ޚަބަރު / ސުޕްރީމް ކޯޓް

ކައުންސިލްތަކަށް ކޯޓުގައި ތަމްސީލު ނުކުރެވޭނެ ކަމަށް ނިންމި މައްސަލާގައި ސުޕްރީމް ކޯޓުގައި ބަހުސެއް ނެތް

ސުޕްރީމް ކޯޓު: ކައުންސިލްތަކަށް ކޯޓުތަކުގައި ދައުލަތް ތަމްސީލު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމި މައްސަލާގައި އެއްވެސް ބަހުސެއް ނެތި ސުޕްރީމް ކޯޓުން ވަނީ ހުކުމާ ހަމައަށް ގޮސްފައި --- ފޮޓޯ/މިހާރު

09 ފެބުރުއަރީ 2022 - 11:52

ރަށްރަށުގެ ބިންތަކުގެ މައްސަލަތަކުގައި ކައުންސިލްތަކަށް ކޯޓުތަކުގައި ދައުލަތް ތަމްސީލު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ކަނޑައެޅީ ގާނޫނާ ޚިލާފަށް ކަމާ މެދު ސުޕްރީމް ކޯޓުގައި އެއްވެސް ބަހުސެއް ހިނގުމެއް ނެތި، އެ މައްސަލައިގެ ހުކުމާ ހަމައަށް މިއަދު ހިނގައްޖެ އެވެ.

އދ. ފެންފުށީ ބިމެއްގެ މައްސަލައިގައި ހައި ކޯޓުން މިދިޔަ އަހަރު ނިންމާފައި ވަނީ ބިމުގެ މައްސަލަތަކުގައި ކައުންސިލްތަކަށް ކޯޓުތަކުގައި ދައުލަތް ތަމްސީލު ނުކުރެވޭނެ ކަމަށާއި އެކަން ކުރެވޭނީ އެޓާނީ ޖެނެރަލަށް ކަމަށެވެ. އެގޮތަށް އެ ކޯޓުން ނިންމީ އާންމު ރައްޔިތަކު ފެންފުށީ ކައުންސިލާ ދެކޮޅަށް ހުށަހެޅި މައްސަލައެއްގައި އެ ކައުންސިލް ތަމްސީލު ކުރާނެ ވަކީލަކު ހޯދެން ނެތް ކަމަށް އެ ކައުންސިލުން ހައި ކޯޓަށް އެންގުމުންނެވެ.

ހައި ކޯޓުން ނިންމާފައިވަނީ ކައުންސިލްތަކަކީ ވަކި ގާނޫނީ ޝަހްސުތަކަކަށް ވިޔަސް، ކޯޓުތަކުގައި ދައުލަތް ތަމްސީލު ކުރުމުގެ ބާރެއް ކައުންސިލްތަކަށް ނެތް ކަމަށާއި އެކަން ކުރެވޭނީ ހަމައެކަނި އެޓާނީ ޖެނެރަލަށް ކަމަށެވެ. އެ ނިންމުމުގެ ސަބަބުން ކައުންސިލްތަކުގެ ބާރު ހަނިވެގެންދާ ކަމަށް ބުނެ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރީ އެޓާނީ ޖެނެރަލްގެ ފަރާތުންނެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ މުއައްސަސާތަކަކަށް ވާތީ، ކައުންސިލްތަކުގެ ބާރު ހިނގާ ބިންތަކުގެ މައްސަލަތަކުގައި އެޓާނީ ޖެނެރަލަށް ކޯޓުތަކުގައި ތަމްސީލު ނުކުރެވޭނެ ކަމަށެވެ. އަދި އެޓާނީ ޖެނެރަލްގެ ފަރާތުން އެފަދަ މައްސަލަތަކުގައި ވަކާލާތު ކުރާނީ އާންމު މަސްލަހަތު ހިމެނޭ މައްސަލަތަކުގައި އެކަނި ކަމަށާއި އެހެންވެ، ހައި ކޯޓުގެ ނިންމުން ގާނޫނާ ޚިލާފު ކަމަށް ދައުލަތުން ބުުންޏެވެ.

ދައުލަތުން ބުނިގޮތުގައި ހައި ކޯޓުގެ އެ ނިންމުމުގެ ސަބަބުން މަސްލަހަތު ފުށުއަރާ ހާލަތުތައް ވެސް އައުމުގެ ފުރުސަތު އެބައޮތެވެ. އޭގެ ތެރޭގައި އެހެން ގާނޫނުތަކުގެ ދަށުން އުފެދޭ މިނިވަން މުއައްސަސާތަކަށް ލަފާ ދިނުމަކީ އެޓާނީ ޖެނެރަލްގެ ޒިންމާގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވުމުގެ އިތުރުން ކައުންސިލްތަކުން ސަރުކާރުގެ އެކި އިދާރާތަކާއެކު ހިނގާ މުއާމަލާތުތަކުގައި ދެބަސްވުންތައް އުފެދޭ ހާލަތުތަކުގައި ދެ ފަރާތް ތަމްސީލު ކުރަން އެޓާނީ ޖެނެރަލަށް ޖެހުމަކީ މަސްލަހަތު ފުށުއަރާނެ ކަމެއް ކަމަށް ދައުލަތުން ބުންޏެވެ.

ފެންފުށީ ކައުންސިލްގެ ފަރާތުން ވަކާލާތު ކުރާނެ ވަކީލަކު ނެތުމުން، އެ ކައުންސިލްގެ ފަރާތުން ސުޕްރީމް ކޯޓުން ވާހަކަ ދެއްކީ ކައުންސިލްގެ މުވައްޒަފެކެވެ. އޭނާ ބުނީ އެކަމުގައި ކައުންސިލުން ބުނާނެ އިތުރު އެއްޗެއް ނެތް ކަމަށެވެ.

ހައި ކޯޓަށް މައްސަލަ ހުށަހެޅި މީހާގެ ފަރާތުން ބުނީ، ހައި ކޯޓުން އެ ގޮތަށް ނިންމީ ދެ ފަރާތަށް އެކަމުގައި ވާހަކަ ދައްކަން ފުރުސަތު ދިނުމެއް ނެތި ކަމަށެވެ. އޭނާގެ ފަރާތުން ވެސް އެދުނީ ހައި ކޯޓުގެ ނިންމުން ބާތިލްކޮށް ދިނުމަށެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ނިމެންދެން، ހައި ކޯޓުގެ ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށް ދައުލަތުން އެދިފައިވާތީ އެކަމާ މެދު ގޮތެއް ނިންމައިދޭން ދައުލަތުން މިއަދު އެދުނެވެ. އެކަމަކު، ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ވަގުތީ އަމުރެއް ނެރުމުގައި ބަދަލުގައި އެ މައްސަލަ ވަރަށް އަވަހަށް ނިންމަވާނެ ކަމަށެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ސުއޫދެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454