ލައިފްސްޓައިލް / މީހުން

ރާދިފްގެ ވެލެންޓިއާގޯ: ހިޓުވެ، ސެޓުވެ ހުސްވި އައިނެއްގެ ވާހަކަ

ލޯކަލް ބްރޭންޑެއް ނޭނގިގެން ސޯޝަލް މީޑިއާގައި 'ގަންނަ ކަހަލަ' ޕޭޖުތަކަށް ބޯކޮށްޕަމުން ހާވަމުން އަނެއްފުށަށް ޖަހަމުން ގެންދަނީ ނަމަ، މިއޮތީ މިއަދުގެ، މިހާރުގެ ހޮވުމެކެވެ. – ރާދިފްގެ ސަޅި، ނަލަ ނަލަ، ވެލެންޓިއާގޯއެވެ.

ރާދިފް އޭނާގެ އަމިއްލަ ބްރޭންޑް ވެލެންޓިއާގޯގެ އައިނަކާއެކު.

ރާދިފް ރަޝީދުގެ ހަޔާތުގައި އައިނު ނާޅާ ހަނދާނެއް އޭނާގެ ނެތެވެ. އެކަމަކު އެންމެ ބޭނުންވި ކަހަލަ އައިނެއް ނޫނެވެ. ޝޯޓް ސައިޓެޑްނެސް ހުންނާތީ ވަރަށް ކުޑައިރުން ފެށިގެން ވެސް އޭނާގެ އެންމެ ގާތް އެއް 'އެކުވެރިޔަކީ' ނަމްބަރު އައިނެވެ. ސްޓައިލިޝް އަވިއައިނު ކިތަންމެ އަޅާހިތްވިޔަސް އެ އުފަލުގެ މަންޒަރު އޭނާގެ ކުރިމަތީގައި އޮތީ އަބަދުވެސް ފުސްކޮށް، ކުޑަކޮށް ނުސާފުކޮށެވެ. އޭނާގެ އެ ނަމްބަރު އައިނު 'ސްޓައިލިޝް' ފަރުމާއަކަށް ކޮށައި މަށައިލުމުގެ ދަތުރު ފެށުނު ގޮތަކީ މިއެވެ. އޭގެ ބަރާބަރު 12 އަހަރު ފަހުން 28 އަހަރުގެ މި ޒުވާނާ މިއަދު އަޅަނީ އެންމެނަށް ވެސް ސަޅި އައިނެކެވެ. ވަކިން ހާއްސަކޮށް އޭނާ އެންމެ ބޭނުންވި ކަހަލަ އައިނެކެވެ. ނުވަތަ އެހެން ނަމަކުން، ވަރަށް ކުރުކޮށް މި ހާލަތު ސިފަކޮށްދޭ ނަމަ، 'ވެލެންޓިއާގޯ' އެކެވެ. – އަމިއްލަ އަށް އަޅާނެ 'ސަޅި' އައިނެއް ފަރުމާކުރުމުގެ ދިގު ދަތުރުގައި މީގެ އަހަރެއްހާ ދުވަސް ކުރިން އޭނާ ބާޒާރަށް ނެރެ، ވަގުތުން ހިޓަކަށް ބަދަލުވެފައިވާ އޭނާގެ އަމިއްލަ އަވިއައިނު ބްރޭންޑެވެ.

އަލި--ފާނެވެ!

ކޮންމެ ދުވަހަކު މިކަހަލަ ވާހަކައެއް ކިޔާލަން ނުލިބިދާނެ އެވެ. މިހައި ޕެޝަނޭޓު ދިވެއްސަކާ ބައްދަލު ނުވެދާނެ އެވެ. އަދި މި ކަހަލަ ދިވެހި އުފެއްދުމެއް އަމުދަކުން 'އަޅާލަން' ނުވެސް ލިބިދާނެ އެވެ.

އެކަމަކު ހޭދަކުރާނެ އަވިއައިނެއް، ލޯކަލް ބްރޭންޑެއް ނޭނގިގެން ސޯޝަލް މީޑިއާގައި 'ގަންނަ ކަހަލަ' ޕޭޖުތަކަށް ބޯކޮށްޕަމުން ހާވަމުން އަނެއް ފުށަށް ޖަހަމުން ގެންދަނީ ނަމަ، މިއޮތީ މިއަދުގެ، މިހާރުގެ ހޮވުމެކެވެ. – ރާދިފްގެ ސަޅި، ނަލަ ނަލަ، ވެލެންޓިއާގޯ އެވެ.

ވެލެންޓިއާގޯ ހެރިޓޭޖު ކަލެކްޝަން

'ހެރިޓޭޖު ކަލެކްޝަން'ގެ ނަމުގައި އޭނާގެ މި ބްރޭންޑުން ވަނީ މިހާތަނަށް ހަތަރު ޑިޒައިނެއްގެ އައިނު ބާޒާރަށް ނެރެފައެވެ. އެއީ އެންޒޯ އާއި ފެރޯނާ އަދި ނިކްސް އާއި ޒާގެ ނަން ދީފައިވާ އަވިއައިނެވެ. ރީތިވެފައި ތަފާތީ ނަމަކުން އެކަންޏެއް ނޫނެވެ.

އެކަމަކު އެންމެ ތަފާތީ، ވިކި ހުސްވަމުންދާ މި ހިތްގައިމު އުފެއްދުމުގެ ފަހަތުގައި ހުރި މި ޒުވާން ރާދިފެވެ.

ހިތާއި ބޮލާއި ލޮލަށް، އެންމެ ފަހުގެ "ފެޝަނާއި ޝޭޑުތައް" އެޅިފައިވިޔަސް ރާދިފަކީ އޭނާގެ ރަސްމީ ވަޒީފާގައި އަދި މުޅިން އެހެން ކެރެކްޓާއެކެވެ. އޭނާ އަކީ އެއާކްރާފްޓް އިންޖިނިއަރެކެވެ. ގާތްގަނޑަކަށް ދުވާލުގެ 12 ގަޑިއިރު އޭނާ މަސައްކަތްކުރަނީ އައިލެންޑް އެވިއޭޝަން ސާވިސްގައި އެއާކްރާފްޓް އިންޖިނިއަރަކަށެވެ.

"އެއާކްރާފްޓް އިންޖިނިއަރިން އަކީ އަޅުގަނޑުގެ ސީރިއަސް، އަދި ކުރިއަށް ދާން ބޭނުންވާ ދާއިރާ. މިއީ ލިބޭ އޮފް ޓައިމްތަކުގައި ކޮށްލާ ކަމެއް. އެގޮތަށް ލިބޭ ހުރިހާ ހުސްވަގުތަކު ކުރާ ކަމަކީ މިއީ. ހޮބީއަކަށް ކޮށްލާ ކަމެއް މިއީ،" ރާދިފު ކިޔައިދިނެވެ.

"އެކަމަކު ވަރަށް ކުރާހިތުން މިކަން މި ކުރަނީ މިހާރު."

އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. އޭނާގެ މި އުފެއްދުން ނޫކަށިފުރައިގެ ދިވެހިންގެ ފެވަރިޓަކަށް ބަދަލުވެފައިވާއިރު 'އެންޒޯ' ގެ ސްޓޮކް ހުސްވެއްޖެއެވެ. 'ޒާ' ވެސް ހުސްކޮށްލައިފިއެވެ. 'ފެރޯނާ' ވެސް މީހުން އައިސް ކޮންމެ ދުވަހަކު އެތިބަ ގެންދަނީއެވެ. އައިނެއް، 2،500ރ އާއި 2،300ރ. ގެ ރޭޓުގައި ވިކި ހުސްވަނީއެވެ. – އަނެއްކޮޅުން، މުޅިން އާ ކަލެކްޝަނަކަށް ރާދިފް އެހެރީ ފޫގަޅައިގެންނެވެ.

އެކަމަކު އޭގެ ކުރިން އޭނާ ކިޔައި ދިނީ 'ވެލެންޓިއާގޯ' ވެލެންޓިއާގޯއަކަށްވީ ގޮތެވެ.

"ވެލެންޓިއާގޯ މި ނަމަކީ ހަމަ އެއްދުވަހަކު އެހެން ހުރެފައި ބޮލަށް އައި ނަމެއް. އެކި ނަންތައް ހިތަށް އަރުވަމުން ދަނިކޮށް މާ ބޮޑަށް ރީތިވި ނަމެއް މިއީ. ހަމަ އަމިއްލަ އަށް ދެން ހަދާލި ނަމެއް މިއީ،" ރާދިފް ބުންޏެވެ.

"މި ނަމަކީ ހޯދައި ދިރާސާކޮށްގެން ދިން ނަމެއް ވެސް ނޫން. މިއީ ހަމަ ސްކްރެޗުން އަމިއްލަ އަށް ހަދައިގެން ކިޔާލި ނަމެއް."

"ރައްޓެހިންނާ އެކު ކޮފީތަކަށް ގޮސް އެކި އެއްޗެހި ކިޔަމުން، އެކި ނަންތައް ކިޔަމުން ގޮސް ވެލެންޓިއާގޯއޭ ކީމަ ވަރަށް ރީތިވެއްޖެ އެ ނަން ކޮންމެއަކަސް އަޅުގަނޑަށް. ކިޔާލަން ވެސް ތަންކޮޅެއް ފަސޭހަ ނަމެއްވީމަ އެހިސާބުން މި ނަމަށް ސެޓުކޮށްލީ."

ވެލެންޓިއާގޯ ހެރިޓޭޖު ކަލެކްޝަން

'ވެލެންޓިއާގޯ' ގެ އައިނުތަކަށް ވެސް ވީ ހަމަ މިކަހަލަ ގޮތެކެވެ. އަނެއްކާވެސް ރާދިފް ކިޔައިދިނެވެ.

"ވާގޮތަކީ މާލެއިން ސަޅި އައިނެއް ހޯދަން ބެލިޔަސް، ވަރަށް އަގުބޮޑު. އަނެއްކޮޅުން ނަމްބަރު އައިނު އަޅާތީ ކޮންމެ ކޮންމެ ކަހަލަ އައިނެއް އަޅުގަނޑަކަށް ނޭޅޭ. އަދި ސަޅި އައިނަކަށް ނަމްބަރު ލައްވާ ނަމަ ވަކިން އަގުބޮޑު މާލޭގައި އެކަން ކުރެވެން ހުރި ގޮތް،" ވަރަށް އިތުބާރާއެކު ރާދިފު ކިޔައިދެމުންދިޔައެވެ.

"ދެން މަޑުމަޑުން އަމިއްލަ އަށް އައިނު އުފެއްދުމުގެ މަސައްކަތް ދިރާސާކުރަމުން ގޮސް ހިތަށް އެރީ އަމިއްލަ އަށް އައިނެއް ޑިޒައިންކޮށްގެން އަމިއްލަ އަށް މިކަން ކޮށްލާނީއޭ."

"ދެން ހަމަ އަމިއްލަ އަށް ޑިޒައިންކޮށްލައިގެން ނަމްބަރު ލައްވައިގެން އަމިއްލަ އަށް އެ އައިނު އަޅައިގެން ރައްޓެހިންގެ ތެރޭގައި އުޅެން ފެށީމަ އެމީހުންނާއި އެހެން މީހުންނަށް ވެސް ވަރަށް ކަމުގޮސްފި މި އައިނެއް." އަމިއްލަ މީހާގެ ހިތްހަމަޖެހުމާއި އުފަލަކަށް ކުރަހައި ފަރުމާކުރި 'އައިނު' ބްރޭންޑެއްގެ ގޮތުގައި އެންމެފަހުން ދިރިގެން އައީއެވެ.

މިހައި ހިސާބުން ވަރަށް ގިނަ މީހުން ހިތަށް އަރާނީ މިއީ ދެން 'ވެލެންޓިއާގޯ" ޕްރޮމޯޓްކުރަން ލިޔާ ލިޔުމެކޯލައެވެ. އެއްގޮތަކަށް ވެސް އެހެނެއް ނޫނެވެ. ހަމަ ސަޅީއެވެ. މަށަކަށް އެކަންޏެއް ވެސް ނޫނެވެ. އެންމެނަށް ވެސް ސަޅީއެވެ.

އަނެއް ބަޔަކު ހިތަށް އަރާނީ، މި 'ވެލެންޓިއާގޯ' އެއް ވާނީ ހަމަ 'ފޭކު-ސޭކު' އައިނުގަނޑަކަށެވެ. އެހެން ހިތަށް ނާރަންވީ ސަބަބެއް ވެސް ނެތެވެ. ދިވެހިންނަކަށް ދިވެހިން އުފައްދާ އެއްޗެއް ދުވަހަކުވެސް ކަމަކުނުދާނެއެވެ. 'ވެލެންޓިއާގޯ' އައިނު އުފައްދަން ބޭނުންކުރާ މެޓީރިއަލްސްތައް ރާދިފް ސީދާ އިޓަލީ އިން ގެންނަނީ މިހެންވެ ކަމަށް ވެސް ވެދާނެއެވެ.

އަދި އޭނާ ދޭ ޔަގީން ކަމަކީ މިއެވެ.

"މިއީ ޗީޕް ޕްލާސްޓިކެއް ނޫން. މި އައިނުތަކުގައި ބޭނުންކުރަނީ ސެލިއުލޯސް ޓްރައިއެސެޓޭޓް. މި މެޓީރިއަލްސް އަކީ ހަމަ ވަރަށް ހައި ކޮލިޓީ މެޓީރިއަލްސްތަކެއް. އިންޓަނޭޝަނަލް ބްރޭންޑްތަކާ އަޅުގަނޑުމެންގެ މި އައިނުތައް އަޅާކީދާނެ،" ރާދިފު ކިޔައިދެމުން ދިޔައެވެ.

'ވެލެންޓިއާގޯ' އައިނެއްގެ ތެރެއިން ފެންނަހާ ސާފުކޮށެވެ.

"މި އައިނުތަކުގައި އަޅުގަނޑުމެން ބޭނުންކުރަނީ ކެޓަގަރީ ތިނެއްގެ ލެންސް. އެއީ ރާއްޖޭގެ މާހައުލަށް ހަމަ އެންމެ އެކަށީގެންވާ ލެންސް ކެޓަރީ،" ރާދިފް ބުންޏެވެ.

"މިއީ ޗީޕް ޕްލާސްޓިކެއް ނޫން. މި ބްރޭންޑް މިގޮތަށް މިއަދު މި ފެންނަނީ ހަމަ އަޅުގަނޑު އަމިއްލަ އަށް ރިސަޗުކޮށް ސްޓަޑީތައް ހަދައިގެން ކުރި މަސައްކަތުން. ވަރަށް ވާނުވާ ބަލައިގެން މިކަން މި ކުރަނީ އަޅުގަނޑު."

އިތުބާރާއެކު އޭނާ ބުނަނީ ފެންވަރު ރަނގަޅު ސަޅި އައިނެއް އަޅާލަން ބޭނުންވެ އެ ހިތްހަމަޖެހުން ނުލިބޭ މީހާ އަށް 'ވެލެންޓިއާގޯ' އަކީ އެ އުފަލަށް ވާސިލުވެވިދާނެ ފާލަމެއް ކަމަށެވެ.

"ގިނަ މީހުން ބޭނުންވަނީ ތަފާތު އައިފްރޭމްސްތަކެއް. އެގޮތުން އަޅުގަނޑުމެން މި ޕްރޮމޯޓްކުރަނީ ވެސް މޮޑާން އައިވެއާ ކޮންސެޕްޓެއް. އާންމުކޮށް ރާއްޖެއިން ލިބެން ނެތް ޑިޒައިންތަކާއި ފްރޭމްތައް އެކަމަކު އެންމެން ވެސް ބޭނުންވާ ކަހަލަ ފްރޭމްތައް،" އޭނާ ކިޔައިދިނެވެ.

"އައިނެއް ގަންނަން ބޭނުންވިޔަސް ބޭނުންވާ ކަހަލަ އައިނެއް ވަރަށް ނުލިބޭ ގަނެލާކަށް ސީދާ ރާއްޖެއިން. އެހެންވީމަ އެ އައިނު ހޯދަން ކުރަން ޖެހޭ ދަތުރު ކުރުކޮށްދޭ ބްރޭންޑަކަށް ވެލެންޓިއާގޯ ހަދަން އަޅުގަނޑު ބޭނުންވަނީ"

"މާ ގޮތްބޮޑު ނުކޮށް. މިނިމަލް ޑިޒައިންތަކެއް ގެނެސްދޭން ބޭނުންވަނީ. ހިތްދަމައިގަންނަ ކަހަލަ."

ހިތްދަމައިގަތެވެ. ދަމައިގެންފިއެވެ. އެކަމުގައި ޝައްކެއް ނެތެވެ.

ވެލެންޓިއާގޯ ހެރިޓޭޖު ކަލެކްޝަން

އެކަމަކު ދެން ވެސް ދިވެހިން ވާނީ ހަމަ ދިވެހިންނަށެވެ. ނަމަވެސް ރާދިފްގެ މި އަވިއައިނާއި ބްރޭންޑް އެހެން އެތައް ސަތޭކަ ދިވެހި އުފެއްދުމަކަށް ވުރެން ތަފާތުވާ ވަރަށް މުހިންމު އެހެން ސަބަބެއް ވެސް އޭނާ ކިޔައިދިނެވެ.

"ބައެއް މީހުން ބޭނުންވާނީ އެމީހުން އަމިއްލަ އެއްޗެއް އުފެއްދިޔަސް، އެ އެއްޗެހިތައް ވިއްކާފައި އެހެން ބްރޭންޑްތަކުގެ އެއްޗެހި ބޭނުންކުރަން. އެކަމަކު އަޅުގަނޑު ބޭނުންވަނީ އަޅުގަނޑު ވެސް އަޅާ ހިތްވާ ކަހަލަ އަދި އެހެން މީހުން ވެސް އަޅާ ހިތްވާ ކަހަލަ އައިނުތަކެއް އުފައްދަން،" ރާދިފު ބުނެލިއެވެ.

"އެހެންވީމަ މިހާރު އަޅުގަނޑު ވެސް އަޅަނީ ވެލެންޓިއާގޯ."

އެއީ ތެދެކެވެ. މިއީ "އެންމެނަށް" އުފެއްދި އައިނެއް ނޫނެވެ. ރާދިފުގެ ފުސްމަންޒަރަށް އޭނާ ގެނައި ސްޓައިލިޝް ލުކަކާއި މޮޑާން ކަޓެކެވެ. އެކަމަކު އެންމެނަށް އެންމެފަހުން މި އައިނު ސަޅިވީއެވެ. ހިޓުވީއެވެ.

ވެލެންޓިއާގޯވީއެވެ. އެއްވެސް 'މާނައެއް ނެތް އައިނެއް' ހަމަ ފައްކާ ބްރޭންޑަކަށްވީއެވެ.

ހިޓުވެ، ސެޓުވެ، ހުސްވީއެވެ!

އަލި-ފާނޯއެވެ!!

26 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 37%
icon sad icon sad 7%
icon angry icon angry 0%
icon wow icon wow 7%
icon inlove icon inlove 48%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަގުބޮޑުކަން

13 February 2022

"ވާގޮތަކީ މާލެއިން ސަޅި އައިނެއް ހޯދަން ބެލިޔަސް، ވަރަށް އަގުބޮޑު. އަނެއްކޮޅުން ނަމްބަރު އައިނު އަޅާތީ ކޮންމެ ކޮންމެ ކަހަލަ އައިނެއް އަޅުގަނޑަކަށް ނޭޅޭ. އަދި ސަޅި އައިނަކަށް ނަމްބަރު ލައްވާ ނަމަ ވަކިން އަގުބޮޑު މާލޭގައި އެކަން ކުރެވެން ހުރި ގޮތް،" ވަރަށް އިތުބާރާއެކު ރާދިފު ކިޔައިދެމުންދިޔައެވެ. މިތަންކޮޅު ކިޔާފަ މި ދިޔައީ އަވަހަށް އަގުހެޔޮ ރީތިއައިނު ހުންނާނެ ކަމަށް ތިޔަ ސައިޓަށް.. ދިޔައިރު ހަމަ އެއްތާކު މި ޖެހުނީ

The name is already taken The name is available. Register?

ސަމަރޭ

09 February 2022

ގިނަ ދިވެހިންނަކީ ހާދަހާ އަވަހަކަށް ކަންކަމަށް ކޮމެންޓުކޮށް އަނެކާ ޖަޖްކޮށްލާ ބައެކެވެ... މުޅިންވެސް މި އޮންނަނީ މީހަކު ކަމެއް ފަށާއިރަށް އޭނަގެ ހިތް މަރުވެ އުއްމީދު ކެނޑޭ ގޮތަށް ވާހަކަ ދެއްކުމެވެ.. މިއާދަ އަހަރުމެން ތެރޭން ކެނޑިގެން ނޫނީ މީހުންވެސް އަދި މުޖުތަމައުވެސް ކުރިއެއް ނާރާނެއެވެ އައިނަކަށް ނަމެއް ކީ ގޮތް ކަމުނުގޮސްގެން ކޮމެންޓު ކުރާެއިރު އަމިއްލަ ދަރީންނަށްވެސް ތިޔަ ޒާތް ޒާތުގެ ފަރަންޖީ ނަން ކިޔާ ނުވަތަ މޮޅު ވަނަމަކުން މުހާތަބު ކުރަނީ ކިތަށް މީހުން ހެއްޔެވެ...ނޫނީ ގެންގުޅޭ ޖަނަވާރަށް ގޮވަނީ ކޮން ނަން ތަކަކުން ހެއްޔެވެ.. އަހަރެމެން ތަންކޮޅެއް ތަހުޒީބުވާނީ ކޮން ދުވަހަކުންބާއެވެ.. ހަޅާލު ހެޔޮ ގޮތުގަ އަމިއްލަ މަސައްކަތް ކޮށްގެން ކާމިޔާބު ލިބުމަކީ ކިހާ އުފާވެރި އިހްސާސެއްކަން އެނގޭނީ އެކަމުގައި ވަގުތު ހޭދަކުރާ ބަޔަކަށެވެ. ވީމާ އަހަރެމެން ވެސް ދޭންވީ އެ ސޮރަށް ހިތްވަރެވެ. ކޮށްދޭންވީ ހެޔޮގޮތްވުމަށް ދުއާއެވެ..

The name is already taken The name is available. Register?

ޝައްފަ

08 February 2022

Really like this sunglasses. Durable frame,، Good weight,، materials and Fit and finish is top notch. I would recommend this brand its really high quality plus attractive

The name is already taken The name is available. Register?

ާައައްމަޑޭ

08 February 2022

މަ އިނދެގެން އުޅޭ އަނބިމީހާއަށް މިހާރު ވެލެންޓިއާގޯ އައިނު ގަނެދިންފަހުން އަބަދުވެސް ސެލްފީ ނެގުމުގަ، އޭނައަށް މާކަމުގޮސްގެން މި އައިނުގެ ކޮލެޓީ ކަމާ އެއްވަރަށް މީގެ މޮޅު ވާހަކަ ދައްކާނި. ދެން ކޮންއިރަކުންތަ މިއަހަރުގެ ނިއު ކަލެކްޝަން ނިކުންނާނީ؟

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

08 February 2022

ސާބަހޭ ބްރަދާ.

The name is already taken The name is available. Register?

ހިއްވަރުކޮއްލާ

08 February 2022

މޮޅު. ހިއްވަރުކޮއްލާ!

The name is already taken The name is available. Register?

ނަށާ

08 February 2022

ތި ކުއްޖާ ތީ ވަރައް ރަގަޅު ދަރިއެއް. އަޙްލާގުވެސް އެއްވަނަ. ވަރައް ރީތިވާނެ ޤުރުއާން ކިޔަވާލެއްވެސް. ދައްތަދޭނެ ނަސޭހަތަކީ ކެރިގެން ހިއްވަރާ އެކު ކުރިމަތިލަންޏާ ކޮންމެ ކަމެއްވެސް ވާނެ. އިރާދަކުރެއްވިއްޔާ އަދިވެސް ކުރިއަރާނެ. ކުރިއަށް ވުރެ އުޖާލާ މުސްތަގުބަލަކަށް އެދެން.

The name is already taken The name is available. Register?

ނަށާ

08 February 2022

މީހަކު ރަނގަޅު ކަމެއް ކުރިއަސް އެކަން ބަލައިގަންނާކަށް ދިވެހިންނަކަށް ނޭންގޭނެ.. ކޮމެންޓް ކުރާއިރުވެސް މިކަމަށް ސަމާލުކަން ދިނުން ވ. މުހިއްމު. ވަރަށް މަރުހަބާ ރާދިފް! ﷲ ތިކުއްޖާއަށް އިތުރުކާމިޔާބީ ދެއްވާށިއެވެ.

The name is already taken The name is available. Register?

ޞވވވ

08 February 2022

މިލިޔުމުގެ އެއްމެ ލަފްޒެއް ފެންނަ އިރަށް މަށަށް އެނގިއްޖެމިއީ ނަދީމުގެ ލިޔުމެއްކަން. "ޔޯލައެވެ." ނަދީމަކީ އަބދުވެސްތަފާތު ލިޔުންތެރިއެއް

The name is already taken The name is available. Register?

ފޮނިފޮނިޓައްޕު ކުމާރު

08 February 2022

ރަދީފުއާ ރާދިފްއާ އެއްވެސް ތިމާގެގުޅުމެއްވޭބާ؟ ނަން އެއްގޮތްވީމާ ހަމައަހާލެވުނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454