ދުނިޔެ / ހަލަބް ސިޓީ

ހަލަބް: ވަރުގަދަ ސިޓީ "ނަރަކަޔަކަށް"

އެއް އިރެއްގައި ސީރިޔާގެ އެންމެ ތަރައްގީ ސިޓީ މިއަދު ވަނީ ބިމާ ހަމަވެފައި

17 ޑިސެމްބަރ 2016 - 12:43

6 comments

އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫން، އިއްޔެ ނިއު ޔޯކްގައި ވިދާޅުވީ "މިހާރު ހަލަބަކީ ނަރަކަޔާ އެއްފަދަ ލަފުޒެއް" ކަމަށެވެ. އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވާ ގޮތުގައި ސީރިޔާގެ ރައީސް ބައްޝާރުލް އަސަދާއި ރަޝިޔާ އަދި އީރާނުން ހަލަބްގައި އެ ހިންގާލީ ގަތުލުއާންމެކެވެ.

މިއީ ހުސް ލަފުޒުތަކެކެވެ. ހަލަބްގައި އަނިޔާވެރިކަން ހައްދުން ނެއްޓި، އާންމުން މަރަމުން ދިޔަ އިރު ދުނިޔެ މި އޮތީ ބަލާށެވެ. އެންމެ ކުޑަވެގެން އެ ސަހަރުން އާންމުންނާއި، ޒަހަމްވި މީހުން ބާލަން ފެށި މަސައްކަތް ވެސް، ކޮންމެވެސް އުޒުރެއް ދައްކާފައި، މިހާރު އެ ވަނީ ހުއްޓާލައިފަ އެވެ.

ހަލަބްގައި ހިނގާ ދިޔަ އަނިޔާވެރި، އިންސާނިއްޔަތާ ޚިލާފު ލޭއޮހޮރުވުމަކީ ބޮސްނިޔާ ހަނގުރާމަ އާއި ރުވާންޑާގައި ހިންގި ގަތުލު އާންމާ އެއް ފަދަ ކަމެއް ކަމަށް، އެތައް ބަޔަކު ސިފަކުރެ އެވެ. އެކަމަކު އަސްކަރީ ގޮތުން ދުނިޔޭގެ އެންމެ ބާރުގަދަ އެއް ގައުމު، ރަޝިޔާ އިން "ލޯ މަރާލާފައި" ދޭ އެހީތެރިކަމާ އެކު ސީރިޔާ ސަރުކާރު ސިފައިންނާއި އީރާނާޢި އިރާގަށް ނިސްބަތްވާ ޝީއީ ހަނގުރާމަވެރިންނާއި ޝީއީންގެ ހިޒުބުﷲ ޖަމާއަތުގެ ހަނގުރާމަވެރިން ހަލަބު ތަޅާސުންނާފަތިކޮށްލި އިރު ވެސް ދުނިޔެ އޮތީ ހިމޭނުންނެވެ.

ރައީސް އަސަދު ގަބޫލުކުރެއްވި ގޮތް މި އޮތީ ސާބިތުވެފަ އެވެ؛ އަނިޔާވެރިކަން އިސްކޮށް، އަމިއްލަ ރައްޔިތުންގެ ލޭ އޮހޮރުވާ ލިޔަސް، އޭނާއާ ދެކޮޅަށް ދުނިޔެ އަށް އެޅޭނެ މާ ބޮޑު ފިޔަވަޅެއް ނެތް ކަމެވެ. ރަޝިޔާގެ ހަނގުރާމަމަތީ ބޯޓުފަހަރުން އަޅާލާ ބޮންތަކާ އެކު ބިމާ ހަމަވި އިމާރާތްތަކުގެ ދަށުގައި ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންގެ އެތައް ބަޔަކު ވަޅުލެވިއްޖެ އެވެ. އެންމެ ފަހު ދުވަސްތަކުގައި، ގޮތެއް ފޮތެއް ނެތި އާންމުންގެ ގަޔަށް ބަޑިޖަހައި ސީރިޔާ ސިފައިންނާއި އަސަދުގެ މަދަދުގާރުން ގަތުލުއާންމެއް ހިންގިކަން، އެމެރިކާ އާއި އދ. ވެސް ގަބޫލުކުރެ އެވެ.

އެންމެން ތިބީ ކުޅިބަލަން

"މި ހަމަނުޖެހުން އެހާ ހިސާބަށް ދިޔަ އިރު ވެސް ކަމެއް ނުކޮށް އެންމެން ވެސް ތިބީ ބަލަން،" ކާނެގީ މިޑްލް އީސްޓް ސެންޓަރުގެ މާހާ ޔަހުޔާ، "ނިއު ޔޯކް ޓައިމްސް" އަށް، ވިދާޅުވި އެވެ.

"ކުލުނެއް ނެތި އާންމުން ގަތުލުކުރަމުން ދިޔަ އިރު ވެސް ކުރެވުނު ކަމަކީ ޓްވީޓެއް ކޮށްލުން، ދެން ޕެޓިޝަންތަކުގައި ސޮއިކުރުން."

ސީރިޔާ ހަނގުރާމައިން ސާބިތުކޮށްދެނީ، ކުށެއް ނެތް އާންމު ރައްޔިތުންގެ ލޭ އޮހޮރުވާލާ އިރު އެކަމާ ދެކޮޅަށް ހުރިހާ ފަހަރަކު ދުނިޔެ ނުތެދުވާ ކަމެވެ. ރުވާންޑާގައި އެތައް ލައްކަ ބަޔަކު ގަތުލުކުރީ، މިހާރު މި އޮތް ކުރިއަރާފައިވާ މީޑިއާގެ ޒަމާނަކު ނޫނެވެ. އޭރު ފޮޓޯ އާއި ވީޑިއޯ ލިބެނީ، ގިނަ ފަހަރަށް، ކަން ހިނގާ ނިމުމުންނެވެ. އެކަމަކު، ނިއު ޔޯކް ޓައިމްސްގައި ލިއެފައިވާ ފަދައިން، ސީރިޔާގެ ހަނގުރާމަ އަކީ އިންސާނީ ތާރީޚުގައި އެންމެ ތަފްސީލުކޮށް ޑޮކިއުމެންޓްކުރި، ވަގުތުން ވަގުތަށް ހުރިހާ ކަމެއް އެނގުނު ލޭ އޮހޮރުވުމެވެ. އެހެންކަމުން ބޮސްނިޔާ އާއި ރުވަންޑާއާ އެއް ފަދައަކުން ސީރިޔާގެ އަނިޔާވެރިކަން ބެލޭނެ ގޮތެއް ނެތެވެ.

ދުނިޔޭގެ ބާރުގަދަ ގައުމުތައް، ހައްލެއް ނުހޯދާ ހަމަ ތިބީ އެވެ.

ހަތަރު އަހަރު ކުރިން ސީރިޔާގައި ފެށި ހަމަނުޖެހުންތަކުގައި، ހަލަބަކީ، ރައީސް އަސަދާ ދެކޮޅު ސުންނީ ހަނގުރާމަވެރިންގެ މައި ސަހަރެވެ. ސީރިޔާގެ އެންމެ ބޮޑު ސިޓީ އަދި ވިޔަފާރީގެ މައުކަޒުގެ ގޮތުގައި އޮތް ހަލަބްގެ ބޮޑު ބައެއް އެ ހަނގުރާމަވެރިން ކޮންޓްރޯލްކުރި އެވެ. އެކަމަކު އަސަދުގެ ސިފައިންނާއި ރަޝިޔާގެ ވަރުގަދަ ހަމަލާތަކާ އެކު ހަލަބް ހިސޯރުކޮށް، ދޮރުތައް ބަންދުކުރި އިރު، ސުންނީ ހަނގުރާމަވެރިންނަށް އެކަށީގެންވާ މަދަދެއް ނުލިބެ އެވެ.

ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ހަލަބް ހިފުމާ އެކު އަސަދާ ދެކޮޅަށް ސިޔާސީ ގޮތުން ދެން ޕްރެޝަރުކުރާނެ ސީރިޔާގެ ނުފޫޒު ގަދަ އިދިކޮޅު ބަޔަކު ނުތިބޭނެ އެވެ. އަސަދުގެ ރޭވުން އޭނާ ބޭނުންވާ ގޮތަށް އެ އޮތީ ނިންމާފަ އެވެ.

"ނަފުސާނީ ގޮތުން ބަލަންޏާ އަސަދުގެ މައްޗަށް ބާރު ހިންގޭނެ އިދިކޮޅު ފަރާތެއް މިހާރަކު ނެތް،" ވޮޝިންޓަންގައި ހުންނަ ތަހުރީރު އިންސްޓިޓިއުޓް ފޯ މިޑްލް އީސްޓް ޕޮލިސީގެ ހަސަން ހަސަން ވިދާޅުވި އެވެ.

"އަސަދުގެ ފޮތުން އެ ބުނެދެނީ އަމިއްލަ ރައްޔިތުން ފުނޑުނޑުކޮށްލާށޭ، އަމިއްލަ ސިޓީތައް ސުންނާފަތިކޮށްލާށޭ، ވިހަ ހަތިޔާރު ބޭނުންކުރާށޭ، ހައްދުފަހަނައަޅާފައިވާ މީހުން އުފައްދާށޭ، ދެން ބައިނަލްއަގުވާމީ ފަރާތްތަކުން ބަލަން ތިބޭށޭ ހަމަ އެއްވެސް ކަމެއް ނުކޮށް."

ހަނގުރާމަ ނިމުނީތަ؟ ނޫން

އެކަމަކު އަސަދުގެ ބާރުގެ ދަށަށް ހަލަބް ދިއުމަކީ ހަނގުރާމަ ނިމުމެއް ނޫނެވެ. ސީރިޔާގެ އާބާދީގެ ބޮޑު ބަޔަކީ ސުންނީ މިސްލިމުންނެވެ. އަސަދު ނިސްބަތްވެވަޑައިގަންނަވަނީ ސުންނީންނަށް ވުރެ އާބާދީގެ ގޮތުން މަދު އެކަމަކު ސީރިޔާގައި ވެރިކަން ކުރަމުން އަންނަ ޝީއީންނަށެވެ.

ސުންނީ ހަނގުރާމަވެރިންނަށް އެހީތެރިވަނީ ސައުދީ އަރަބިޔާ އާއި ގަތަރު ފަދަ ގައުމުތަކުންނެވެ. އެ ގައުމުތަކުން އަދިވެސް އޮތީ އެހީތެރިކަން ދޭ ގޮތަށެވެ. ރަޝިޔާގެ އިތުރުން އަސަދަށް އެހީވަނީ ޝީއީންގެ ބާރު ގަދަ އިރާގާއި އީރާނުގެ ޝީއީ ހަނގުރާމަވެރިންނެވެ. އެހެންކަމުން ސީރިޔާ ހަނގުރާމަ ކުރިއަށް މި ދަނީ ދީނީ ބައިބައިވުމެއްގެ ތެރޭގަ އެވެ.

މިއަދު ހަލަބުން ފެންނަނީ ހަނގުރާމައިގެ ލަކުނުތަކެވެ. ރަނގަޅަށް ހުރި އެންމެ އިމާރާތެއް ވެސް ނެތެވެ. އެއް ބަޔަކު އަނެއް ބަޔަކު މަރަމުން ދިޔައީ ހަމްދަރުދީއެއް ނެތި އެވެ. އެއް އިރެއްގައި ސީރިޔާގެ އެންމެ ތަރައްގީ ސިޓީ އަކީ މިހާރު ލޭގެ ކޯރެކެވެ. އެތައް ހާސް ރައްޔިތުން އެ ތަން ދޫކޮށް އެ ދަނީ އަލުން އެނބުރި އާދެވޭނެ ކަމުގެ އުއްމީދެއް ނެތި އެވެ. އަމިއްލަ ވަޒަނުން، އަމިއްލަ އިޚުތިޔާރުގައި ބޭރުވީކީ ނޫނެވެ. "ނަރަކަޔަށް" ހެދުމަށް ފަހު ބާރުކުރުވީ އެވެ.

6 ކޮމެންޓް, 92 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 95%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޚިޔާލް123

18 December 2016

މިއީ އެދުން ވެރިކަން ހައްދުފަހަނައަޅައިފައިވާ ވެރިއަކާ އެދުން ވެރިކަން ހައްދުފަހަނަ އަޅައިފައިވާ ރައްޔިތުންގެ ގޮތް ދޫނުކުރުމުގެ ނަތީޖާ އެވެ.

The name is already taken The name is available. Register?

ވިސްނާ

17 December 2016

ވަރަށްވެސް އަސަރުގަދަ ފުރިހަމަ ލިއުމެެއް. މިފަދަ ލިއުންތަށް ގިނައިން ގެނެސްދޭނެކަމަށް އުންމީދުކުރަން..މުސްލިމުންގެތެރެއިން ހާލުގައިގެހިފައިވާމީހުންށް ހެޔޮދުއާ ކޮށްދެއްވާ.

The name is already taken The name is available. Register?

ޔެމެނީ

17 December 2016

ޔެމަނަށް ސުއޫދު އާއިލާއިން ބޮންއަޅާ ޔަމަނުގެ ކަނޑުގެ ސަރަހައްދު ހިސާރުކޮށް މުދާއެތެރެ ކުރުން ހުއްޓުވާ ޔަމަނުގެ ރައްޔިތުން ބަނޑައްޖައްސާ ހެދުމަކީ ދުނިޔޭގެ މީޑިއާވެސް އަދި މުސްލިމުންނަށްވެސް ބޮޑުކަމަކަށް ނުވަނީ އެއީ ޔަމަނުގެ ކުދިން ހަންކަޅުވެފާ ސީރިއާ ކުދިންހާ ފޮޓޯޖެނިކް ނިވީމަބާ!؟

The name is already taken The name is available. Register?

ފަޤީރުކަލޯ!

17 December 2016

ކިތަންމެ ޢަޒާބު ބޮޑުވިއަސް ނަރަކައިގާ މީހުން މަރު ނުވާނެކަން އެނގިފައިވަނީ އެހެންވީމާ މިސާލު ޖެހުމުގައިވެސް ތިމާމެންގެ ފެންވަރުން މިސާލު ޖެހުން ރަނގަޅުވާނެކަމަށް ފެންނަނީ!

The name is already taken The name is available. Register?

އާސިފް

17 December 2016

މި ކަމުގަ ބައްޝާރު ނޫން ގޯސް ކުރަންވީ ބައްޝާރަކީ ރައްޔިތުން އިސްކޮއްފަ ހުރި ރައީސެއް އެރައީސް ކަމުނުގޮސްގެން އެމެރިކާ، ސައުދީއަރަބިޔާ، އިގިރޭސިވިލާތް އަދި މިނޫނުސް ބޮޑެތި ގައިމުތަކުރން ސީރިޔާގައި ފިތުނަ އުފެއްދުމަށް ސީރުޔާގެ އިދިކޮޅުމީހުންނަށް ހަތިޔާރުދީ ސީރިޔާގައި ހަނގުރާމަ ފެއްޓުވީ އެމެރިކާ އަދި ސައުދީއަރަބިއްޔާ ހީކުރީ އިރާގާއި، ލީބިޔާ ގޮތަށް ސީރިޔާ ވެސް ވާނެކަމަށް އެކަމު އެހެނެއް ނޫންވީ. އެހެންކަމުން މިކަމުގަ ކުއްވެރި ކުރަންވީ ބައްޝާރެއްނޫން އިދިކޮޅު މީހުނަނަށް ހިތިޔާރުދީ ހަނގުރާމަފެއްޓުވި މީހުން. މިއީ ހަގީގަތަކީ...

The name is already taken The name is available. Register?

ސުވަދީވް ރަދުން

17 December 2016

ހަލަބް ނަރަކަޔަށް ހެދީ ސީރިޔާގެ ރަށްޔިތުން އެދިގެން ސައުދީ އަރަބިޔާ، ގަތަރާ ،ތުރުކީ އާއި ހުޅަންގުގެ ގައުމުތަކުގެ މަދަދާ އެށްބާރުލުމާއެކު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454