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.
މެޗުގެ 90 ވަނަ މިނިޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ޔުނައިޓެޑަށް ލީޑު ނަގަން ރަނގަޅު ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާގައި ބާރެއް ނެތެވެ. ކީޕަރު ވަނީ އެބޯޅަ ފަސޭހަ ކަމާއެކު ހިފަހައްޓައިފަ އެވެ.
ރަޝްފޯޑް (މ) ޔުނައިޓެޑް މޮޅު ކޮށްދިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ނަމަވެސް ރޮނާލްޑޯ އާއި އެންތަނީ މާޝިއަލް އާއި އެޑިންސަން ކަވާނީ ވެގެން ތަނަވަސްކުރި ފުރުސަތެއްގައި ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ވެސް ފަހު މިނިޓުގައި ޔުނައިޓެޑު މޮޅުވި ލަނޑު ޖަހައިދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން ނުކުތް މާކަސް ރަޝްފޯޑެވެ. ކަވާނީ ހަނި އޭންގަލުން ގޯލު ކުރިމައްޗަށް ތިރިތިރިން ހުރަސް ކޮށްލި ބޯޅަ ރަޝްފޯޑް ވަނީ ފަސޭހަ ކަމާ އެކު ގޯލުތެރަށް ފޮނުވާލައިފަ އެވެ.
މި ނަތީޖާއާއެކު ޔުނައިޓެޑް ޓޭބަލްގެ ހަތަރު ވަނައިގައި އޮތީ 22 މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ. މި މެޗުގެ ކުރިން ހަތަރު ވަނައިގައި އޮތް ވެސްޓް ހޭމް އޮތީ ޔުނައިޓެޑަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން އެއް ޕޮއިންޓް މަދުން ޓޭބަލްގެ ފަސްވަނައިގަ އެވެ. ޔުނައިޓެޑާއި ތިންވަނައިގައި އޮތް ޗެލްސީއާ ދެމެދު މިވަގުތު އޮތީ ހަ ޕޮއިންޓުގެ ތަފާތެވެ. ޗެލްސީ ވަނީ ޔުނައިޓެޑަށް ވުރެ އެއް މެޗު އިތުރަށް؛ 23 މެޗު ކުޅެފަ އެވެ.
މިރޭ އެވަޓަންގެ ދަނޑުގައި އެސްޓަން ވިލާ މޮޅުވީ 1-0 އިންނެވެ. އެވަޓަންގެ ހަތުރުން ކަމަށްވާ ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވަން ޖެރާޑުގެ އިރުޝާދުގެ ދަށުން ކުޅުނު އެސްޓަން ވިލާގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލޫކަސް ޑީނޭ ނަގައިދިން ކޯނަރަކުން ޖަހައިދިނީ އެމިލިއާނޯ ބުއެންޑިއާ އެވެ. ޑީނޭ އަކީ އެވަޓަން އިން މި ޓަރާންސްފާ ބާޒާރުގައި އެސްޓަން ވިލާ އަށް ވިއްކާލި ކުޅުންތެރިއެކެވެ.
އެސްޓަން ވިލާ އިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ބުއެންޑިއާ ޖެހި ގޯލަށް ފަހު އެސްޓަން ވިލާގެ ކުޅުންތެރިން އުފާފާޅުކުރި ވަގުތު، އެވަޓަންގެ ސަޕޯޓަރުން އެއްލި ޕްލާސްޓިކު ފުޅިއަކުން ޖެހި އެވަޓަންގެ ޑީނޭ އާއި މެޓީ ކޭޝް އަށް ވަނީ ހާނިއްކަ ވެފަ އެވެ.
މި ސީޒަނުގައި އެވަޓަންއާ ހަވާލުވި ކުރީގެ ލިވަޕޫލްގެ ކޯޗު ރަފައޭލއ ބެނިތޭޒް މަގާމުން ވަކި ކުރުމަށް ފަހު އެޓީމުން ދާއިމީ ކޯޗެއް ހޯދި ނަމަވެސް އެކަން ކާމިޔާބު ނުވުމުން ޓީމަށް މިއަދު އިރުޝާދު ދިނީ އެސިސްޓެންޓް މެނޭޖަރު ޑަންކަން ފާގަސަން އެވެ.
މިއީ ލީގުގައި އެވަޓަން އެންމެ ފަހުން ކުޅުނު 14 މެޗުން އެޓީމު ބަލިވި 10 ވަނަ މެޗެވެ. އެޓީމު މިވަގުތު އޮތީ ރެލިގޭޝަން ޒޯނަށް ވުރެ ފަސް ޕޮއިންޓް ކުރީގައި، ތާވަލުގެ 16 ވަނައިގަ އެވެ.
ޕްރިމިއާ ލީގުގައި މިރޭ ނިއުކާސަލް ޔުނައިޓެޑުން ވެސް ވަނީ ރަށުން ބޭރުގައި ލީޑްސް ޔުނައިޓެޑާ ވާދަކޮށް 1-0 އިން މެޗު ކާމިޔާބު ކޮށް 18 ވަނައަށް ޖެހިލައިފަ އެވެ. ނިއުކާސަލްގެ ހަމައެކަނި ލަނޑު 75 ވަނަ މިނިޓުގައި ޖަހައިދިނީ ޖޮންޖޯ ޝެލްވީ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
23 January 2022
ދިވެހިރާއްޖޭގެ ފަޙުރުވެރި މެންޔޫ ފޭނުންނަށް ވަރަށް ބޮޑަށް މަރުހަބާ.މަރުހަބާ ސުޒޭން. #ޗެސްޓާ #އިޓްސްއަގޯލް #ވެއާއިޒްއޮފްސައިޑް